ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރާ އިމާމު ހައްޔަރުކޮށްފި

ހުކުރު ކުރުމުގެ ހުއްދަނެތި ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާޢަތް ހަދައިގެން، ހުކުރު ކުރާ އިމާމު ހައްޔަރު ކޮށްފި އެވެ.
~
ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައި ވަނީ ދަރުމަވަންތަ މިސްކިތުގައި "އިމާމެއް ކަމަށް ހެދިގެން ހުކުރު ކުރާ" އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނެގުމަކާ ނުލައި ވަކި ޖަމާޢަތް ހަދައިގެން މާލޭގައި ހުންނަ ދަރުމަވަންތަ މިސްކިތުގައި އިމާމެއް ކަމަށް ހެދިގެން ހުކުރުކޮށް ޚުޠުބާ ކިޔައި ދީނީ ގޮތުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރަމުން ގެންދާތީ ކަމަށެވެ.

ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ އިމާމު މީގެ ކުރިން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ތަކުރާރުކޮށް ނަސޭޙަތް ދީ އެކަން ހުއްޓާލުމަށް އެންގި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކަން ހުއްޓާނުލައި އޭނާ ވަނީ ދަރުމަވަންތަ މިސްކިތުގައި ހުއްދަނެތި ދީނީ ވާހަކަދައްކައި ދީނީ ގޮތުން ރާއްޖޭގައި ބައިބައިވުން އުފައްދަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ގެންދިއުމުން، އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

ދަރުމަވަންތަ މިސްކިތަކީ މާލޭގައި ހުކުރު ކުރުމަށް ކަނޑައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއް ނޫނެވެ. އަދި އެ މިސްކިތުގައި އިމާމުންގެ ގޮތުގައި ހެދިގެން ޚުޠުބާކިޔައި ފަތުވާދެމުންދަނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ނަގާފައިވާ ބައެއް ނޫނެވެ.

ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ އިމާމުގެ މައްސަލަ ތަހުގީގު ކުރަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު