އެޕަލްއިން ރަން ކުލައިގެ އައިޕެޑް ނެރެނީ

އެޕަލް ކުންފުނިން މި ފެށުނު އޮކްޓޫބަރު މަހުގެ ތެރޭގައި އެ ކުންފުނީގެ އައިޕެޑްގެ އާ ވާޝަނެއް ތައާރަފްކުރާއިރު، ރަންކުލައިގެ އައިޕެޑް ނެރޭނޭ ކަމަށް ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެފި އެވެ.

އެޕަލް ކުންފުނީގެ މަސްދަރުތަކާ ހަވާލާދީ ބްލޫމްބާގްގައި ބުނެފައިވާ ގޮތުން، އައިޕެޑްގެ 9.7 އިންޗީގެ ފަހުގެ ވާޝަން އަންނަ މަހުގެ ތެރޭގައި އެޕަލް ކުންފުނިން ތައާރަފްކުރާއިރު އެ ވާޝަންގައި 'ގޯލްޑް ކަލަރ' ވެސް އިހުތިޔާރެއްގެ ގޮތުގައި ހިމަނާނެ އެވެ.

އެޕަލްގެ އުފެއްދުންތަކަށް ގިނަ ބަޔަކު ޝައުގުވެރި ވަނީ، އެ ކުންފުނީގެ އުފެއްދުންތައް ފަރުމާކުރުމުގައި ހަމަހަމަކަން ގެންގުޅޭތީ އެވެ. އެގޮތުން 'އެޕް ލައިބްރަރީ' އާއި 'ޔޫޒާ އިންޓަފޭސް' އާއި އެހެންނިހެން ފަރުމާތައް ވެސް ހުންނަނީ އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކަށް ވެސް ބޭނުން ކުރުމުގައި ހަމަހަމަ ގޮތަކަށް ފަރުމާކޮށްފަ އެވެ.

އައިޕެޑް އެންމެ ފުރަތަމަ ތައާރަފް ކުރިއިރު 2010 ވަނަ އަހަރު އޭގެ ސޭލްސް ފަސް ބިލިއަން އެމެރިކާ ޑޮލަރުން 2012 ވަނަ އަހަރާ ހަމައަށް 30 ބިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ. އަދި ވޭތުވެދިޔަ އަހަރު އައިޕެޑްގެ ސޭލްސް 32 ބިލިއަން އެމެރިކާ ޑޯލަރަށް އެރި ނަމަވެސް މި ދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި އައިޕެޑުގެ ސޭލްސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ފަހުން އެޕަލްއިން އައިޕެޑްގެ އާ އުފެއްދުމެއް ތައާރަފްކޮށްފައެއް ނުވެއެވެ. އަދި އެޕަލްގެ ފޯން ސީރީޒަށް ބޮޑު ސްކްރީނެއް ލާފައިވާ އައިފޯން 6 ތައާރަފްކުރުމާ ގުޅިގެން އައިޕެޑް ގެންގުޅުނު ގިނަ ބަޔަކު ވަނީ އެ ފޯނަށް މިސްރާބު ޖަހައިފަ އެވެ.

އެޕަލުގެ އުފެއްދުންތަކުގެ ސޭލްސް އިތުރުކުރުމަށް މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ، ކުލަ ބަދަލުކުރުމުގެ އުކުޅު ބޭނުންކޮށްފަ އެވެ. އެގޮތުން ކެންޑީ ކުލަތަށް ހިމަނައިގެން 1999 ވަނަ އަހަރު އައިމެކްތައް ތައާރަފް ކުރި އެވެ. އެހެން ނަމަވެސް އެފަހަރުގެ ކާމިޔާބާއެކު 2013 ވަނަ އަހަރު އައިފޯނުގެ އާދައިގެ މޮޑެލް ކަމަށްވާ އައިފޯން5ސީ، ތަފާތު ކުލަތަކެއް ހިމަނައިގެން ނެރުނު ކަމުގައިވީ ނަމަވެސް އެއަށް އެހާ ބޮޑު ތަރުހީބެއް ލިބިގެނެއް ނުދިޔަ އެވެ.

ރޯޔަލް ބޭންކް އޮފް ކެނެޑާގެ ކެޕިޓަލް މާކެޓް އެނަލިސްޓެއް ކަމަށްވާ އަމިތު ޑަރްޔަނާނީ ވިދާޅުވި ގޮތުގައި އައިޕެޑްގެ އެންމެ ފާހަގަކޮށްލެވޭ ބަދަލެއް ފެނިގެންދާނީ، އެޕަލް ކުންފުނިން މިހާރު ނެރެން ތައްޔާރުވަމުން އަންނަ 12.9 އިންޗި ހުން ބޮޑު ސްކްރީނު ލާފައި ހުންނަ އައިޕެޑުންނެވެ. އެހެން ނަމަވެސް އެ އައިޕެޑް 2015 ވަނަ އަހަރުގެ ކުރިން އާންމުކޮށް ފެންނަވަރު ނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު