ޓްރިވެންޑްރަމް: ނިމުމެއް ނެތް ދަތުރެއްތަ؟

އަވަށްޓެރި އިންޑިއާގެ ތިރުވަނަންތަޕޫރަމް ނުވަތަ ޓްރިވެންޑްރަމަށް ދާދި މިދާކަށް ދުވަހު ދަތުރެއް ކުރީމެވެ. އެއީ ޗުއްޓީ ހަދާލައި އުފާކޮށްލުމަކަށް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑު ފަދަ ގިނަ އެހެން ދިވެހީންވެސް އެތަނަށް ދާން މަޖުބޫރުވާ ފަދައިން ބޭސް ފަރުވާއަކަށް ގޮސްލީ އެވެ. މި ދަތުރުގައި އެންމެ ބޮޑަށް ލޮލުގައި އަޅައިގަތް މަންޒަރަކީ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކުގެ ކައިރީގައާއި މަގުތައް މަތީގައި "މާޔޫސް ވެފަތިބި" ދިވެހިންނެވެ. ދިވެއްސަކަށް ވީތީ ދިވެހިން އެއުޅޭ ހާލު ފެނި ހިތްދަތިވި އެވެ. އެ މަޔޫސް ކަންމަތީ ތިބި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ ބަލި މީހުންނެވެ. ހަމަ އެހެންމެ އޭގެ ތެރޭގައި ޒުވާނުން ނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް ހިމެނެ އެވެ. އެ އެންމެންގެ ވެސް ޝަކުވާ އަކީ ހަމަ އެއް ޝަކުވާއެކެވެ.

އެތަނުން ދިމާވި މީހެއް ކަމަށްވާ މުހައްމަދު އަލީ، 47، އަހަރު އިންޑިއާ އަށް އަންނަން ޖެހުނު ސަބަބު އޭނާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އޭނާ ކުއްލިއަކަށް ވެއްޓެން ފެށީ އެވެ. އެކަމަށް ފަރުވާ ހޯދުމަށް މާލޭގެ ހޮސްޕިޓަލެއްގައި ހުންނަ ނާރުގެ ޑޮކްޓަރަކަށް ދެއްކި އެވެ. އެ ޑޮކްޓަރު ބުނީ އެއްޗެއް ބުންނަން އެނގޭނީ "އެމްއާރްއައި" ޓެސްޓެއް ހެދުމަށް ފަހު ކަމަށެވެ. އެ ޓެސްޓް ހެދުމަށް އޭނާ އެ ހޮސްޕިޓަލަށް ދިއުމުން ހޮސްޕިޓަލުން ބުނީ އަންނަ މަހަށް އެ ޓެސްޓް ހެދުމަށް ނަން ނޯޓް ކުރުން އޮތީ މިމަހު 15 ވަނަ ދުވަހު ކަމަށެވެ. އޭނާ ބުނި ގޮތުގައި މަސް ދުވަސް ތެރޭގައި ވެސް ޓެސްޓް ހެދޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

"މިއުޅެނީ ކުއްލިއަކަށް ކޮޅަށް ހުއްޓާ ވެއްޓޭތީ. މިއީ ކިހާ ސީރިއަސް ކަމެއް. އެކަމަކު މާލެއިން ޓެސްޓް ހެދެން މިއަންނަނީ މަސް ދުވަސް ފަހުން. އެވެސް ޔަގީނެއް ނޫން. އެހެން ހުއްޓާ ކޮންމެ ފަދަ ކަމެއްވެސް ވެދާނެދޯ. މިފަދަ ސިއްހީ މައްސަލަތަކުގައި މިނޫން ގޮތެއް އެބަ އޮންނަން ޖެހޭ ދޯ؟،" ހިތުގައި އުފެދިފައިވާ އުދާސްތައް ބޭރުކޮށްލަމުން މުހައްމަދު ބުންޏެވެ.

މާލޭގެ ހޮސްޕިޓަލުން ދިން އެ ޖަވާބުން މުހައްމަދު އިންޑިއާއަށް އައީ އެވެ. އެއައި ދުވަހު ޑޮކްޓަރަށް ދެއްކި އެވެ. އަދި އިންޑިއާ ޑޮކްޓަރު ހަދަން ދިން ޓެސްޓްތައް އެރޭ ހެދި އެވެ. އެ ޓެސްޓްތަކުގެ ނަތީޖާ ހައެއްކަ ގަޑިއިރުގެ ތެރޭގައި ލިބުނެވެ. އޭގެ އަނެއް ދުވަހު އެ ޓެސްޓްތައް ޑޮކްޓަރަށް ދައްކައި ބޭސް ނެގި އެވެ. ރާއްޖެ އިން ދެ ތިން މަސް ދުވަހުގެ ތެރޭގައި ވާނެ ކަމަށް ބެލެވޭ އެ މައްސަލައިގައި އިންޑިއާ އިން 48 ގަޑިއިރު ނުވަނީސް މުހައްމަދަށް ފަރުވާ ލިބުނު ކަމަށް އޭނާ ބުންޏެވެ.

މިއީ އެންމެ މީހެއްގެ ވާހަކައެއް ނޫނެވެ. ދިވެހީންގެ ތެރޭގައި ހިމެނޭ އެފަދަ އެތައް ބަޔެއްގެ ޝަކުވާ އެވެ. އެ އެންމެން އިންޑިއާ އަށް ގޮސް ތިބީ އިންޑިއާގެ ރީތި ކަމަކުން ނޫނެވެ. އަދި ކޮޓަރިތަކުގައި ފޫހިވެ ބިއްޖެހިފައި ތިބޭ ހިތަކުން ވެސް ނޫނެވެ. އެމީހުން އެތަނަށް ގޮސްތިބީ ޓްރިވެންޑްރަމްގެ އަމިއްލަ ކްލިނިކްތަކުން ދޭ ހިދުމަތްތައް ރާއްޖެއިން ނުލިބޭތީ އެ ހިދުމަތްތައް ހޯދުމަށެވެ.

"ދައްތަ މިކޮޅަށް [އިންޑިއާއަށް] އަންނަން ޖެހޭ ދެ މަހުން އެއް މަހު ކަހަލަ ގޮތަކަށް. ހަމަ ހިތަށް އަރާ މިކަން މާލެއިން ފަސޭހަ ރަހުމަތެއްގައި ވާނެ ނަމައޭ. ކޮންމެ ފަހަރަކު މި ޖެހެނީ ރަށާއި ދަރިންނާއި ދުރަށް އައިސް މިތާ އިންނަން،" އިންޑިއާގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހަދީޖާ މޫސާ ބުންޏެވެ.

ދިވެހީންގެ އެތައް ބަޔަކު އިންޑިއާގައި އެ ހާލުގައި އެބަ އުޅެއެވެ. އެ އެންމެގެ ވެސް ޝަކުވާ އަކީ އިންޑިއާގެ އަމިއްލަ ކްލިނިކްތަކުންދޭ ހިދުމަތްތައް ރާއްޖެ އިން ލިބޭނެ ގޮތެއް ކޮންމެވެސް ސަރުކާރަކުން ހަމަޖައްސައިދޭ ތޯ ކުރެވޭ ޝަކުވާ އެވެ.

ދިވެހީންނަށް މިވަނީ ބޭސްފަރުވާ ހޯދާން އިންޑިއާއަށް އެތައް ހާސް ރުފިޔާއެއް ހޭދަކުރަން ޖެހިފަ އެވެ. އޭގެ ތެރޭގައި "އަނގަޔާއި އަތާ ދިމާނުވާ" އެތައް ބަޔަކު ވެސް ހިމެނެ އެވެ. އެއްބަޔަކު މުއްސަދިންގެ ކައިރި ސަލާން ޖަހައިގެން ބޭސް ފަރުވާއަށް އިންޑިއާ އަށް ގޮސް އުޅޭ އިރު އަނެއްބަޔަކު ގޮސްގެން އުޅެނީ ދަރަންޏަށް ފައިސާ ނަގައިގެން ކަމާއި އަނެއް ބަޔަކު ގޮސްގެން އުޅެނީ ކުރިން ރައްކާކޮށްފައި ހުންނަ ފައިސާ ކޮޅު ހިފައިގެންކަން އެ މީހުންނާ ވާހަކަ ދައްކާލުމުން އެނގެ އެވެ. އަނެއް ބަޔަކު އުޅެނީ އާސަންދައިން ދޭ ފައިސާއިންނެވެ. ނަމަވެސް އެގޮތަށް ގޮސް ތިބި ދިވެހިންގެ އަތުންވެސް އެތައް ފައިސާއެއް އެތައް ކަމެއްގައި ހޭދަކުރަންޖެހޭކަން އެމީހުންގެ ވާހަކައިން އެނގެ އެވެ.

"މިކޮޅަށް އަންނަން އެކެއްގެ ޓިކެޓަށް ވެސް އެބައަރާ 4000 ރުފިޔާ. ގިނަ މީހުން އަންނާނީ އެކަކު ނުވަތަ އެއަށް ވުރެ ގިނަ އެހީތެރިންނާ އެކު. މިކޮޅަށް އައިސް މިޖެހެނީ ކޮޓަރި ކުއްޔަށް ހިފައިގެން ހޮޓަލުން ކާން. އަނެއްކާ ދުއްވާ އެއްޗިއްސަށް އެހާ ހަރަދުދޭ. މިއީ ހަމަ ރާއްޖެ އިން ބޭރުވާ ފައިސާ ދޯ. އަހަރެމެންގެ ދަރިން އެތިބީ މާދުރުގައި. މާލޭ ގެއަށް ކުލި ދައްކަންޖެހޭ. އަހަރެމެން މި ތިބެނީ ނުކައި ނުބޮއެ،" ބޭސް ފަރުވާއަށް އިންޑިއާ އަށް ގޮސް ހުރި ދިވެއްސަކު ބުންޏެވެ.

އިންޑިއާއަށް ބޭސްފަރުވާ އަށް ގޮސްތިބި ދިވެހިންނާ ވާހަކަ ދައްކާލުމުން އެގުނު ގޮތުގައި ކިތަންމެ ބޭނުން ނުވިޔަސް އެމީހުން އެގައުމަށް އަންނަން ޖެހޭ ސަބަބުތައް ގިނަ އެވެ. އޭގެ ތެރެއިން މައިގަނޑު އެއްކަމަކީ ބައްޔެއްވެގެން މާލެއިން ޑޮކްޓަރަށް ދެއްކީމާ ބުނާ އެއްޗަކާއި އިންޑިއާ އިން ދެއްކީމާ ބުނާއެއްޗަކާ ދިމާނުވުމެވެ. އެގޮތުން ގިނަ ފަހަރަށް ރަނގަޅު ބަލި ބުނެދެނީ އިންޑިއާ އިން ކަމަށް އެމީހުން ބުނެ އެވެ. ހަމައެހެންމެ ރާއްޖެއިން ކޮން ބައްޔެއްކަން ނޭނގި އެތައް ޒަމާނެއް ވަންދެން ފަރުވާހޯދައި ރަނގަޅު ނުވެ ހުންނަ ބަލިތަކަށް އިންޑިއާއިން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ފަރުވާ ހޯދޭކަމަށް ބައެއް ދިވެހިން ބުނެއެވެ. ދިވެހިން އިންޑިއާއަށް ބޭސްފަރުވާއަށް އަންނަ އަނެއް ސަބަބު ކަމަށް އެމީހުންގެ ވާހަކައިން އެނގެނީ ފަރުވާ ލިބުން އަވަސްވާތީ އެވެ.

"މިކޮޅަށް އައިސް ޑޮކްޓަރަށް ދައްކާ ދުވަހު ޓެސްޓްތައް ހެދޭ. ހަމަ އެދުވަހު ނަތީޖާ ލިބި ހަމައެދުވަހު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް އިންޑިއާ އިން ހަމަޖެހިފައިވާ އިރު ރާއްޖެ އިން އެ ފަރުވާ ހޯދުމަށް އެތައް މަސް ދުވަހެއް ނަގާ،" ޓްރިވެންޑްރަމްގައި ފަރުވާ ހޯދަމުންދާ ދިވެއްސަކު ބުންޏެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ މައްސަލައަކީ އިއްޔެ ނުވަތަ މިއަދަކު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. މިއީ އެތައް ޒަމާންތަކެއްގެ އިހުމާލެކެވެ. ސިއްހީ އެތައް ބައްޔަކާއި އެތައް މައްސަލަތަކެއް މި މުޖުތަމައުގައި ފެންމަތިވެފައިވާ އިރު އެކަމަށް އެކަށޭނަ ފަރުވާއެއް ރާއްޖެއިން ލިބޭން ނެތްކަމީ އެތައް ދިވެއްސަކު އެކަމުގެ ވާނާއި ތަކުލީފު އުފުލާން ޖެހިފައިވާ ސަބަބުތަކެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ބޭނުންވާ ނަމަ ކުރިއަށް އޮތް 10 އަހަރަށް ޕްލޭން ކޮށްގެން ދިވެހިން ތަމްރީނުކުރަން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް ނުކުރެވިއްޖެ ނަމަ މީގެ 10 އަހަރު ފަހުން ސިއްހީ ދާއިރާ މިއަށް ވުރެ ދަށަށް ދާނެ ކަމަށާއި ނަމަވެސް އެ ވާހަކަތައް ދައްކާ ސިޔާސީ ޕާޓީއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ މައްސަލަތަކަށް ބަލާއިރު ޑޮކްޓަރުން ނުލިބުމަކީ ބޮޑު މައްސަލައެކެވެ. ހެޔޮ އަގެއްގައި ތަޖުރިބާ ހުރި ޑޮކްޓަރުންނެއް ނުލިބޭނެ އެވެ. ހާއްސަ ޑޮކްޓަރުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އޮންނަނީ އަބަދުވެސް ޓްރާންސްފާ ކުރަންޖެހިފަ އެވެ. ޑޮކްޓަރުން މަދުވުމުގެ މައްސަލަ އިންތިހާ އަށް ބޮޑު ކަމަށް އައިޖީއެމްއެޗުން އަބަދު ވެސް ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޑިއާގެ ޓެކްނިކަލް މުވައްޒަފުންނަށް އެގައުމުގައި ހަމަޖެހިގެންދިޔަ ހެޔޮ ބަދަލުތަކުގެ ސަބަބުން ކިރިޔާ ވެސް ގޮތެއް އޮތިއްޔާ އިންޑިއާގެ ޑޮކްޓަރުން ވެސް ރާއްޖެ އަންނާކަށް ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ދޭ މުސާރައިގައި ކޮލިޓީ މީހުން އަންނަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނެއް މައްސަލައަކީ ހޮސްޕިޓަލްތަކުގައި ފަހުގެ މެޝިނަރީތައް ނެތުމެވެ. ހޮސްޕިޓަލްތަކަށް ހަރަދު ކުރުމަށް ގިނަ ފަހަރަށް ދައުލަތަށް ކެރި ކުޅަދާނައެއްނުވެ އެވެ. ގިނަ ސިއްހީ މަރުކަޒުތަކުގައި އާދައިގެ ޓެސްޓްތައް ނުހެދޭއިރު ބައެއް ތަންތަނުގެ އިމާރާތުގެ ފެންވަރު ވެސް ހުރީ އެހާ ދަށުގަ އެވެ. ބައެއް ތަންތަނުގައި އެޑްމިޓްކޮށްލާނޭ ވޯޑެއްހާ ހިސާބުވެސް ނެތްއިރު އެމްބިއުލާންސް އޮތަސް ނުވެއް ދުއްވެ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެހިންނަށް އަމާޒު ކޮށްގެން އެތައް ވިޔަފާރިއެއް މިހާރު ވަނީ ފަށައިފަ އެވެ. ދިވެހި ކެއުން ލިބޭ ހޮޓާ ތަކާއި އެތައް ގެސްޓް ހައުސް ތަކެއްގެ އިތުރުން އެތައް ވިޔަފާރިއެއް އޭގެ ތެރޭގައި ހިމެނެ އެވެ. ބޭސް ފަރުވާއަށް އެތަނަށް ދާން މަޖުބޫރެވެ. އެތައް ދިވެހިންނެއް މިވަނީ އެތަަނަށް ހަރަދުކޮށް ހުސްވެފަ އެވެ. އެ އެންމެންގެ ޝަކުވާއަކީ އެއް ޝަކުވާއެކެވެ. އެއީ އިންޑިއާގެ އަމިއްލަ ކުލިނިކް ތަކުން ލިބޭ ހިދުމަތް ރާއްޖޭގެ ދައުލަތުން ނުދެވޭ ކަމުގެ ޝަކުވާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް