އަލީ މޫސާ ދީދީގެ އޭރުގެ އީދު!

މިރިޕޯޓްގައި މިއަލި އަޅުވާލަނީ ހ. ނަވާގަން، 72، އަލީ މޫސާ ދީދީގެ ޅަ އުމުރުގައި އޭނާ އީދު ދުވަހުގެ ކަންކަން ދެކެފައިވާ ގޮތަށެވެ. އޭނާ އަކީ ތާރީހީ އަދި ދިވެހިން އާދަކާދަޔާއި ސިޔާސީ އެތައް މައުލޫއަކަށް އެތައް ފޮތެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. ހަމަ އެހެންމެ ރާއްޖޭގެ މަޝްހޫރު ނޫސްތަކުގައި ނޫސްވެރިއެއްގެ ގޮތުން ހަރަކާތްތެރިވެފައިވާ އިރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވެ އެވެ.

އެއީ މީގެ 54 ވަރަކަށް އަހަރު ކުރިއެވެ. އަލީ މޫސާ ދީދީމެންގެ ޅަ ދުވަހެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު އީދުގެ ކަންކަން ފާހަގަ ކުރުމުގައި މާލެ އާއި އަތޮޅުތާ މާކަ ބޮޑު ތަފާތެއް ނުހުރެ އެވެ. ކުރީ ޒަމާނުގެ އާދަކާދަ ހުންނަނީ ދާދި އެއްކަހަލަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު އީދަކީ ހާއްސަކޮށް ރާއްޖެތެރޭގައި ވަރަށް މުހިންމުކަމެއްދޭ އީދަކަށްވާ އިރު އެ އީދަށް ތައްޔާރުވުމުގެ ގޮތުން ހައްޖު ދުވަހަކީ ވެސް ވަރަށް ފަހަކާ ޖެހެންދެން ވަރަށް މުހިންމުކެމެއް ދޭ ދުވަހެކެވެ. ދީނީ ކަންތައްތަކަށް އިސްކަމެއްދެ އެވެ.

"ތަކުބީރުގެ އަޑު ފަތިސް ނަމާދުން ފެށޭ އިރު އެއަޑު އަހާލަން ވެސް ކުޑަކުދިން ނަގައިގެން ދާނެ،" މޫސާ ދީދީ ވިދާޅުވި އެވެ.

އޭރު އީދު ދުވަހުގެ އުފާ ފާޅުކުރުން ފެށުމުގެ ގޮތުން އީދުވިލޭގެ ފަތިސް ނަމާދަށް ފަހު އޮންނަނީ އަވެލި ކެއުން މެވެ. "އީދު އަވެލި" ކެއުމުގެ ކަންކަން ގޭގޭގައި ވަކިން ކުރިއަށްގެންދާ އިރު އާއިލާ އެންމެން ގުޅިގެން ވެސް އެކަން ކުރާ ކަމަށްވެ އެވެ. ފޯރާ މީހުން އެމީހުންގެ ރައްޓެހިން އެއްކޮށްގެން ވެސް އަވެލި ކެއުމުގެ ހަރަކާތްތައް އީދު ފެށުމުގެ ގޮތުން ކުރިއަށްގެންދެ އެވެ.

"ދުރާލާ ހުންނާނެ އަވެލި ހޮވާ ފޯރާ މީހުން ހުންނާނެ މޮޅު ގިތެޔޮ ހާކާލާފައި މުރަނަކޮށްލާފައި، ދެން ހުންނާނެ މާޅޮސްކެޔޮ، ހަނާކުރި މަސް ނުވަތަ ވަޅޯމަސް،" މޫސާ ދީދީ ވިދާޅުވި އެވެ.

އީދު ދުވަހުގެ ފަތިސް ނަމާދަށް ފަހު އަވެއްޔަށް އިންސާފު ކުރުމަށް ފަހު ދެން އޮންނަނީ އީދުގެ އެންމެ ހާއްސަ ކަންތައްތަކެވެ. އީދު ނަމާދަށް ދިޔުމެވެ. އެޒަމާނުގައި ހާއްސަ ސަމާލުކަމެއް ދީގެން ހާއްސަ ކަންތައްތަކެއް ކޮށްގެން ކުރާ ނަމާދެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކަމަކީ އީދު ނަމާދަށް ދިއުމަށް ހެދުން އެޅުމެވެ.

މޫސާ ދީދީ ވިދާޅުވި ގޮތުގައި އީދު ނަމާދަށް ދިއުމަށް އޭރު ގިނަ މީހުންލާނީ ހުދުހެދުމެވެ. ގަދަޔަށް "ތާން" ޖަހާފައި ރީތިކޮށް ދޮވެ އިސްތިރިކޮށްފައި ހުންނަ އިރު، ހެދުމަށް ހުންނާނީ ވަސް ވެސް ދުއްވާފަ އެވެ. ހެދުމަށް ވަސް ދުއްވުމަށް އޭރު ބޭނުންކުރަނީ ރާނބާފަތާއި ކޮއްޗޭ ފަތާއި އެކި ފާޑުފާޑުގެ މަލާއި އެއްޗެހި އަޅައިގެން ކަމަށްވެ އެވެ.

އީދު ނަމާދަށް ފަހު އޭރުދެން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ "އުޟްހިޔާ" ކަތިލުމެވެ. އެގޮތުން ބަކަރި އާއި ގެރި ކަތިލާއިރު އެކަން އޭރު ކުރާނީ އާންމުކޮށް ސަރުކާރުން ކަމަށްވެ އެވެ. ނަމަވެސް ވަރަށް ފޯރާ މީހުން މަދުން ނަމަވެސް އަމިއްލައިން އުޟްހިޔާ ކަތިލަ އެވެ. އޭރު އެކަން ހިނގާނީ ގަނޑުވަރު ތެރޭގައި ކަމަށާއި ކަތިލެވޭ ޖަނަވާރުތަކުގެ މަސްތައް އާންމުކޮށް މީހުންގެ މެދުގައި ބަހާ ކަމަށްވެ އެވެ.

އުޟްހިޔާއަށް ފަހު ދެން ފެށޭނީ ސަގާފީ ކުޅިވަރުތަކެވެ. ހާއްސަ ކުޅިވަރުތަކުގެ ތެރޭގައި އޭރު މަންޑި، ދަނޑި ޖެހުން، ގުޅަމަތި، ތިން މުގޯލި ފަދަ ކުޅިވަރުތައް ހިމެނެ އެވެ. އޭރު އަންހެން ވެރިންނަށް ހާއްސަކޮށް އޮންނަނީ ގަނޑު ފިއްލާ ކުޅުމެވެ.

"ވަކި ހާއްސަ ކުޅިވަރެއް ނުހުރޭ، އާންމުކޮށް ރަދުން ބަންޑާރައިން ހިތާވާ ކުޅިވަރު އެފަހަރު ޗޫސް ކުރެވޭ ކުޅިވަރު، އެގޮތަށް ހުންނަނީ" އަލީ މޫސާ ދީދީ ވިދާޅުވި އެވެ.

އެޒަމާނުގައި އަތޮޅުތެރޭ އެންމެ ފޯރީގައި އޮންނަ ކުޅިވަރުތަކަކީ ކޯޑި ކެނޑުމެވެ. ކޮންމެ ނަމާދަކަށް ކުޅިވަރުތައް މެދުކަނޑަ އެވެ. ނަމާދު ވަގުތު އެއްވެސް ކުޅިވަރެއް ނުކުރާ އިރު ގިނަ އަދަދެއްގެ ބަޔަކު ނަމާދަށް އަރައެވެ.

އީދު ދުވަހުގެ މެންދުރުގެ ކެއުމަކީ އޭރު ވެސް ހާއްސަ ސަމާލުކަމެއްދޭ ކަމެކެވެ. އެގޮތުން އަތޮޅުތެރޭގައި ގިނައިން ހާ ކަތިލައިގެން ރިހަ ކައްކާއިރު، މަދު މީހަކު ނޫނިއްޔާ ކުކުޅެއް ނުކަތިލަ އެވެ. ކުކުޅު ކަތިލުން އޭރުވެފައި އޮންނަނީ ލަދުވެތި ކަމަކަށެވެ. މެންދުރު ކެއްކުމުގެ ކަންކަން ބައެއް އާއިލާތަކާއި ރައްޓެހިން ގުޅިގެން ކުރިއަށްގެންދާ އިރު އަނެއް ބަޔަކު އެކަން ކުރިއަށްގެންދަނީ ވަކިވަކި ގޭގޭގަ އެވެ. އޭރުގެ ރީތި އާދައަކީ އެއްގެއިން އަނެއްގެއަށް ތަށި ބަރި ބަދަލުކުރުން އިރުއޮއްސުމާއި ހަމައަށް ކުރިއަށް ގެންދާކަމެވެ.

"މައިގަނޑު ގޮތެއްގައި ކެއުމަށް ބޭނުންކުރާނީ ބަތާއި، ކަނޑު ކުކުޅާއި، ކުކުޅު ރިހަޔާއި ސަޓަންޔާއި ބޮނޑިބަތާ، އެއީ މައިގަނޑުގޮތެއްގައީ" މޫސާ ދީދީ ވިދާޅުވި އެވެ.

އާންމު ގޮތެއްގައި މެންދުރު ކެއުމަށް ފަހު ދެން އޭރު އޮންނާނީ ވަދުދޯނި ދުއްވުމެވެ. އީދު އުފަލަކަށް ބައެއް ރަށްރަށުގައި ވަލުން ދަރުހޮވުން ވެސް ކުރިއަށްގެންދާ ކަމަށްވެ އެވެ. އެކަން ކުރަނީ ވަލު ސާފުކުރުމަށާއި ދަރު ވިއްކުމުގެ ބޭނުމުގަ އެވެ. ހަވީރުވުމުން ދެން އޮންނަނީ ކޯޑި ކެނޑުމެވެ.

ރޭ ގަނޑުވުމަށް ފަހު އަނދިރިވުމުން އޭރު ރަށްރަށުގައި މާކަ ގިނަ ކުޅިވަރުތަކެއް ނުކުޅެ އެވެ. އޭގެ ބަދަލުގައި އިޝާ ނަމާދުން ފައިބައިގެން ގެއަށް އައިސް އީދަށް ކެއްކި އެއްޗެހި ކެއުމާއި އީދު ދުވަހުގެ ރޭގަނޑަށް ހާއްސަ "ފަތަފޮޅި" ކެއުން އޮވެ އެވެ.

އީދުގެ ފޯރި އޭރުގައި ތިން ދުވަސް ހަތަރު ދުވަސް ކުރިއަށް ގެންދާ ކަމަށްވެ އެވެ.

އޭރުގެ އީދު ދުވަސް ސިފަކޮށްދެމުން މޫސާ ދީދީ ވިދާޅުވީ، "ވަރަށް އެކުވެރި ޖައްވެއް އޮންނަނީ، ފިތުނަފަސާދަ އެއްވެސް ވަރަކަށް ނޯންނާނެ. އަނެއްކާ އަހުލާގީ ފެންވަރު އާދަޔާއި ހިލާފަށް ރަނގަޅުވާނެ، އަންހެންވެރިން ތިބޭނީ އެއްތަނެއްގައި، ފިރިހެން ވެރިން ތިބޭނީ އެއްތަނެއްގައި، ކައިވެނި ހެޔޮވާ ބަޔަކު އެއްބަޔަކު އަނެއްބަޔަކު ކުރާކަމެއްގެ ތެރެއަށް ނުވަންނާނެ،" ކަމަށެވެ.

"އެކަކު އަނެކަކު ހިތުގައި ހިތްހަމަނުޖެހުމެއް އޮތަސް އީދު ދުވަހެއްގައި އެކަން ނުދައްކާނެ. އެދުވަހު އޮންނާނީ އެކަކު އަނެކަކަށް މާފުކޮށް، ހަމަޖެހިފައި އޮންނާނީ، އީދު ނިމެންވާއިރަށް އޮންނާނީ ހަމަނުޖެހުންތައް ސުލްހަވެފައި، ދެމަފިރިން ވެސް ތިބޭ ކުރިން ހުރި ހަމަނުޖެހުންތައް ހަމަޖެހިފައި." ކަމަށް ވިދާޅުވި އެވެ.

އަލީ މޫސާ ދީދީ ދެކޭ ގޮތުގައި އީދު ކުޅިވަރު ފޯރި ކުޑަވުމުގެ އެތައް ސަބަބެއްވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ކުޅިވަރުތައް ބަދަލުވުމެވެ. އެކަންްދިމާވީ އިނގިރޭސި މީޑިއަމް އަށް ރާއްޖޭގެ ތައުލީމު ބަދަލުވި ހިސާބު، ގާތްގަނޑަކަށް 1965 ހާ ހިސާބުގައި ކަމަށް އޭނާ ދެކެ އެވެ. އަދި އެހެންމެ ފާހަގަ ކުރާ ދުވަސްތައް ގިނަވުމުން ވެސް އީދުގެ ފޯރި ކުޑަވުމުގެ ސަބަބެއް ކަމަށް މޫސަ ދެކެ އެވެ.

"އޭރު މިއޮންނަނީ އީދު ދުވަހާއި ރޯދައަށް ހަނދުބެލުން ފަދަ ދެތިން ދުވަހެއް، މިހާރު ބައްލަވާ ދުނިޔޭގައި އެބަ ފާހަގަކުރެވޭ 80 އެތައް ދުވަހެއް، އެހެންވީމާ މިހާރު ވާނެ ގޮތަކީ ވައްތަރު ގިނަވީމާ އޭގެ މުހިންމުކަން ކުޑަވާނެ،" އަލީ މޫސާ ދީދީ ވިދާޅުވި އެވެ.

އީދު ކުޅިވަރު ފަނޑުވި މައިގަނޑު ސަބަބުގެ ވާހަކަ ދައްކާކަށް އޭނާ ބޭނުންނުވެ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ "މިހާރު އެވާހަކަ ނުދެއްކިއްޔާ ރަނގަޅީ، ހަގީގަތް ބުނެފިއްޔާ އެކަކު އަނެކަކު ޖެހޭނެ" ކަމަށެވެ. "އީދުކުޅިވަރު ފަނޑުވުމުގެ އަސްލަކީ ސިޔާސީ" ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް