"އިޝީ! މެހެރީންގެ އަޑު އައީ ނިކަން ކައިރިންނެވެ. މާއިޝާ އެދިމާއަށް އައި ކޮއްކޮގެ ދެފަޔަށް ބަލަން އިނދެފައި އެނބުރުނު ވަގުތު ހިތް ތެޅިގަތީ އޮބި ނޯންނަވަރަށެވެ. އޭނާއަށް އިނދެވުނީ ކިރިޔާ ހަރަކާތެއް ކޮށްލިއަސް އަރްސަލާންގެ ނޭފަތުގައި އޭނާގެ ނޭފަތް ބީހޭނެހާ ކައިރީގައެވެ. އަދި އެދެލޯ ހުރީ ސީދާ އޭނާގެ މޫނަށް ހުއްޓިފައެވެ. އެވަގުތު މާއިޝާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެކުޑަ ކުޑަ ދުރުމިން ނެތިގެން ދިއުމަށް ޟަމީރު އެދުނު ވަރުން މާއިޝާ އެނަފްސަށްޓަކައި ޖެހިލުންވީއިރު ނާރުތަކުގައި ފޮނި މީރުކަމެއް ދަތުރު ކޮށްލައި ހިތް އައީ ކުރިއަށްވުރެ އަވަސްވެގެންނެވެ. އަރްސަލާންގެ ތޫނު ލޮލުން އޭނާއަށް ސިހުރެއް ޖެއްސީ ބާވައެވެ. މި ނޫނީ އޭނާ އެހެން މީހަކަށް ބޭނުންވެގެން ކެތްމަދުވި ވަގުތުކޮޅެއް ނާދެއެވެ. ބޭނުންވީ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި ހިތުގެ އެދުމަށް އިޖާބަ ދޭށެވެ.

"އިޝީ.......!!!" އިރުކޮޅެއްނުވެ މެހެރީން އައިސް މޭޒާއި ކައިރިވެފައި ނޭނގުމުގެ ތެރޭގައި ބަންޑުންވެ ފޭދިފައި ހުރި ކޮފީތަކަށް އެރިގެން ކުރިއަށްވުރެ ބާރަށް ހަޅޭތްލަވައިގަތެވެ. އެއަޑަށް ސިއްސައިގެން ދިޔަ މާއިޝާއަށް ތެޅިގަނެވުނު ގޮތުން މޭޒުގައި އޭނާގެ ބޯ ޖެހުނުއިރު އަނެއްކޮޅުން އަރްސަލާންއާ އޭނާގެ ނޭފަތް ހުރީ ޖެހިފިތިފައެވެ. "މޭޒު ތަންދޮށުގަ ކާކު؟ އިޝީތަ؟" މެހެރީން ވާހަކަދެއްކި ނަމަވެސް މާއިޝާއަށް ޖަވާބެއް ނުދެވުނެވެ. އެކަމަކު މެހެރީން ތިރި ބަލާލުމުން މާއިޝާގެ ފައި ފެނުނު ހެން ހީވިއެވެ. އޭނާ ކުޑަކޮށް ހައިރާންވެގެން އަނގައަށް ވައްތަރެއް ޖައްސާލައިފައި މާއިޝާ ކުރާ ކަމެއް ބަލަންވެގެން މޭޒު ދޮށަށް ގުދުވެ ބަލާލައިފައި ދެވަނަ ސިކުންތުގައި އިނީ ޓައިލްސްމަތީގައި އިށީންދެވިފައެވެ. ކުރިމަތީން ފެންނަން އެއިނީ އޭނާގެ މުޅި ހަޔާތުގައި ދެކޭ އެންމެ ފުރިހަމަ ސޫރައެވެ. މާއިޝާގެ އަރްސަލާން އަކީ އެއީ ހެއްޔެވެ؟ މެހެރީންއަށް އަމިއްލަ ލޮލަށް އިތުބާރު ނުކުރެވިގެން ތަކުރާރުކޮށް އެތައްފަހަރަކު އެސްފިޔަ ޖަހާލިއެވެ. އެކަމަކު ކުރިމަތިން ފެންނަން ހުރި މަންޒަރު ބަދަލެއް ނުވިއެވެ. ދައްތަގެ ކައިރީގައި އިން ޒުވާނާ އަދިވެސް އެބައިނެވެ. އޭނާއަށް ނޭވާ ހިފަހައްޓާލެވުނީ އަރްސަލާން މާއިޝާގެ މޫނުން ނަޒަރު ވަކިކޮށްލައި އެމޫނަށް ބަލައިލީމައެވެ. އެވަގުތު މާއިޝާ މޭޒު ތަންދޮށުން ނިކުމެގެން އައިސް ކައިރިއަށް ހުއްޓިފައި ބުނާނެ އެއްޗެއް ނޭނގިގެން ކޮއްކޮގެ މޫނަށް ބަލަން ހުއްޓެވެ. އަރްސަލާންވެސް ނިކުމެ ހަމަ އިސްކޮޅަށް ތެދުވެއްޖެއެވެ.

"...ވާއު.... ޖަސްޓް ވާއު މާއިޝާ މަލީހް. ތީ މިއާއިލާ ފަހުރުވެރިވާނެ ދަރިއެއް." މެހެރީންގެ ހަށިގަނޑަށް އަމިއްލަ ބާރު ލިބުނު ހިސާބުން އޭނާ އިންގޮތަށް އިނދެފައި ފެށީ އަތްޖަހާށެވެ. ކޮއްކޮގެ އަޑުގައިވި މަލާމާތުގެ އަސަރުން މާއިޝާއަށް އިސްއުފުލައި ނުލެވިފައި ހުރެވުނެވެ. މެހެރީން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހާލި ހިސާބުން އޭނާ އެނބުރި އަރްސަލާންގެ މޫނަށް ބަލައިލަންވެސް ނުކުޅެދުނެވެ. އޭނާ އެކުރީ ކީއް ހެއްޔެވެ؟ އެންމެ ބޭނުންވި ދުވަހު އާއިލާ ދޫކޮށްލައިފައި އޭނާ އެއެރީ ބޮޑުބޭބެގެ ޤާތިލުގެ ކޮޅަށް ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. މާއިޝާ ދެކޮޅު ހެދުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. އަރްސަލާންއަކީ ކުށްވެރިއެއް ނޫނެވެ. ބޮޑުބޭބެއަށް ހަމަލަ ދިނީ އަރްސަލާންއެއް ނޫނެވެ. "މާއިޝާ...!" ހިތާއި ސިކުނޑީގެ އަރާރުންގަނޑެއްގައި މާއިޝާ އުޅެނިކޮށް އަރްސަލާން ގޮވާލިއެވެ. މާއިޝާ ސިހުނީ އަރްސަލާން އޭނާގެ ނަން ކިޔާލި އެއީ ފުރަތަމަ ފަހަރަށް ވީމައެވެ. ޤަބޫލު ކުރަން ދަތިވެފައި އޭނާ އެނބުރި ބަލައިލިއިރު އަރްސަލާން ބަލަން ހުއްޓެވެ. ބަހެއް ނުބުނި ނަމަވެސް މަޑުމަޑުން ބޯ ޖަހާލި ގޮތުން ހިތްވަރުލައިދިން ކަހަލައެވެ.

"އަރްސަލާން ދޭ އިހަށް ކޮޓަރިއަށް. އަހަރެން ފަހުން ދާނަން." މާއިޝާ އެދެލޮލަށް ބަލަން ހުރެގެން އިއްވާލިއެވެ. ދެއްކި ވާހަކަ އަރްސަލާންއަށް ނަގައިގަނެވޭނެ ކަމަށް ނިންމާފައި އޭނާ ގޮސް ކޮޓަރިއަށް ވަންއިރު މެހެރީން އުޅެނީ ފާޚާނާގައެވެ. މާއިޝާ ކޮއްކޮ ނިކުންނަން ދެން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

"މެހެރް!" މާއިޝާ ވާހަކަދައްކަން ވެގެން ގޮވާލި ތަނާ މެހެރީން ބަލައިލި ގޮތުން ހުއްޓެވުނެވެ. މެހެރީން އެހާ ހިތްހަމަ ނުޖެހިފައި ހުއްޓާ އޭނާ ދެކުނު ހަނދާނެއް ނުވެއެވެ. "އަހަރެން މިރަށަށް އައީއްސުރެ އަހަރެންގެ އެންމެ ކައިރިން އަހަރެން ބުނިހާ ކަމެއް ކޮށްދީގެން ޒަވީ އުޅުނީ. އޭނަ އެއްފަހަރު އިހްސާސް ވިޔަކަ ނުދޭ އަހަރެން މީ އަހަރުތަކެއް ފަހުން ރަށަށް އައިސްގެން އުޅޭ ކުއްޖެއް ކަމެއް. ޒަވީ އެކުގައި ހޭދަވާ ކޮންމެ ވަގުތެއް އަހަރެން އެންމެ މަތީ ދަރަޖައަށް އެންޖޯއި ކުރަން. އަދި މިއަދު އަހަރެން މީ ޒަވީގެ އެންމެ ކައިރީ ހުންނަން ޖެހޭ މީހާ. ޒަވީގެ ދަތި ވަގުތު އަހަރެން ޖެހޭނެ ޒަވީގެ ސްޓްރެންތްއަކަށް ވާން. އޭނައަށް ހިތްވަރުދޭން. އެކަަމަކު ކިހިނެތް ދެން އަހަރެން އޭނައާ ކުރިމަތިލާނީ؟....އަހަރެންނަށް އިނގޭ އެއްޗަކީ އަހަރެންނާ އެއްފަހަރާ ދެކަމެއް ނުކުރެވޭނެކަން. އިޝީގެ ޑާރޓީ ސީކްރެޓް ހިފަހައްޓަމުން ޒަވީގެ އެކުވެރިއަކަށް އަހަންނަކަށް ނުވެވޭނެ..." މެހެރީންގެ ވާހަކަ އަހާފައި މާއިޝާއަށް ހުރެވުނީ ރައްދު ދޭނެ ގޮތެއް ނޭނގިފައެވެ. އޭނާ ޖަވާބުގައި ބުނަން އޮތީ އަދިވެސް ހަމަ އެއް ވާހަކައެކެވެ. އެއީ އަރްސަލާން އަކީ ކުށްވެރިއެއް ކަމަށް އޭނާގެ ހިތް އެއްބަސް ނުވާ ކަމެވެ. އެކަމަކު އެކަން މެހެރީންއަށް ޔަޤީންކޮށްދޭން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟

"ދެން؟ ދެން މެހެރް ކޮންގޮތަކަށް ތި ނިންމީ؟" މާއިޝާ ކެތްމަދުވެފައި އަހާލިއެވެ. "އަހަރެން ޒަވީ ކައިރިއަށް ނުދާނީ." މެހެރީން ދިނީ އޭނާ އުންމީދު ނުކޮށް ހުރި ޖަވާބެވެ. މާއިޝާއަށް ޤަބޫލު ނުކުރެވިގެން އެމޫނަށް ބަލައިލިއެވެ. "ކޮންމެ ގޮތެއްވިއަސް ތީ އަހަރެންގެ ދައްތަ. އަހަރެން ކުރިންވެސް ނުނިންމަން ޒަވީއަށް އަރްސަލާންގެ ވާހަކަ ކިޔައިދޭކަށް. އޭރު އެހެން ބުނެވުނީ ރުޅި އައިސްގެން. އިޝީ ވަކި ގޮތެއް ނިންމަންދެން އަހަރެން ހުންނާނީ އަނގައިގަ ޓޭޕް އަޅައިގެން. ސޯ ގޯ އެން ފިގަރ އައުޓް." މެހެރީން މާއިޝާއަށް ބަލައިލާފައި ގޮސް އަލަމާރި ކައިރިއަށް ހުއްޓުމުން މާއިޝާ ކޮޓަރިން ނިކުމެގެން ދިޔައީ އަނެއްކާވެސް ބަދިގެއަށެވެ. އޭނާ ޓައިލްސްމަތި ސާފުކޮށްފައި ސައި ތައްޔާރު ކުރިއެވެ. ދިހަ ގަޑި ބައިވިއިރުވެސް ބައްޕަ ނުނިކުތުމުން ބައްޕަ ކޮބައިތޯ ބަލަން ވެގެން ގޮސް ކޮޓަރިއަށް ވަންއިރު ބައްޕައެއް ނެތެވެ. އޭނާ ހާސްވެފައި ނިކުމެ ސިޓިންރޫމްގައި އިންދާ ބައްޕަ އައީ ބޭރުންނެވެ.

"ބައްޕަ ކޮންތާކުން ތިއައީ؟" މާއިޝާ ސޯފާއިން ތެދުވެ ހުރެގެން އެހިއެވެ. "ފަތިސް ނަމާދުކޮށްގެން މިސްކިތުން ނިކުތްއިރު ޒަވީއާ ދިމާވެގެން އެގެއަށް ދިޔައީ." ބައްޕަ ޒަވީގެ ވާހަކަ ބުނުމުން މާއިޝާ ޒަވީ ކިހިނެތްތޯ އަހާލިއެވެ. "މިއަދު ހޮސްޕިޓަލަކަށްވެސް ނުނިކުމޭ." ބައްޕަ ދިން ޖަވާބަކީ އެއީއެވެ. މާއިޝާ އެވާހަކަ ހުއްޓާލައިފައި ގޮސް ބައްޕައަށް ސައި ދިނެވެ. އެއަށްފަހު މަންމަ ކައިރިއަށް ދާންވެގެން ގޮސް ބެލިއިރު މެހެރީން އިނީ ލެޕްޓޮޕް ކައިރީގައެވެ. އޭނާ މަންމައާ ބައްދަލު ކުރަން ޒަވީމެންގެއަށް ދާން އުޅޭ ވާހަކަ ބުނުމުން މެހެރީން ދިނީ ކުރިންވެސް ދިން ޖަވާބެވެ. އޭނާ އެެގެއަށް ޒަވީ ކުރިމައްޗަށް ނުދާނެ ވާހަކައެވެ. ގެއިން ނިކުންނަން އުޅެފައި މާއިޝާ ޖެހިލުންވީ އަރްސަލާން ގޭގައި ބަހައްޓާފައި ދާން ޖެހޭތީއެވެ. މެހެރީން އަދި ކޮންމެ އެއްޗެއް ބުންޏަސް ހިޔާލު ބަދަލުވާނީ ކިހިނެތް ކޮންއިރަކު ކަން އެކަކަށްވެސް ނޭނގޭނެއެވެ. ގޮތެއް ނުނިންމިފައި މާއިޝާ އިނީ ސިޓިންރޫމް ސޯފާގައެވެ. އިރުގަނޑެއް ފަހުން މެހެރީން ދޮރު ހުޅުވާލި އަޑަށް ބަލާލިތަނާ އައިސް ދިއްކޮށްލީ ފޯނެވެ. މާއިޝާ ފޯނުގައި ހިފާފައި ސްކްރީނުގައި އޮތް ނާޔަލްގެ ނަމަށް ބަލަން އިންދާ މެހެރީން އަނެއްކާ ވަދެ ދޮރު ޖަހާލިއެވެ. އެވަގުތު އެފޯނަށް ޖަވާބު ނުދީ މާއިޝާ ބާއްވައިލީ ކުރިމަތީ ހުރި ކުޑަ މޭޒުމަތީގައެވެ. ފުރަތަމަ ފަހަރަށް ކެނޑުނު ފަހުން ދެވަނަ ފަހަރަށްވެސް ނާޔަލް ގުޅިއެވެ. އެކަމަކު މާއިޝާ ޖަވާބެއް ނުދެއެވެ. އެހެން އިންދެފައި އަރްސަލާން މަތިން ހަނދާންވެގެން ގޮސް އެކޮޓަރި ދޮރު ހުޅުވާލުމުން އެތެރެއިން މަރުހަބާ ކީ ހިމޭންކަމެވެ. ކޮޓަރީގައި އަރްސަލާންއެއް ނެތެވެ. މާއިޝާ ކޮޓަރީގެ ހުރިހާ ތަނެއް ބަލައި ފާޚާނާވެސް ޗެކް ކުރިއެވެ. ނިކުމެވުނުއިރު ހިތް ތެޅޭވަރުން ހީވަނީ ބޭރަށް ފުންމާލަން އުޅޭހެންނެވެ. އަރްސަލާން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އޭނާ މެހެރީން ކައިރިއަށް ވަންނަމުން އެދުނު ގޮތަށް އަރްސަލާން ކޮޓަރިއަށް ނުވަންނަނީ ހެއްޔެވެ؟

އިތުރަށް ހަފްތާއެއް ހޭދަވެގެން ދިޔައިރު އަރްސަލާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. މާއިޝާ އަރްސަލާން ހޯދަން ،މަސައްކަތް ކުރާ ސައިޓަށްވެސް ދިޔަ އަދަދެއް ނޭނގެއެވެ. މަންމަ އާއި ދޮންބައްޕަ ފުރުވާލައިފައި އައި ފަހުން އޭނާ ހުރިހާ ވަގުތެއް ހޭދަ ކުރަން ފެށީ މަސައްކަތް ކުރިއަށް ދާ ގޮތް ބެލުމުގައި ނޫނީ ދެން އެކަނިމާއެކަނި ކޮޓަރީގައެވެ. ހުހަށް ހުރި ކޮޓަރި ތައްޔާރުވުމުން މެހެރީން އެކޮޓަރިއަށް ދިޔަފަހުން އޭނާ އެކަނިވެލަން ހުރިހާ ވަގުތެއް އޮތެވެ. އެކަމަކު އަރްސަލާން ގެއިން ހިނގައްޖެކަން އެނގުނު ހިސާބުން މެހެރީން ގޮސް އުޅެނީ އަބަދު ނަބީލާ ކައިރީ އެގޭގައެވެ. އެއާ ޚިލާފަށް މާއިޝާ ގިނަ ވަގުތު އޮންނަނީ އެނދުގައި އޮށޯވެލައިގެން ހިމޭނުންނެވެ. އެހެން އޮތްވާ ބައެއްފަހަރު ވީ ގޮތެއް ނޭނގި ލޮލުން ކަރުނަ ފޭދި ގަނެއެވެ. އަނެއްބައިފަހަރު ހެޑް ސެޓް އަޅާލައިގެން އޮވެ ލަވަ އަޑުއަހައި ފާނެއެވެ. ދެބެންގެ މެދަށް ކުއްލިއަކަށް ވެރިވި ދުރުމިން މަލީހްއަށް ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވުނެވެ. އޭނާ ސުވާލު ކުރަން ނިންމައިގެން ހުރީ ދެބެން އެއްތަންވާ ވަގުތެއްގައެވެ. އެކަމަކު ހަފްތާއެއް ވެގެން ދިޔައިރު އެވަގުތެއް ނައެވެ.
*****

އާދުވަހެއްގެ ހެނދުނެވެ. އިރު އެރުމުގެ ކުރީން ވެހެން ފެށި ވާރޭ އެންމެ ބޯކޮށްލީ ހެނދުނު ހަތްގަޑި ބައިވާން ކައިރިވެފައި ހުއްޓައެވެ. މެހެރީން އެބޯވާރޭގައި ކުޑައަކުން ހިޔާވަހިކަން ހޯދައިގެން އައިސް "ލައިލަކް ވިއު" އަށް ވަންއިރު ނަބީލާ ބަދިގޭގައި އުޅެނީ ހެނދުނު ސައިތައްޔާރު ކުރުމުގައެވެ. ހަފްތާއެއްގެ ޗުއްޓީއަށްފަހު ޒަވީ މިއަދު އޮފީހަށް ނިކުންނަން އުޅޭކަން ނަބީލާ ފަރާތުން އެނގިގެން މެހެރީން ޒަވީ ކައިރިއަށް ދިޔައެވެ.

"ވާއު....!" ކޮޓަރީގެ ދޮރު ހުޅުވާލައިފައި ލޯގަނޑު ކުރިމަތީ ހުރި ޒަވީ ފެނިގެން މެހެރީންއަށް ބުނެލެވުނެވެ. އަތްދިގު ވިލުކުލައިގެ ގަމީހާއި ކަޅު ފަޓްލޫނުގައި ޓައީ އަޅަން ހުރެފައި ޒަވީ ދޮރާއި ދިމާއަށް ބަލައިލީ ލޯގަނޑުންނެވެ. ފަންއިސްތަށިގަނޑު އެއްފަރާތުން މަގެއް ފަޅައި ގެންގޮސް ތަތްކޮށްލާފައެވެ. މޫނު ތާޒާވެފައި ޒަވީ ރަސްމީ ހެދުމުގައި އެހާމެ ސްމާޓެވެ. ފިނި ދުވަހަކަށް ވުމުން މެހެރީން ހުރީ އަތްދިގު ނޫ ޖިންސަކާއި ހުދާއި ކަޅުން ހުރަސް ރޮގު ދެމި އަތްދިގު ޓީޝާޓެއްގައެވެ. އެއިސްތަށިގަނޑު އޮތީ ޒަވީ އެންމެ ގަޔާވާ ގޮތަށް ވޫލްކޮޅެއްމެދަށްޖަހައި ދެން އޮތް ނުފޯރާ އިސްތަށިތައް ވަށައިގެން ދޫކޮށްލައިފައެވެ.

"މިއޮތް ހެނދުނާ ކީއްތި ކުރަނީ؟" ޒަވީ ޓައީ އަޅައި ނިމިގެން ގަމީހުގެ އަތުކުރި އޮޅަން ފަށާފައި އަހާލިއެވެ. އެވަގުތު މެހެރީން އައިސް ކުއްލިއަކަށް އަތުގައި ހިފެހެއްޓުމުން އޭނާ ކުޑަކޮށް ސިހުނެވެ. "އަހަރެން އަލަކަށް ނޫނެއްނު ހެނދުނު މިގެއަށް މިއައީ." މެހެރީން ޒަވީގެ ގަމީހު އަތުކުރި އޮޅައިދޭން ފެށުމުން ޒަވީގެ ނަޒަރު ހުއްޓުނީ އެމޫނަށެވެ. ފެނުގައި އަސަރު ކޮށްފައި ހުރި ކުރު އިސްތަށިތައް ކަންފަތް ކައިރިން ނިކުމެ ކޯތާފަތުގައި ތަތްވެފައި އޮތުމުން އެއިސްތަށިތައް އެއްފަރާތް ކޮށްލަދޭން އިނގިލިތައް ކެތްމަދުވިއެވެ. އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަންވެގެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އިސްޖަހާލިއިރު ލުއި ހުނުމެއްގެ އަޑު ނިކުތެވެ. "މެހެރް ކައިރީ އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް." ޒަވީ އިސްއުފުލާލިއިރު އަޑުގައި ސާބިތުކަން ވިއެވެ. ފާއިތުވި ހަފްތާއެއްގެ ތެރޭގައި މެހެރީން އައިސް އޭނާގެ އެންމެ ކައިރީ ހޭދަ ކުރި ވަގުތުތަކަށް ބަލާފައި އޭނާގެ ހިތުގެ ހާލު ބަޔާން ކުރަންވީ ވަގުތު އަތުވެއްޖެކަމުގައި ގަބޫލު ކުރެވުނެވެ. އިރުކޮޅަކުން މެހެރީން އަތުކުރި އޮޅާ ނިމިގެން ދޫކޮށްލައިފައި ބަލާލިއިރު ޒަވީ ބަލަން ހުރި ގޮތުން ހިތް ތެޅިލިއެވެ. ޒަވީ ބުނަން އެއުޅޭ ވާހަކަ އޭނާއަށް އެނގެއެވެ. އޭނާ ޖެހިލުންވީ މިސަބަބާ ހުރެއެވެ.

"އަހަރެން މިދަނީ ދައްތަ ކައިރިއަށް." މެހެރީން ސަލާމަތްވާން ވެގެން ދޮރާއި ދިމާ ކުރިއެވެ. އެވަގުތު ޒަވީ ހުޝިޔާރުވެފައި އޭނާގެ އަތުގައި ހިފައިފިއެވެ. "އަހަރެން ހިތް އެދޭ މީހަކު ހުރޭ." މެހެރީން ބުނި އެއްޗަކުން ޒަވީއަށް އެއަތަށް ބާރުކޮށްލެވުނެވެ. އޭނާ ބުނަން އުޅޭ ވާހަކަ މެހެރީންއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟

"ކާކު؟" މެހެރީން ބަލާލުމުން ޒަވީ ހަމަޖެހޭ ގޮތް ދައްކާލިއެވެ. "އެއީ އަހަރެން ކިތަންމެ ބޭނުންވިއަސް އެމީހަކާއެކު އަހަރެންނަށް ދިރިއުޅުމެއް ނުލިބޭނެ މީހެއް." މެހެރީންދިނީ ޒަވީގެ ހިތް ސުވާލުތަކުން ފުރިގެން އައި ޖަވާބެކެވެ. އެކަމަކު އިތުރަށް ސުވާލު ކުރާނެ ހިތްވަރު ނުލިބުނީ ހިތަށް ކުރި ފުން އަސަރަކުންނެވެ. މެހެރީން ނުސީދާ ބަހުން އޭނާގެ ހުށައެޅުމަށް އިންކާރު ކުރީއެވެ. މެހެރީން އަތުން ދޫކޮށްލައިފައި އެއަތްތިލަ އޭނާ ކޮށްޕައިލީ ފަޓްލޫނު ޖީބަށެވެ. މެހެރީން ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުރެގެން އަނެއް އަތުން ބޮލުގެ ފުށްކިބައިގައި ޖަހާލެވުނެވެ. ހިތަށް އެރިއެވެ. އަދިވެސް އޭނާއަށް އެވާހަކަ ބުނަން އުޅެވުނުލެއް އަވަހީ ހެއްޔެވެ؟ ނޫނެކެވެ. މައްސަލައަކީ އެއީއެއް ނޫނެވެ. މައްސަލައަކީ މާއިޝާއެވެ. އޭނާއަށްވުރެ ކުރިން މާއިޝާ އަނގަ ހުޅުވީމައެވެ. އޭނާ ސިއްރުކޮށްދޭން ބުނެ އެދުނު އެދުން މާއިޝާއަށް ފުއްދައެއް ނުދެވުނެވެ.

"ކިހިނެތްވީ؟" މާއިޝާ ހެނދުނު ސައިބޯން ނިކުމެ މޭޒުދޮށުގައި އިންދާ މެހެރީން އައިސް ވަދެ ގޮނޑިއަކަށް ވެއްޓިގަނެގެން އިންނަން ފެށުމުން އަހާލިއެވެ. މެހެރީން ބަލައިލިއިރު މާއިޝާ އިނީ ބަލަހައްޓައިގެންނެވެ. "ޒަވީ އަހަރެން ކައިރީ ލޯބިވާ ވާހަކަ ބުނަން އުޅުނީ." މެހެރީން އޮޅުންފިލުވައި ދިނެވެ. ވަގުތީ ދުރުކަމެއް އަދި ވެރިވެފައި އޮތަސް އޭނާ އެވާހަކަ ހިއްސާ ކުރާން މާއިޝާ ނޫން މީހަކު ނެތެވެ. "ނުއެއް ބުނޭތަ؟" މާއިޝާ ކައިރީގައި ހުރި ކޮފީތަށީގެ ތުންވަރީގައި ޝަހާދަތް އިނގިލި ކާއްތައިލަމުން އިތުރަށް އަހާލިއެވެ. "ހޫމ. އަހަރެން ބުނެފިން އަހަރެން ހިތް އެދޭ އެހެން މީހަކު ހުރެއޭ." މެހެރީން ޖަވާބު ދިންއިރު އަޑު ނިކުތީ ތަންކޮޅެއް އުދަނގުލުންނެވެ. މާއިޝާ ބަލައިލުމުން އޭނާ ދުރު ބަލައިލިއެވެ. "ތެދެއްތަ އެއީ؟" މާއިޝާ ކުރީ މެހެރީން ތައްޔާރުވެގެން ހުރި ސުވާލެވެ. އޭނާ ބޯ ހޫރައިލީ ދެފަރާތަށެވެ. "ކުޑަ ދުވަސްކޮޅެކެއްނު އަހަރެމެން ދެން މިކޮޅުގަ ތިބޭނީ. ޒަވީއަކަށް ނޭނގޭނެ އަހަރެން ދޮގު ހެދި ކަމެއް." މާއިޝާ އިތުރު އެއްޗެއް އަހަންވާއިރަށް މެހެރީން ދާންވެގެން ތެދުވިއެވެ. އެކަމަކު ދޮރާއި ހަމައަށް ގޮއްސައި އަނެއްކާ ހުއްޓި ބަލާލައިފިއެވެ.

"އަރްސަލާން ދިޔަތަނެއް އެނގިއްޖެތަ؟" މެހެރީން ވާހަކަދެއްކި އަޑަށް މާއިޝާ ހަތަރުކަޅި ހަމަކޮށްލާފައި ދެފަރާތަށް ބޯ ހޫރާލިއިރު ލޮލުގައި ކަރުނަ ވިދަން ފެށިއެވެ. މެހެރީން ބޯ ޖަހާލައިފައި އަވަހަށް ދޮރުން ބޭރަށް ދެމިގަތެވެ. އެކަމަކު ދުރަށް ނުގޮސް އޭނާ ބުރަކަށި ޖައްސާލީ ފާރުގައެވެ. ދެން ކަންފަތުގައި ހަރުލައިގެން ދިޔައީ މާއިޝާގެ ހިމޭން ގިސްލުމުގެ އަޑެވެ. "އައެމް ސޯ ސޮރީ އިޝީ. އައެމް ރިއަލީ ސޮރީ. އަރްސަލާން ކައިރީ މިގެއިން ދާން ބުނި މީހަކީ އަހަރެން. އަހަރެން ހީކުރީ އަހަންނަށް ކަންތައް އެކުރެވުނީ އިޝީއަށް ރަނގަޅަކަށް ކަމަށް. އެކަމަކު މިހާރު... އައި ގެސް އައެމް ރޯންގް." މެހެރީން ފެންކަޅިވެފައި ހުރެގެން ހިތާއި ހިތުން ކިޔެވެ.

އިރު އޮއްސިގެން އައިއިރު މާއިޝާ ހުރީ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައެވެ. ބަންޤި ވަގުތަށް މެދުކަނޑާލައިފައި އެންމެން ދާން ތައްޔާރު ވީއިރު އޭނާ ހަށަން ބަނދެލައިގެން ހުރެ، ފައުންޑޭޝަން އަޅައި ކޮޅަށް ބަހައްޓާފައިވާ ތަނބުތަކުގެ މެދުން ހިނގަމުން ދިޔައެވެ. އަނދިރިކަން ވެރިވެ ހިމޭން ވުމުން އޭނާ ތަނބެއްގައި ލެނގިލައިގެން ހުއްޓާ ދުރުން ކޮންމެވެސް އަޑެއް އިވުނުހެން ހީވެގެން ކަންފަތް ކޮޅަށް ޖެހުނެވެ.

"އަރްސަލާން...!" މާއިޝާ އަނދިރިގަނޑަށް ބަލަން ހުރެގެން ގޮވާލިއެވެ. އޭނާ ފަރުވާވެ ބަލަން ހުއްޓާ އަނދިރީގެ ތެރެއިން މީހަކު ހުރަސްކޮށްލިތަން ފެނުނެވެ. އެކަމަކު ކަޅު ހިޔަންޏެއް ފަދައިންނެވެ. މާއިޝާ ދެވަނަ ފަހަރަށް ގޮވާލައިފައި ފައުންޑޭޝަން މަތިން ތިރިއަށް ފުންމާލައިގެން އެދިމާއަށް ދުއްވައިގަތީ ތަނެއް ދޮރެއް ނުބަލައެވެ. ތަންކޮޅަކަށް ދެވުނުތަނާ އެންމެ ފުރަތަމަ ޖެހުނު މުލުގައި އަޅައިގެންފައި އޭނާ އަރި އަޅާލައިގެން ވެއްޓި ޖެހުނުއިރު އަތަށްވެސް ތަދުވިއެވެ. މަޑު އާހެއްގެ އަޑު އިއްވާލައިފައި ކޮޅަށް ތެދުވިއިރު އަރްސަލާން ހުރީ ސީދާ ކުރިމަތީގައެވެ. "އަރްސަލާން؟" މާއިޝާއަށް ޤަބޫލު ނުކުރެވިގެން އަނެއްކާވެސް އެނަން ކިޔާލިއެވެ. އަރްސަލާން އެއްޗެއް ބުނުމުގެ ކުރީން އޭނާ ކުރިއަށް ޖެހިލާފައި އެހަށިގަނޑުގައި އޮޅުލައިގެންފިއެވެ. " ތޭންކް ގޯޑް ޔޫ އާ އޯކޭ...އަރްސަލާން ކޮންތާކު އުޅުނީ؟ ކީއްވެ އަހަރެންނަށް ފިލައިގެން ދުރުގަ ތިއުޅެނީ؟ ކީއްވެ އަހަރެން އެކަނި ކޮށްލާފަ ގެއިން ނިކުތީ؟" މާއިޝާ އެއްފަހަރާ އެތައް ސުވާލެއް ހުށައަޅާލިއެވެ. އޭރު ކޮށްފައި ހުރި އަސަރާއިއެކު ލިބުނު އުފަލެއްގެ ބޮޑުކަމުން ލޮލުން ކަރުނަތައް ފޭދިގެންފިއެވެ. "ޖަވާބު ދީބަލަ! ކޮންމެވެސް އެއްޗެކޭ ބުނެބަލަ!" ލޮލުން ކަރުނަ އޮހި ހަމައަކަށް އެޅުނު ފަހުން މާއިޝާ ދުރަށް ޖެހިލާފައި ބުނެލިއެވެ. އަނދިރީގައި ގިނައިރުވެގެން އޭނާއަށް އަރްސަލާންގެ މޫނު ރަނގަޅަށް ފާހަގަ ވާން ހުއްޓެވެ.

"އަރްސަލާންއާ އިޝީ އެކަށީގެނެއް ނުވޭ. އަރްސަލާންއާއި އިޝީއަކަށް އެކުގައެއް ނޫޅެވޭނެ." މާއިޝާ އަޖައިބު ކޮށްލާފައި އަރްސަލާން އެބަރު އަޑުން އިއްވާލިއެވެ. މާއިޝާއަށް ހީވީ މެއަށް ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. އެންމެ ފުރަތަމަ، އަރްސަލާންއަށް ވާހަކަ ދައްކަން ދަސްވީ ކޮންއިރަކު ހެއްޔެވެ؟ މާއިޝާގެ ދޫ ހަރަކާތް ނުކޮށްގެން އުޅެނިކޮށް އަރްސަލާން ދުރަށް ޖެހިފައި ހިނގައިގަތީ ދުރަށެވެ. މާއިޝާ ބާރު ބާރަށް ގޮވާލި ނަމަވެސް ފަސްއެނބުރި ބަލައި ނުލައި ހުރެ ގޮސް ލޯމަތިން ގެއްލުނީއެވެ.

ގެއަށް އައިސް ދޮރާށިން ވަންއިރު މެހެރީން ސިޓިންރޫމް ސޯފާގައި އޮތްވާ ފެނުނެވެ. މާއިޝާ މެހެރީން ފެންނަ ހިސާބުގައި އެތާހުރި ޖޯލިފަތީގައި އިށީންދެ އިންއިރު އަދިވެސް ލޮލުން ކަރުނައެއް ނުހިކެއެވެ. އެހެން އިންދާ އޭނާއަށް އެއްޗެއް ވިސްނިގެން ކުއްލިއަކަށް އިންތަނުން ތެދުވެވިއްޖެއެވެ. އޭނާ ހަނދާންވީ އަރްސަލާން ވާހަކަދެއްކިއިރު އޭނާއަށް އިޝީއޭ މުޚާތަބު ކުރި ކަމެވެ. އެކަމަކު އެއީ މީގެ ހަފްތާއެއް ކުރިން އަރްސަލާން އޭނާގެ ކައިރީގައި ބަދިގެތެރޭ ހުރެފައި މުޚާތަބު ކުރި ނަމެއް ނޫނެވެ. މާއިޝާއަށް ޤަބޫލުކުރެވުނު ގޮތުގައި އަރްސަލާން ދެއްކި ވާހަކައެއީ އޭނާއާއި ދިމާއަށް ކޮންމެވެސް އެހެން މީހަކު ބުނެފައި އޮތް ޖުމްލަ ކޮޅެކެވެ. އަދި އެކަން އެގޮތަށް ކުރާނެ އަދި ކުރެވޭނެ ހަމައެކަނި ފަރާތަކީ މެހެރީންއެވެ. ހުރިހާ ކަމެއް އޮޅުންފިލުމުން މާއިޝާ ބޭނުމީ ސާފު ބަހުން މެހެރީންއާ ވާހަކަ ދައްކާށެވެ. އޭނާ ދާންވެގެން ހިނގައިގެންފައި ހުއްޓެވުނީ ދޮރާށި ހުޅުވުނު އަޑަށެވެ. އެނބުރި ބަލައިލިއިރު ފިރިހެނަކު އެތެރެއަށް ވަނީއެވެ. ގަސްތަކުގެ ހިޔަނީން އަނދިރި އެޅިފައި ހުއްޓަސް އިސްކޮޅަށް ބަލާފައި މާއިޝާއަށް އެނގުނެވެ. އޭނާ ބަލާކަށް ނުހުރެ ދުއްވައިގެންފައި ގޮސް އަރްސަލާން މެދުހަށީގައި ދެއަތުން ހިފެހެެއްޓީ ދެން އަލުން ނިކުމެގެން ދިޔަ ނުދޭންވެގެންނެވެ.

"އާވ.... ބޭބީ އައި މިސްޑް ޔޫ ޓޫ..." އެއިވުނީ އަރްސަލާންގެ އަޑެއް ނޫނެވެ. މާއިޝާ ތެޅިގެންފައި ދުރަށް ޖެހިލަން އުޅެނިކޮށް ނާޔަލް އޭނާއަށް ފުރުސަތެއް ނުދީ އެބާރުގަދަ ދެއަތުން އޭނާ ވަށާލައި ބިމުން ހިއްލާލައިފިއެވެ.
(ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު