"ސައުންޑްސް އޮފް މޯލްޑިވްސް"މި އަހަރު ބެންގަލޫރަށް!

ދިވެހި ފަންނާނުން ކުރިއެރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ދިވެހި ފަންނާނުން މެދުވެރިިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް "ދިވެހި ރިކޯޑްސް" އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް"ގެ ޝޯ މި އަހަރު އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިވެހި ރިކޯޑްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިޝާމް (ޕައި) މިއަދު ސަން އަށް ވިދާޅުވީ، އިންޑިއާގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ، ބެންގަލޫރުގެ ޔޫބީ ސިޓީ މޯލުގައި ބާއްވަން ހަމަޖެހިފައިވާ އެ ޝޯ އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އަދި ޝޯގައި ރާއްޖޭގެ ހުނަރުވެރި ފަންނާނުންނާއި ބޭންޑުތައް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ސިފައިންގެ ބޭންޑް، ކޭ-އޮޕްސް އާއި ސޯލޯ އާޓިސްޓް، މޫޝަން (މުއްމު) އާއި ހުނަރުވެރި ލަވަކިޔުންތެރިޔާ މީރާ އަދި ނައުޝީން (ފައްތު)ގެ އިތުރުން މަޝްހޫރު ގިޓަރިސްޓް ފަސީ އަދި ޑްރަމާ ދާނިޝް އާއި ޑީޖޭ ޕައިޑޭ އަދި ބޮޑުބެރު ގްރޫޕް، ފުރަދަން ޝޯގައި ބައިވެރިވާނެ ކަމަށް ޕައި ވިދާޅުވި އެވެ.

ޝޯގެ ޓިކެޓް އިންޑިއާގައި ހުންނަ އިވެންޓް ޕާޓްނަރު، ބީޓީއޯއެސް މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް ކުރިއަށް އޮތް ފަސް ދުވަހެއްގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މާލެއިން އެ ޝޯ ބަލަންދާން ބޭނުންވާ ބޭފުޅުންނަށް ވެސް ހާއްސަ ގޮތްތަކެއް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޕައި ވިދާޅުވި އެވެ.

ސައުންޑް އޮފް މޯލްޑިވްސްގެ ފަސް ޝޯއެއް މިހާތަނަށް ބާއްވާފައިވާ އިރު، މިއީ އެ ޝޯ ރާއްޖޭން ބޭރުގައި ބާއްވާ ތިން ވަނަ ފަހަރެވެ. އެގޮތުން ސައުންޑް އޮފް މޯލްޑިވްސްގެ ޝޯއެއް ސްރީލަންކާގެ ވެރިރަށް ކޮޅުބުގަ އާއި މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބާއްވާފައިވެ އެވެ.

ދިވެހި ރިކޯޑްސްގެ ފަރާތުން ބެންގަލޫރުގައި ބާއްވާ ފަސް ވަނަ ސައުންޑް އޮފް މޯލްޑިވްސް ޝޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު