ހުޅުދެލީ އީދު މަޖާ:
ފިރިހެނުންގެ މައްޗަށް އަންހެނުން ރަސްކަންކުރަނީ!

އީދު ކުޅިވަރުގައި ވާދަވަރިކަން އެއް ރަށާއި އަނެއް ރަށާ ދެމެދު އޮވެ އެވެ. ހަމައެހެންމެ އެވާދަވެރިކަން އަވަށު ފެންވަރުގައި ފޯރި ގަދައެވެ. ކުޅިވަރުގެ ފޯރީގައި ދޫދޭން އެއް ރަށަކުން ނުވަތަ އަވަށަކުން ވެސް ބޭނުމެއް ނުވެ އެވެ. ރަށު ފެންވަރުގެ ޖަމިއްޔާތަކުގައި ވެސް ވާދަވެރިކަން އޮތީ ހަމަ އެގޮތަށެވެ.

ނަމަވެސް ދ. ހުޅުދެލީ އީދު މަޖާގަނޑުގެ ވާދަވެރިކަން ގުޅިފައި އޮތީ ވަކި ބަޔެއްގެ މެދުގަ އެވެ. އެއީ ފިރިހެނުންނާއި އަންހެނުންގެ މެދުގައި އޮތް ވާދަވެރިކަމެވެ. ކުޅިވަރުގެ ހަރަކާތްތައް މި ރަށުގައި ކުރިއަށް ގެންދަނީ ދެ ޖިންސަށެވެ. ރަށުން ފެންނަނީ ފިރިހެނުންގެ މައްޗަށް އަންހެނުން ކުރި ހޯދަން މަސައްކަތް ކުރާތަނެވެ. މި އީދުގައި މަލަމަތި ދައްކާ ގޮތުން އަންހެނުން ފިރިހެނުންގެ މައްޗަށް ކުރި ހޯދައިފި އެވެ. މިއީ ޒަމާނުއްސުރެ މި ރަށުގައި އޮތް އާދަ އެވެ.
"ލާހިކެއް ނޫން މި އީދުގައި އެ މީހުންނަށް (ފިރިހެނުންނަށް) ކުރި ހޯދާކަން. ނިކަން ބަލަން ތިބޭ. މިއަދު މިފެނުނީ ކަންތައްތައް. ތިކަން އެންމެ ރަނގަޅަށް އިންސާފު ކުރަން ތިބީ ތިޔަ ނޫސްވެރިން،" ހުޅުދެލީ، ފިނިވާގެ ޖަމީލާ އަބްދުއް ރަހުމާން (ޖަމީލާއްތަ) ބުންޏެވެ.

އަޟްހާ އީދުގެ ފުރަތަމަ ދުވަހުގެ ހަރަކާތްތައް މި ރަށުގައި ހިންގަނީ އަންހެނުންނެވެ. ކުޅިވަރާއި ސަގާފީ ހަރަކާތް ހިންގުމުގެ އިސް ސަފުގައި މިއަދު ތިބީ އަންހެނުންނެވެ. ދެ ޖިންސުގެ ވާދަވެރިކަން އޮތް ބޮޑުކަމުން، އީދުގައި އަންހެންވެރިން ކުޅޭ ގިނަ ކުޅިވަރުތައް އޮތީ ސިއްރުކޮށްފަ އެވެ. އަންހެންވެރިން ބުނާ ގޮތުން ދަނޑިވަޅު ޖެހުމުން ނޫނީ އެފަދަ ކަންތައްތަކެއް ހާމައެއް ނުކުރެވޭނެ އެވެ.

"ކުޅިބަލާ ބަޔަކަށް ވެސް މީގަ ފޯރިއެއް އަންނާނީ ކުއްލި ސިހުމަކާއެކު އެ ހަރަކާތްތައް ދައްކާލިމަތާ ދޯ. އޭގެ ކުރިން ވާން އުޅޭ ގޮތް ކިޔައިދީފިނަމަ ބަޔަކު ގޯހެއް ހަދާފާނެ. އެހެންވެގެން އެކަންކަން ސިއްރުކޮށްފައި ބަހައްޓަނީ،" ޖަމީލާއްތަ ބުންޏެވެ.
އީދު މަޖަލުގައި މި ރަށުގައި އެންމެ މަޖާ ނަގަނީ ސްޓޭޖު ޝޯ ތަކުގަ އެވެ. ހުޅުދެލީ ސްޓޭޖު މިފަހަރުގެ ގުގުމާލާނީ ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަރުބީ"ގެ އަޑެވެ. ހަރުބީ ބޮޑުބެރު ގްރޫޕް މި ރަށަށް ގެނެއުމުގެ މޭސްތިރިންނަކީ އަންހެނުންނެވެ. އެ މީހުން ގެނައުމުގެ ހަރަދުގައި ހިފީ ވެސް ހަމަ އަންހެނުންނެވެ. ހޫނު މަރުހަބާއެއް ކީވެސް ހަމައަންހެނުންނެވެ.

"ހަރަދެއް ކުރަން ޖެހިއްޖެނަމަ އެކަން ކުރަން ފެންބޮވައިގެންފައި ރައްޔިތުން ތިބީ. ހުރިހާ ގޮތަކުން އެ ބޭފުޅުން އެހީތެރިކަން ދެއްވި. ކޮންމެ ބޭފުޅަކު ވެސް ވެދެވެން އޮތް އެހީއެއް ދިން،" ހުޅުދެލީ އަންހެނުންގެ ކޮމެޓީގެ ރައީސާ ޖީޒާ އަބްދުއް ޝުކޫރު ވިދާޅުވި އެވެ.

ޖީޒާ ވިދާޅުވި ގޮތުގައި ހަރުބީ ބޮޑުބެރު ގްރޫޕް އީދަށް މި ރަށަށް ގެންނަނީ 50،000 ރުފިޔާ އަށެވެ. އެ މީހުންނަށް އެ ފައިސާ ދެނީ ހުޅުދެލީ އަންހެނުންނެވެ.

މި ރަށުގައި އީދު ފޯރި ހިއްޕާލާފައި ހުރި ވަރު، އެންމެ ރަނގަޅަށް ކިޔައިދިނީ ހަރުބީ ބޮޑުބެރު ގްރޫޕުގެ މޭސްތިރި މަންޑޭ އެވެ.

"މިވަރުގެ ކަމެއް އަދި ނުދެކެން. ވަރަށް ގިނަ ރަށްރަށަށް އަޅުގަނޑުމެންނަށް ދެވިއްޖެ. އިމްތިޒާމްތައް ފުރިހަމަ ކަމާއި އީދު ފޯރި މި ރަށުގައި ހިއްޕާލާފަ ހުރި ވަރުން އަޅުގަނޑުމެން މިތިބީ ކޮސްވެފައި،" ހަރުބީ ބޮޑުބެރު ގްރޫޕުގެ މޭސްތިރި މަންޑޭ ބުންޏެވެ.

މިރަށުގެ އަންހެން ވެރިން ހަރުބީ ގެނެސް ހުއްޓާލިއްޔެއް ނޫނެވެ. އޭގެ އިތުރުން އެމީހުން ވަނީ ގިނަ ކުޅިވަރުތަކެއް ހުށައެޅުމަށް ނިންމާފައެވެ. އެގޮތުން ބޮޑުބެރު ޖެމުހާއި ބަނޑިޔާ ޖެހުމުގެ އިތުރުން ދަނޑިޖެހުމުގެ ކުޅުވަރިތައް ކުރިއަށްގެންދިޔުމަށް ހުޅުދެލީ އަންހެނުން ވަނީ ނިންމާފައެވެ.

އާއެކެވެ. މިއީ އާދަޔާއި ހިލާފް ރޫހެއްގައި މަސައްކަތް ކުރާ "ލީޑާ ޝިޕް" ގައި ނަމޫނާ އަންހެން ބަޔަކު ދިރިއުޅޭ ރަށެކެވެ. މިވެރިންގެ ފޯރިއާއި މިރަށުގައި އީދުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތައް އިތުރު އާޓިކަލް ތަކުގައި އަޅުގަނޑު ގެނެސްދޭނަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް