އިންވެސްޓްމެންޓްގެ ދާއިރާ އިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާ އެކު މަސައްކަތް ކުރާނަން: އޭޑީބީ

އިންވެސްޓްމެންޓާއި މައުލޫމާތުގެ ދާއިރާއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރަން ރާއްޖެއާއި ސްރީލަންކާ ސަރުކާރާ އެކު މަސައްކަތްކުރާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ބުނެފި އެވެ.

އޭޑީބީގެ ފަރާތުން މިކަން ހާމަކުރެއްވީ ޓްރޭޑާސް ހޮޓަލުގައި މިއަދު އޮތް "ޑަބްލިއުސީއޯ-އޭޑީބީ ޖޮއިންޓް ސަބް ރީޖަނަލް ވޯކްޝޮޕް އޮން ކަސްޓަމްސް ވެލުއޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކްގެ ރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ސްޕެޝަލިސްޓް ރޮޒެލިން މެކެންޒީ އެވެ.

"... ކުރިމަގުގައި ސަސެކްގެ ހަރަކާތްތަކުގައި ރާއްޖެއާއި ސްރީލަންކާ އިން ބައިވެރިވާން އޭޑީބީ އެދޭ. އަދި އޭޑީބީ ކައުންޓްރީ ޕްރޮގްރާމިން ޕްރޮސެސް މެދުވެރިކޮށް، އިންވެސްޓްމެންޓާއި މައުލޫމާތުގެ ދާއިރާއިން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝްއާއި އިންޑިއާ ގުޅިގެން އުފެއްދި ސަސެކްގެ މެމްބަރުކަން ރާއްޖެއާ ސްރީލަންކާ އަށް ދިނުމަށް އޭޑީބީން ހުށަހެޅުމުން އެކަން އެގޮތަށް ކޮށްފައިވާ ކަމަށެވެ.

"... ސަސެކް އުފެއްދި ހަތަރުގައުމުކަމަށްވާ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ އަދި ނޭޕާލް، ގެ މިނިސްޓްރީ އޮފް ފައިނޭންސްގެ ޖޮއިންޓް ސެކްރެޓަރީން، އޭޑީބީގެ ހުށަހެޅުންތަކާ އެއްގޮތަށް އިއްތިފާގުން ނިންމާފައި ވަނީ ފުރިހަމަ މެމްބަރުންގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ސަސެކްގެ ހުރިހާ ބައްދަލުވުންތަކަކާއި އިވެންޓްތަކެއްގައި ފުރިހަމަ މެމްބަރުންގެ ގޮތުގައި ބައިވެރިވުމަށް. ރާއްޖެއާއި ސްރީލަންކާ ބައިވެރިކުރުމުން ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަމް ( ސާކް) އާ ގުޅިގެން މަސައްކަތް ކުރަން ސަސެކްއަށް ފަސޭހަވާނެ. އެއީ ދެގައުމަކީ ވެސް ސާކްގެ ހަރަކާތްތެރި މެމްބަރުންނަށް ވާތީ،" މެކެންޒީ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ސަސެކްގެ އެހެން މެމްބަރުންނާއި ގުޅިގެން ހިންގާ ވިޔަފާރިއާއި ދަތުރުފަތުރާއި ހަކަތައިގެ ދާއިރާތަކުގެ މަޝްރޫއުތަކާއި މީހުންގެ ގާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށާއި ސްރީލަންކާއަށް ވެސް ލިބިގެންދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު