ވަކީލަކު ހަމަޖައްސަން އެއް މަސް ދުވަހުގެ ފުރުސަތެއް ހުމާމަށް ދީފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހްމަދަށް ވަކީލަކު ހަމަޖައްސަން އެއް މަސް ދުވަހުގެ ފުރުސަތު ހައިކޯޓުންދީފިއެވެ.

ވަކީލަކު ހަމަޖެއްސުމަށް ހުމާމަށް އެ ފުރުސަތު ދީފައި ވަނީ އޭނާއަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް އިސްތިއުނާފުކުރުމާ ގުޅިގެން ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ހުމާމް އެގޮތަށް އެދުމުންނެވެ.

ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމްގައި ބުނެފައި ވަނީ 2012 އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ހ. ފުންފވިލުގެއަށް ގޮސް ހުމާމް، އަފްރާޝީމަށް ތޫނުއެއްޗަކުން ހަމަލާދީ އަވަހާރަކޮށްލާފައިވާކަން ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވެފައިވާ އިއުތިރާފާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ތަކުރާރުކޮށް ޝަރީއަތުން ސުވާލުކުރުމުން ޑރ. އަފްރާޝީމް އަވާހަރަކޮށްލި ކަމަށް ހުމާމް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެ އަމިއްލަ އިހުތިޔާރުގައި އޭނާ ބަޔާނެއް ދީފައިވާ އިރު އެ ބަޔާނަކީ ސައްޚަ ބަޔާނެއް ކަމާއި އޭގައި ހުރި ކަންތައްތަކަށް ވެސް ހުމާމް ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެން ކައިރިވެފައިވަނިކޮށް ދައުވާއަށް އިންކާރު ކުރުމަށް ފަހު ކުރިން އިއުތިރާފުވީ މަރާލާނެކަމަށް ބުނެ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުން ބިރުދެއްކުމުން ކަމަށް ހުމާމް ބުނި ނަމަވެސް، ހުމާމް ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަންތައްތަކާއި ދައުލަތުން ހުށަހެޅި ހެއްކަކު ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހާއި އެއްގޮތްވުމަކީ އިއްތިފާގެއް ކަމަށް ސަލާމަތް ބުއްދިއަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުމާމާއި ދިމާވި ކަމަށާއި "މިޝަން މިހާރު ހަމަޖެހިއްޖެ ކަމަށް" ހުމާމް ބުނެފައިވާ ކަމަށް ދައުލަތުން ހުށަހެޅި ހެކިވެރިޔާ ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި އެވަގުތު ހ. ހިކޯސްޓް އަލީ ޝާން ވެސް އެތަނުގައި ހުރި ކަމަށާއި އޭނާގެ އަތުގައި އެވަގުތު ވަޅިއެއް އޮތްކަމަށް ހެކިބަސް ދީފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ހުމާމާއި އަލީ ޝާންއާ ދެމީހުން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އެހާކަންހާއިރު ހ. ފުންވިލުގޭގެ ދޮރާށިން ވަތް މަންޒަރު ފެނުނު ކަމަށާއި އަދި ހަމަ އެވަގުތު "ފޮތްތަކެއް ހިފައިގެން" ޑރ. އަފްރާޝީމް ވެސް އެގެއަށް ވަދެވަޑައިގަތް މަންޒަރު ފެނުނު ކަމަށް ހެކިވެރިޔާ ހެކިބަސްދީފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމް ގެއަށް ވަދެވަޑައިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުމާމްގެ އަތުގައި ލޭ ހޭކިފައި އޮތް ކަތިވަޅިއެއް އޮއްވައި ފެނުނު ކަމަށާއި އެވަގުތު އޭނާގެ އަތުގައި ވެސް ލޭ ހޭކިފައި ހުރިކަމަށް ހެކިވެރިޔާ ހެކިބަސްދީފައިވާ ކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ. ހަމަ އެވަގުތު ފުންވިލުގޭ ސިޑިކައިރީ ޒަޚަމްތަކާ އެކު ޑރ. އަފްރާޝީމް ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ކަމަށް ހެކިވެރިޔާ ހެކިބަސްދީފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެރޭ ހުމާމް ލައިގެން ހުރި ޖީންސްގެ އެތެރެއިން އޭނާގެ ޑީއެންއޭއާއި ޑރ. އަފްރާޝީމްގެ ޑީއެންއޭ ފެނުނުކަމަށް ފޮރެންސިކް ތަހުލީލު ރިޕޯޓުން އެނގެން އޮންނައިރު އެ ރިޕޯޓަކީ ސައްޚައެއްޗެއް ކަމަށް ތަހުލީލު ކުރި ފަރާތުން ޝަރީއަތުގައި ހެކިބަސްދީފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ހާދިސާ ހިނގިތަނުން ހުމާމް ފެނުނުކަމަށް ބުނެ ހެކިބަސްދީފައި ވަނީ އިސްލާމްދީނުގައި ބުނާ ހެކީންގެ ޝަރުތު ފުރިހަމަވާ މީހެއް ނޫން ކަމަށާއި އޭނާ އަކީ ފާސިގެއްކަމަށް ހުމާމްގެ ދިފައީ ވަކީލު ވިދާޅުވި ނަމަވެސް ހެކިވެރިޔާއަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އިއުތިރާފުން ރުޖޫއަ ނުވެވޭ ހާލަތްތަކެއް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކަމެއްގައި އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އިސްލާމީ ޝަރީއަތުގެ އިތުރުން ދިމިގްރާތީ ގައުމުތަކުގެ ކޯޓުތަކުން އެފަދަ މައްސަލަތަކުގައި ކޮށްފައިވާ ހުކުމްތަކަށް ވެސް ރިއާޔަތްކޮށްފައިވެ އެވެ. އެގޮތުން މަރުގެ މައްސަލައެއްގައި އެމެރިކާގެ ކޯޓަކުން ކޮށްފައިވާ ހުކުމެއްގައި، ދައުވާ ލިބޭ ފަރާތުން ކުށުގެ ނަތީޖާ އެނގި ހުރެ ކުށަށް އިއުތިރާފުވެއްޖެ ނަމަ، އޭނާ އެ ދޫކޮށްލަނީ ލިބިފައިވާ ހުރިހާ ހައްގުތަކެއް ކަމަށާއި އެ ހައްގުތައް އަލުން ލިބިނުދެވޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު