ލަންކާ އަށް ގެއްލުނު ޝިމްހާދު ފެނިއްޖެ

ސްރީލަންކާ އަށް ބޭސްފަރުވާ އަށް ގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ބ. އޭދަފުށީ އަހުމަދު ޝިމްހާދު ފެނިއްޖެ ކަމަށް މިނިސްޓްރީ އޮފް ފޮރެން އެފެއާޒް އިން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސްރީލަންކާގައި ގެއްލިގެން ހޯދަމުން ދިޔަ ދިވެހި ޒުވާނާ މިހާރު ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ފެނިފައި ވަނީ ސްރީލަންކާގެ ކޮން ހިސާބަކުން ކަމެއް އަދި ކޮން ދުވަހަކު ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލް އިތުރަށް ވިދާޅުވީ އެ މައްސަލައާ ގުޅޭ ތަފްސީލީ ބަޔާނެއް ފޮރިން މިނިސްޓްރީ އިން މިއަދު ނެރޭނެ ކަަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އާއިލާއާ އެކު ރަށުގައި ދިރިއުޅެމުން އަންނަ ޝިމްހާދު، ލަންކާ އަށް ފުރާފައި ވަނީ، މިމަހުގެ އަށް ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ ލަންކާ އަށް ފުރިކަން އާއިލާ އަށް ވެސް އަންގާފައެއް ނުވެ އެވެ.

ޝިމްހާދު ގެއްލުނު މައްސަލަ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަަމަށް ފުލުނުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ޝިމްހާދު ލަންކާގައި ހުރިކަން އެނގުނީ، އޭނާ ލަންކާގެ ނަންބަރަކުން މާލޭގައި ހުރި ރަހްމަތްތެރިއަކަށް ގުޅާފައި ލަންކާގައި ހުރިވާހަކަ އޭނާގެ ކޮއްކޮއެއް ކައިރީގައި ބުނެދިނުމަށް އެދުމުންނެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާ އިން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު