ލޯންޗު އެކްސިޑެންޓުގައި އުނޫޝާ އަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައި: ފިރިމީހާ

ރޭގެ ވަގުތެއްގައި ހިނގި ލޯންޗް އެކްސިޑެންޓުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް "ފުރާނައަށް ނުރައްކަލެއް ނެތް" ކަމަށް އުނޫޝާގެ ފިރިމީހާ އިބްރާހިމް ހަމީޝް ބުނެފި އެވެ.

އޭޑީކޭގައި ކިޑީއަށް ފަރުވާދެމުން އަންނަ އައިސީޔޫގެ ކޮޓަރި ކައިރީ ހުރެގެން ހަމީޝް މިއަދު "ސަން" އަށް ބުނީ ރޭގެ އެކްސިޑެންޓުގައި އުނޫޝާ އަށް ސީރިއަސް ބޮޑު އަނިޔާއަކަށް ލިބިފައި ވަނީ އޭނާގެ ކަނާއަތުން ކަށިކޮޅެއް ބިނދުން ކަމަށާއި ފުއްޕާމޭ ކައިރިން ލޭ އައިސްފައި ހުރުން ކަމަށެވެ.

އޭގެ އިތުރުން ކޮނޑާ ދިމާލުން ފަހަތުން ކަށިކޮޅަކަށް ގެންލުން ލިބިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންގޮސް ތަދު ކަނޑުވާ ބޭސް ދިނުމުގެ ކުރިން އުނޫޝާ އަށް ނޭވާ ނުލެވިފައި އޮތް ކަމަށް ހަމީޝް ބުންޏެވެ. ނަމަވެސް މިހާރު ބަރާބަރަށް ނޭވާ ލެވޭ ކަމަށް ހަމީޝް ބުންޏެވެ.

ހަމީޝް ބުނީ އުނޫޝާގެ މޫނުގެ ކަށިތަކުގައި ކުދިކުދި ރެނދުތަކެއް ވެސް ހުރި ކަމަށެވެ. އަދި ސައިނަސް ހުންނަ ހިސާބަށް ކުޑަ ލޭކޮޅެއް އެޅިފައިވާ ކަމަށާއި ނަމަވެސް ބޮލުގެ ނާށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އުނޫޝާ ބެއްލެވި ޑޮކްޓަރުން ބުނާ ކަމަށެވެ.

"ކިޑީއަކީ ވަރަށް ހިތްވަރުގަދަ މީހެއް. މި ހިތާމަވެރި ދަނޑިވަޅުގައި ކިޑީ އަށް އަވަސް ޝިފާއަކަށް އެދި ދުއާކޮށްދީ އެހީތެރިވެ ދިނުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" ހަމީޝް ބުންޏެވެ.

ކިޑީގެ ހަށިގަނޑަށް އެކްސިޑެންޓުގެ ސަބަބުން ލިބިފައިވާ އަނިޔާތައް މޮނިޓާކުރުމަށް އޭނާ 48 ގަޑިއިރު ވަންދެން އައިސީޔޫގައި ބާއްވަން އޭނާ ބަލަމުން އަންނަ ޑޮކްޓަރުން ބުނެފައިވާ ކަމަށް ހަމީޝް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު