މުލީ ބަނދަރަށް ގިނަ އަދަދެއްގެ އެން ވަދެއްޖެ

އާންމު ގޮތެއްގައި މަސްވެރިން އެންދަމަންދަނީ ދިރިއުޅޭ ރަށްރަށާއި ދުރުގައި އޮންނަ ފަޅުފަޅުންނެވެ. ނަމަވެސް މ. އަތޮޅުގެ ގިނަ މަސްވެރިން މިއަދު އެންދަމަމުން ދަނީ މ. މުލީގެ ބަނދަރުނެވެ.

މުލީގައި ހުންނަ ސަން އޮންލައިންގެ މޮނީޓާ ރިޝާދު މުހައްމަދު މިއަދު ސަން އަށް ބުނީ އެރަށު ބަނދަރަށް ގިނަ އަދަދަކަށް "މުގުރާން" ވަދެފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ 1200 ފޫޓް ދިގު އަދި 300 ފޫޓް ފުޅާ ބަނދަރު އެއްކޮށްހެން މުގުރާން ވަދެފައިވާ ކަމަށް ރިޝާދު ބުންޏެވެ.
މުލީ ބަނދަރުން ދޯންޏެއްގެ ބަޔަކު އެން ދަމަނީ-- ސަން ފޮޓޯ: ރިޝާދު

"މުޅި ބަނދަރު އޮތީ ކަޅުވެފައި، ވަރަށް ގިނަ އަދަދަކަށް މުގުރާން ވަދެފައި އެބައޮތް، މުގުރާން ވަދެފައި ވަނީ ވެސް މިއަދު،" ރިޝާދު ބުންޏެވެ.

މ. އަތޮޅަށް މަސްވެރިކަން ކުރަން ގޮސް އުޅޭ ގިނަ އަދަދެއްގެ މަސް ދޯނި ފަހަރާއި މުލީ އާއި ކައިރި ރަށްރަށުގެ މަސް ދޯނިފަހަރު ވެސް މިހާރު ދަނީ މުލީ ބަނދަރުން އެން އަޅަމުން ކަމަށް ރިޝާދު ބުންޏެވެ.

"ބަނދަރުގައި ކިޔޫގައި ދޯނިތައް އެބަހުރި، ބައެއް ދޯނިތަކުން އެން އަޅައިގެންގޮސް މަސް ބާނައިގެން އަނެއްކާ ވެސް އެން އަޅަން އެބައާދޭ." ރިޝާދު ބުންޏެވެ.
މުލީ ބަނދަރުން ދޯންޏެއްގެ ބަޔަކު އެން ދަމަނީ-- ސަން ފޮޓޯ: ރިޝާދު

ރިޝާދު ބުނިގޮތުގައި އެކަން ވެފައި ވަނީ އެރަށަށް މިއަދު އައި "އުވާފެރި" ކަމަކަށެވެ. އެގޮތުން ބަނދަރުން އެންއަޅާ މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެފައިވާ ކަމަށް ބުންޏެވެ.

މުލީ މީހުން ބުނާ ގޮތުން ނަމަ އެރަށު ބަނދަރުން ނުވަތަ ފަޅު ތެރެއިން ވެސް ފަހުގެ ތާރީހެއްގައި މުގުރާން ފަދަ އެއްޗެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު