އެމްޑީއެންގެ މައްސަލަ ބެލުމަށް ހޯމް މިނިސްޓަރު އަންގަވައިފި

ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭ ގޮތަށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ރިޕޯޓެއް ނެރުނު މައްސަލަ ބެލުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގަވައިފި އެވެ.

ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބެލުމަށް ޖަމްއިއްޔާތަކާ ބެހޭ ރަޖިސްޓްރާއަށް އަންގަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިމޮކްރެސީ ނެޓްވޯކުން ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްފައުވާތީވެ އެ ޖަމްއިއްޔާގެ މައްސަލަ ބަލަން އަޅުގަނޑު މިހާރު އޮންނާނީ ޖަމްއިއްޔާތަކާ ބެހޭ ރަޖިސްޓްރާއަށް އަންގާފައި. އެހެންވީމަ ވަރަށް އަވަހަށް ޑިމޮކްރެސީ ނެޓްވޯކްގެ މައްސަލަ ބަލާނެ ހޯމް މިނިސްޓްރީން،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު އެ ޖަމްއިއްޔާ ކުށްވެރިވާ ކަމަށްވާނަމަ ފިޔަވަޅުއަޅާނެ ކަމަށެވެ.
"އެ މައްސަލަ ބަލާފައި އެ މީހުން ކުށްވެރިވާ ކަމަށް ވަންޏާ ފިޔަވަޅު ވެސް އަޅާނެ އިނގޭތޯ. އެއްގޮތަކަށް ވެސް އެ ޖަމްއިއްޔާގެ ކުރިއަށް ޑިމޮކްރެސީ އައުން އެއީ އަޅުގަނޑުމެންނަށް އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ނުކުރޭ ސަބަބަކަށް ނުވާނެ. އަޅުގަނޑުމެންނަށް ކެރޭނެ ފިޔަވަޅު އަޅަން،" އުމަރު ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓުގެ ސަބަބުން ރިޟުވާންގެ އާއިލާއަށް ވެސް ނުރައްކާތަކާ ކުރިމަތި ލާންޖެހިފައިވާ ކަމަށާއި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ތަހުގީގު ކުރުމުގެ ބާރު ލިބިގެންވަނީ ވަކި މުއައްސަސާތަކަކަށް ކަމަށާއި އެއީ އެނޫން ފަރާތަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި އެމްޑީއެން އިން ނެރުނު ރިޕޯޓަކީ "ތާކުން ތާކު ނުޖެހޭ" "ތޯތޯ ވާހަކަތަކެއް"ގެ މައްޗަށް ނެރެފައިވާ އެއްޗެއް ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު