ފުލުހުން ހައްޔަރުކުރާ ފަރާތްތައް ދޫވަނީ ކީއްވެ؟

ޖިނާއީ މައްސަލަތައް ތަހުގީގުކޮށް އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ހުށަހެޅުމުގެ ޒިންމާ މަތިކުރެވިފައި ވަނީ ފުލުހުންނާ އެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް ހަމަތަކަކާއި އުސޫލުތަކަކަށް ތަބާވާން ޖެހޭ ފަދައިން މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާން ޖެހޭ ޚާއްސަ އުސޫލުތަކެއް ވަނީ އެކަށައެޅިފަ އެވެ. ގާނޫނުތަކުގައި ވަނީ އެކަންތައް ލިޔެވި ބަޔާން ކުރެވިފަ އެވެ.

ނަމަވެސް ފަހަކަށް އައިސް ފެންނަމުންދާ ކަންތައްތަކަށް ބަލާ އިރު ގާނޫނު އަސާސީއާ ޚިލާފަށް ފުލުހުން ހެކި ހޯދާފައިވާ، މަސްތުވާތަކެތީގެ ބައެއް މައްސަލަތައް ޝަރީއަތަށް ސާބިތުނުވާތަން ފެންނަމުންދެ އެވެ. އެފަދަ ބައެއް މައްސަލަތައް ޝަރީއަތަށް ސާބިތުނުވަނީ ފުލުހުން އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ފަހުގެ ތާރީޚެއްގައި ހިނގާފައިވާ އެފަދަ ކަންތައްތަކަށް ބަލާ އިރު އަމިއްލަ ފަރާތަކުން މާލޭގައި ހިންގާ އޮފީހެއް ބަލައި ފާސްކޮށް އެތަނުން މަސްތުވާތަކެތި ފެނުނު މައްސަލާގައި ކުށްކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެއީ ކޯޓު އަމުރެއް ނެތި ފުލުހުން އެތަނަށް ވަދެފައިވާތީ ކަމަށް ކޯޓުން ބުންޏެވެ.

ހ. މޭފްލާވާގޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި 2012 ވަނަ އަހަރު ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ފުލުހުން އެ ގެއިން މީހުން ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުނުވީ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތެއްގެ ސަބަބުން ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ.

ގެއެއްގެ ތެރޭގައި ޖިނާއީ ކުށެއް ކުރި ކަމުގައި ވިޔަސް ފުލުހުންނަށް އެތަނެއްގެ ތެރެއަށް ވަދެވޭނީ ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއްގެ ދަށުން އެ އަމުރުގައި ބަޔާންކޮށްފައި އޮންނަ ގޮތުގެ މަތިންނެވެ. މޭފްލާވާ ގެއަށް ފުލުހުން ވެދަފައި ވަނީ ކޯޓު އަމުރުގައި ލިޔެފައިވާ ގަޑިއަށް ވުރެ ކުރިންނެވެ. އެހެންވެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މިފަދަ ދެވަނަ ހާދިސާއަކަށް ބަލާ އިރު މާފަންނު އަސުރުހިޔާގެއަށް ވަދެ ފުލުހުން އެގެ ބަލައި ފާސްކުރީ މާފަންނުގެ އެހެން ގެއެއް ބަލައި ފާސްކުރަން ކޯޓުންދީފައިވާ އަމުރެއް ހިފައިގެން ގޮހެވެ. އަސުރުހިޔާގެ އަށް ފުލުހުން ވަތް އިރު އެ ގެބަލައި ފާސްކުރުމަށް ކޯޓުން ހޯދާފައިވާ އަމުރެއް ނެތެވެ. ގާނޫނާ ޚިލާފަށް ހޯދާ ހެކިތައް ޝަރީއަތުން ބަލައި ގަނެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުމުން، އެގެއިން ހައްޔަރުކުރި މީހުންގެ ޝަރީއަތް ނިންމައި ކުރި ހުކުމްގައި ވަނީ ދައުލަތުން ކޯޓަށް ހުށަހެޅި ބަލައި ފާސްކުރުމުގެ އަމުރަކީ އަސުރުހިޔާގެ ބަލައި ފާސްކުރުމަށް ނެރެފައިވާ އަމުރެއް ނޫން ކަމަށާއި އެއީ އެހެންގެއެއް ބަލައި ފާސްކުރުމަށްދީފައިވާ އަމުރެއް ކަމަށެވެ. އެހެންކަމުން އެކަމުގެ މައްޗަށް ރިއާޔަތްކޮށް އެމައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ކްރިމިނަލް މައްސަލަތަކުގައި ވަކާލާތު ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލަކު ނަން ހާމަނުކުރައްވައި ވިދާޅުވި ގޮތުގައި ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން މީހެއްގެ މައްޗަށް ކުށް ސާބިތު ނުވެދިޔުން ތަކުރާރުވަމުން އަންނައިރު ވެސް އެކަންކަން ރަނގަޅުކުރުމަށް ފުލުހުން އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެ އެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް މަސްތުވާތަކެތީގެ ބޮޑުން ކޯޓު މަރުހަލާގެ ތެރެއިން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ގޯތިގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަށް ވަންނަން ޖެހޭ ގޮތް ބަޔާންކުރަނީ ގާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި، އެ މާއްދާ ބުނާ ގޮތުން އެތަނެއްގައި ދިރިއުޅޭ ބައެއްގެ ހުއްދަނެތި ނުވަތަ ކޯޓު އަމުރެއް ނެތި އެތަނަކަށް ވަދެވޭނީ ވަގުތުން ފިޔަވަޅު ނާޅައިފި ނަމަ މީހަކަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމީހާ ނުވަތަ އެ މުދާ ސަލާމަތްކުރުމަށް. ގާނޫނު އަސާސީގައި ކަޅާއި ހުދުން މިފަދައިން ބަޔާންވެގެންދާއިރު ފުލުހުންގެ އެފަދަ އަމަލުތައް ތަކުރާރުވަމުން އަންނަތަން ފެނިގެން މިދަނީ. އަދި އެކަންކަން އިސްލާހު ކުރަންއުޅޭތަނެއް ނުފެނޭ. އެހެންވީމަ ކުރިއަށް އޮތްނަނުގައި ވެސް މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ޝަރީއަތަށް ސާބިތުނުވެ ދޫވެގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ސާބިތުނުވެ ދާއިރު، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބައެއް މީހުން ބަންދުން ދޫވެގެން ދިޔުމުގައި ފުލުހުން ޒިންމާވާން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައެއް މިމަހުގެ ތިން ވަނަ ދުވަހު ފެންމަތިވެގެން ދިޔަ އެވެ. އެ މައްސަލައިގައި ވެސް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފުލުހުން އެމީހާ ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ. ވަގުތު ކުޑަތަން ވެފައި ވަނިކޮށް ހުކުރު ދުވަހު މެންދުރުގެ ވަގުތެއްގައި އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔުމުން ދިމާވި ކަމެއްގެ ސަބަބުން ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލާފަ އެވެ.

މި މައްސަލައަށް ބަލާއިރު ފުލުހުން އެ ދެ މީހުން ހައްޔަރު ކުރީ ބުރާސްފަތި ދުވަހު ކަމަށްވެފައި، ބުރާސްފަތި ދުވަހާއި ބުރާސްފަތި ދުވަހުގެ ރޭ ވެސް އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޓަކައި ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު ފުލުހުންނަށް އޮންނާނެ ކަމަށް ބައެއް ބައެއް ބޭފުޅުން ވިދާޅުވި އެވެ. ސައުވީސް ގަޑިއިރަށްވުރެ އިތުރަށް މީހަކު ބަންދުގައި ބެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިފުޅުމައްޗަށް ހާޒިރުކޮށް ފަނޑިޔާރު ނިންމަވާ ނިންމުމެއްގެ މައްޗަށް ކަމުގައިވުމުން ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ދެ މީހުން ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވާނެކަން ފުލުހުންނަށް އެނގެންވާނެ ކަމަށް ގަބޫލުކުރެވެ އެވެ. ފަނޑިޔާރު ކުރިފުޅުމައްޗަށް އެ ދެ މީހުން ގެންދަންވީ ވަގުތު ކުޑަތަންވާން ކައިރިވުމުން ނޫންކަން ވެސް ފުލުހުން ދަންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ.

ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި އިދާރީ މައްސަލަތަކާ ހެދި ބަންދުގައި ތިބެންޖެހޭ މީހުން ދޫވެގެންދާތީ އެކަމުގައި މިހާރަށް ވުރެ ބޮޑަށް ފުލުހުން ޒިންމާދާރު ވާންޖެހެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދައިން ފުލުހުން އަމަލުކުރާ ނަމަ އެއީ ވަކި ބަޔަކު ދޫކޮށްލަން ފުލުހުން މަސައްކަތް ކުރަނީ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"ތަކުރާރުކޮށް އެފަދަ ކަންތައްތައް ހިނގާކަން ވަނީ ފާހަގަ ކުރެވިފައި. އެކަމުގައި މިހާރަށް ވުރެ ބޮޑަށް ފުލުހުން ޒިންމާދާރުކަމާ އެކީ މަސައްކަތް ކުރަން އެބަޖެހޭ. މިފަދަ ގޮތަކަށް ކަންތައް ވެގެންދާ ނަމަ ވަކި ބަޔަކު ބަންދުން ދޫކޮށްލަން ފުލުހުން މަސައްކަތްކުރާ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

މީހަކު ހައްޔަރު ކުރާތާ 24 ގަޑިއިރު ހަމަވުމުގެ ކުރިން ފަނޑިޔާރުގެ ކުރިފުޅުމައްޗަށް ހާޒިރު ކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ އިރު، ފުލުހުންގެ ވަސީލަތްތައް މިހާރު ތަރައްގީވެ ފުޅާވެފައިވާ މިންވަރަށް ބަލާ އިރު ބަންދުގައި ހުންނަ މީހާ 24 ގަޑިއިރުގެ ކުރިން ކޯޓަށް ހާޒިރުނުކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

އެކަން ކަން އިސްލާހު ކުރުމަށް އެކަންކަމާ މެދު ފުލުހުންގެ ވެރިން ވިސްނައި ކުރިއަށް އޮތް ތަނުގައި އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް