ޑިސެބިލިޓީ އިންޝުއަރެންސް ރާއްޖޭގައި ތައާރަފު ކުރެވޭނެ: ކޮންސަލްޓަންޓް

ވަޒީފާގައި އުޅެނިކޮށް ނުކުޅެދޭ ހާލަތެއް ދިމާވާ ފަރާތްތަކަށް "ޑިސެބިލިޓީ އިންޝުއަރެންސް"ގެ ނަމުގައި އިންޝުއަރެންސް ސުކީމެއް ތައާރަފްކުރުމަށް ޕެންޝަން އޮފީހަށް ލަފާދޭ ވޯލްޑް ބެންކްގެ ކޮންސަލްޓަންޓުގެ ރިޕޯޓް ޕެންޝަން އޮފީހަށް ހުށައަޅައިފި އެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު 'ސަން' އަށް ވިދާޅުވީ ޑިސެބިލިޓީ އިންޝުއަރެންސް ތައާރަފް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލަފާ ދިނުމަށް ވޯލްޑް ބެންކްއިން ހަމަޖައްސައިދީފައިވާ ކޮންސަލްޓަންޓްގެ ދިރާސާތައް ނިންމައި އެރިޕޯޓް މިހާރު ޕެންޝަން އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ. އެރިޕޯޓް ބުނާ ގޮތުން ޑެސެބިލިޓީ އިންޝުއަރެންސެއް ތައާރަފް ކުރުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ކަމަށް ކޮންސަލްޓަންޓް ލަފާދީފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ކޮންސަލްޓަންޓް ހުށައަޅާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން އެއިންޝުއަރެންސް ތައާރަފް ކުރެވިދާނެ ގޮތްތަކެއް އެބަހުރި ހުށައަލާފައި، ދެން މި މާހޯލުގައި އެކަން ކުރެވޭނެ އުސޫލްތަކެއް އަޅުގަނޑުމެން ޖެހޭނީ ކަނޑައަޅަން،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ޕެންޝަން އޮފީހުން ކޮންސަލްޓަންޓް ހުށައެޅި ރިޕޯޓް މުރާޖާ ކުރުން ކަމަށާއި އެއަށް ފަހު ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު އެރިޕޯޓާ މެދު މަޝްވަރާކުރެވޭނެ ކަމަށެވެ. ނަމަވެސް އެ އިންޝުއަރެންސް ތައާރަފް ކުރެވޭނެ ވަކި މުއްދަތެއް އަދި ވިދާޅުވުމަށް ނޭނގެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދިމާވާކަމަކުން "ދެރަ ގޮތެއް" މެދުވެރިވާ މުވައްޒަފުންނަށް އެހީތެރިވެދޭ އެ އިންޝުއަރެންސް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މުވައްޒަފަކަށް ލިބޭ ގެއްލުމުން އޭނާ ވަޒީފާއާއި ދުރަށް ދާންޖެހޭ ހާލަތެއްގައި އެ އިންޝުއަރެންސްގެ ދަށުން ކޮންމެ މަހަކު ވެސް އޭނާ އަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އިނާޔަތެއް ލިބޭނެ ކަމަށް މަނިކު ވިދާޅުވި އެވެ.

ޕެންޝަން ގާނޫނު ބުނާ ގޮތުން ޑިސެބިލިޓީ އިންޝުއަރެންސް އެއް ތައާރަފް ކުރުމުގެ ފުރުސަތު ޕެންޝަން އޮފީހަށް ލިބިގެންވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު