ރާއްޖެ ބަދުނާމުކޮށް ވާހަކަފުޅުދައްކަވާ ރައީސެއްގެ އިނާޔަތް ހުއްޓާލަން އިސްލާހެއް ހުށަހަޅަނީ

ރާއްޖޭގެ ކުރީގެ ރައީސަކު ބޭރު ގައުމެއްގައި ރާއްޖެ ބަދުނާމްވާ ގޮތަކަށް ވާހަކަފުޅު ދައްކަވައިފިނަމަ އެ ބޭފުޅަކަށް ދެމުންދާ ރައްކާތެރިކަމާއި އިނާޔަތް ވަކި މުއްދަތަކަށް ކަނޑާލުމަށް އިސްލާހު ހުށަހަޅަން ޕީޕީއެމްގެ ޕާލަމެންޓްރީން ހުށަހަޅަން ނިންމައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވީ ރާއްޖެ ބަދުނާމުވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަފުޅު ދައްކަވަމުންދާއިރު ދައުލަތުން ބޮޑެތި ހޭދަތައް އެމަނިކުފާނަށް ކުރުމަކީ "ހަމަ ނުޖެހޭ" ކަމެއް ކަމަށެވެ. އަދި އެ ސަބަބަށްޓަކައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކާއި ބެހޭ ގާނޫނަށް އިސްލާހް ގެންނަން ޖެހިފައިވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ރަސްމީ ދިފާއީ ބާރު މޯލްޑިވްސް ޑިފެންސް ފޯސް އާއި ދެން އޮތް ބާރު ފުލުހުންގެ އިދާރާގައި އައިއެސް ފަދަ ނުރައްކާތެރި މީހުން ތަމްރީންކުރާ ބަޔަކު ތިބި ކަމަށް އެ ވިދާޅުވަނީ. މިއީ ކަނޑައެޅިގެން ފާޅުގައި އިސްތިއުފާ ދެއްވި ރައީސް ނަޝީދު ހެއްދެވި އިތުރުފުޅެއް. މި ޒާތުގެ ވާހަކަ ދައްކަވާފައި ވަޑައިގެން އެއްކަހަލަ ސިފައިންގެ ބޮޑީގާޑުން އަރިހުގައި ބަހައްޓަވައިގެން އެ ވަޑައިގަންނަވަނީ،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި އެވެ.

"އެ މުސާރަ އެގޮތަށް ނަންގަވައިގެން އެ މަސައްކަތްޕުޅު ކުރެއްވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ހީވަނީ [ކުރީގެ ރައީސުނަށް ދޭ އިނާޔަތާއި ބެހޭ ގާނޫނު] އިސްލާހު ކުރަން ވެއްޖެ. އެއީ އެމަނިކުފާނަށް ކަންކުރާނެ ގޮތަކަށް ކުރައްވަން ދޫކުރެއްވީމަ ކަންކުރައްވަނީ މިހެން،"
ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު ނިހާން އާއި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަން ޖެހުނީ ކުރީގެ ރައީސުން ދައްކަފުޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީޖީ ގްރޫޕުގެ ލީޑަރު އިސްނަންގަވައިގެން ރައީސް ކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ އިނާޔަތުގެ ގާނޫނަށް މާދަމާ އިސްލާހު ހުށަހަޅުއްވާނެ. އޭނާ އޮންނާނެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ރާއްޖޭގެ އިގްތިސާދަށް ގެއްލުންދޭ ވާހަކަ ނޫނިއްޔާ ރާއްޖެއަށް ގެއްލުންދޭ ގާނޫނާއި ހިލާފު ވާހަކަތައް ދައްކާ ފަރާތްތަކާއިމެދު އަޅާނެ ފިޔަވަޅު، އެފަދަ ކަމެއް ކޮށްފިނަމަ އޭނާއަށް ދޭ އިނާޔަތްތައް ހުއްޓުމަކަށް އަންނާނެ ހާލަތްތައް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރާއްޖެ ބަދުނާމުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަން ފައްޓަވާފައިވާ ކަމަށާއި އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ފުލުހުނަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި ނަޝީދު ކޮންމެ ގޮތަކަށް ވާހަކަ ދެއްކެވި ނަމަވެސް ބޭރު ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހުމުގެ ފުރުސަތު ސަރުކާރުން ވެސް އަދި ރައްޔިތުން މަޖިލީހުން ވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހްގައިވާ ގޮތުން ކުރީގެ ރައީސަކު ރާއްޖެ ބަދުނާމްވާ ގޮތަށް ވާހަކަފުޅު ދައްކަވައިފިނަމަ 10 އަހަރަށް ނުވަތަ 15 އަހަރަށް އިނާޔަތް ކަނޑާލެވިދާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ މިއަދަށް ދެ އަހަރު ފުރިފައިވާތީ ނިހާން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ މިހާރަށް ވުރެ ބޮޑަށް ތަހްގީގުކޮށް އެ މައްސަލަގެ ތަފްސީލް މިހާރަށް ވުރެ ބޮޑަށް ހާމަކުރުމަށް ޖެހޭ ކަމަށެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާތީ، އެ ހުކުމް ތަންފީޒު ނުކުރެވޭތީ ނިހާން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ރައީސުލްޖުމުހުރިއްޔާ ކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއިބެހޭ ގާނޫނުގެ ތިން ވަނަ މާއްދަގެ (ހ)ގައި ބުނެފައި ވަނީ ރައީސުލްޖުމުހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި ރައީސުލްޖުމުހުރިއްޔާކަން އެއް ދައުރަށް ވުރެ ގިނަ ދައުރު ކޮށްފައިވާ މީހަކަށް 75000 ރުފިޔާ ދައުލަތުން ދޭންވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު