އެބޯލާ އެންމެ ފަހުން ފެނުނު ތިން ގައުމުން އެބަލި ނައްތާލައިފި

އެއިޑްސް އަށް ފަހު ދުނިޔެ ދުށް އެންމެ ނުރައްކާތެރި އެއް ބަލިކަމުގައިވާ އެބޯލާ ބައްލި އެންމެ ފަހުން ފެނުނު ތިން ގައުމަކުން ކާމިޔާބުކަމާ އެކު އެބަލި ނައްތާލެވިއްޖެ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު އެޗް އޯ) ބުނެފި އެވެ.

ޑަބްލިއު އެޗް އޯއާ ހަވާލާދީ ސީއެންއެން އިން މިއަދު ބުނި ގޮތުގައި އެންމެ ފަހުން އެބޯލާ ބަލި ޖެހިފައިވާ މީހުން ފެނުނު، ނައިޖީރިއާ، ސްޕެއިން އަދި އެމެރިކާއަކީ މިހާރު އެ ނުރައްކާތެރި ބަލި ނައްތާލެވި އަދި "އެބޯލާ ފްރީ" ގައުމުތަކެއް ކަމަށެވެ.

ދެކުނު އެފްރިކާގެ ސިއެރާ ލިއޯން، ގިނީ އާއި ލައިބީރިއާއަށް ފަހު ދެން އެބޯލާ ފެނުނީ ހަމަ އެހިސާބުގައި އޮންނަ ނައިޖީރިއާއިންނެވެ. ސީއެންއެން އިން ބުނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް ނައިޖީރިއާގައި އެބޯލާ ބަލި ޖެހިފައި ވަނީ ޖުމްލަ 19 މީހުންނަށް ކަމަށެވެ. އަދި އެ 19 މީހުންގެ ތެރެއިން ހަތް މީހުން މަރުވެފައިވާ އިރު ދެން ތިބި މީހުން ވަނީ އެބަލިން ސަލާމަތްވެފައި ކަމަށް ވެސް އެނޫހުން ބުނެފައިވެ އެވެ. ނައިޖީރިއާގައި ކާމިޔާބުކަމާ އެކު އެބޯލާ ބަލި ކޮންޓްރޯލް ކުރެވިފައި ވަނީ އެގައުމުގެ ސަރުކާރުގެ ވަރަށް ބޮޑު އެހީއެއް ލިބިގެން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނި ކަމަށްވެ އެވެ.

"މިއީ ކާމިޔާބީގެ ވާހަކައެއް. މިވާހަކައިން ދައްކައިދެނީ އެބޯލާ ބައްޔަކީ އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ބައްޔެއްކަން.. މިވާހަކަ އިން އެބޯލާ ބަލި ފެނިފައިވާ ބޮޑެތި މުއްސަނދި ގައުމުތަކުން ފިލާވަޅެއް ލިބިގަންނަން ޖެހޭނެ." މިދިޔަ ހޯމަ ދުވަހު ޑަބްލިއު އެޗް އޯގެ އޮފިޝަލަކު ސީއެންއެން އަށް ބުންޏެވެ.
ސްޕެއިން އިން އެބޯލާ ބަލި ޖެހުނު ނަރުސް ޓެރޭސާ ރޮމޭރޯޒް---

ދެކުނު އެފްރިކާގެ ގައުމުތަކުގެ ބޭރުން އެބޯލާ ބަލި ދެން ފެނުނީ ސްޕެއިންއިންނެވެ. އެގައުމުގައި ހުންނަ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އައި ނަރުހެއް ކަމަށްވާ ޓެރޭސާ ރޮމޭރޯޒް އަށް އެބަލި ޖެހުނީ އޭނާ ފަރުވާދިން ދެމީހުންގެ ގައިން ކަަމަށް މީޑިއާގެ ރިޕޯޓުތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. ޑަބްލިއުއެޗް އިން ބުނި ގޮތުގައި ރޮމޭރޯޒް އަށް ބަލިޖެހުމާ އެކު އޭނާ އަށް ފަރުވާާދޭން ފަށާފައިވާ ކަމަށާއި މިހާރު ރޮމޭރޯޒް ވަނީ އެބަލިން ސަލާމަތްވެފައި ކަމަށެވެ. އަދި އޭނާއާ ގާތްވެ އުޅުނު 15 ވަރަކަށް މީހުން ވަނީ މޮނީޓަރު ކުރުމަށް ކަރަންޓީންކޮށްފައިކަމަށާއި އެމީހުންގެ ގައިން އެބޯލާ ބަލީގެ އެއްވެސް އަލާމާތެއް އަދި ފެނިފައިނުވާ ކަމަށް ވެސް މީޑިއާ އިން ބުނެފައިވެ އެވެ.
އެމެރިކާ އިން އެބޯލާ ބަލި އެންމެ ފުރަތަމައަށް ފެނުނު މީހާ ތޮމާސް އެރިކް ޑަންކަން---

ސްޕެއިންއަށް ފަހު އެބޯލާ ވަނީ އެމެރިކާގައި ވެސް ވަޒަންވެރިވާން މަސައްކަތްކޮށްފަ އެވެ. އެމެރިކާގެ ޓެކްސަސްގައި އެބޯލާ ބަލި ޖެހިގެން މަރުވި ތޮމާސް އެރިކް ޑަންކަން އަކީ އެގައުމުން އެބަލި ފެނުނު އެންމެ ފުރަތަމަ މީހާ އެވެ. އަދި ތޮމާސް އެބޯލާގެ ސަބަބުން މަރުވުމުން އޭނައާ ގާތްވެ އުޅުނު 48 މީހުން ވަނީ ޓެކްސަސްގެ ކޯޓުގެ ހުކުމެއްގެ ދަށުން ވަގުތުން ކަރަންޓީންކޮށްފައި ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ. އެގޮތުން ކަރަންޓީން ކުރި އެންމެން ވެސް ވަނީ 21 ދުވަސްވަންދެން މޮނީޓަރު ކުރުމަށް ފަހު އެބޯލާ ބަލި ނެތްކަމަށް ނިންމާ، ދޫކޮށްލާފައި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

"އަހަރުމެން ވަރަށް އުފާވޭ މިހުރިހާ ކަމެއް ނިމުމަކަށް އަންނާތީ. އަދި އަހަރުމެން ޝުކުރުވެރިވަން އަހަރުމެންގެ ތެރެއިން އެކަކަށް ވެސް އެބަލި ޖެހިފައި ނުވުމުން." އެބޯލާ ބަލި ޖެހިގެން އެމެރިކާ އިން މަރުވި އެންމެ ފުރަތަމަ މީހާ ތޮމާސް އެރިކް ޑަންކަންގެ ފިއާންސޭ ސީއެންއެން ބުންޏެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު