ދަނޑުވެރިންގެ ފެއާގައި ބައިވެރި ވުމަށް މިހާތަނަށް އަށް ފަރާތަކުން ހުށަހަޅާފައިވޭ

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑުވެރިންގެ ފެއާގައި ބައިވެރި ވުމަށް މިހާތަނަށް އަށް ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮގްރާމް ތަކާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދަނޑުވެރިންގެ ދުވަސް މިފަހަރު ފާހަގަ ކުރުމަށްޓަކައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރަސްމީ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާލޭގައި ކަމަށެވެ. އެގޮތުން އަންނަ މަހުގެ 16 އަދި 17 ވަނަ ދުވަހު ދަނޑުވެރިންގެ ދުުވަސް ފާހަގަ ކުރުމަށްޓަކައި ދަނޑުވެރި ކަމުގެ ފެއާއަކާއި ސެމިނާރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފެއާގައި ބައިވެރި ވުމަށް މިހާތަނަށް އަށް ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ރަސްމީ ޕްރޮގްރާމްތައް މިފަހަރު ކުރިއަށް ގެންދަން ނިންމާފައި ވަނީ މާލޭގައި. އެގޮތުން އަންނަ މަހުގެ 16 އަދި 17 އެއީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަށް ވާތީ ދަނޑުވެރި ކަމުގެ ފެއާއެއް އަދި ސެމިނާރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އަންނަ މަހު ބާއްވާ ދަނޑުވެރި ކަމުގެ ފެއާގައި ދަނޑުވެރި ކަމުގެރޮނގުން ރާއްޖޭގައި ފާހަގަ ކުރެވޭ ހުރިހައި ފަރާތްތަކަކުން ވެސް ބައިވެރިވާ ކަމަށެވެ.

ދަނޑުވެރިކަމުގެ ފެެއާއެއް ބޭއްވުމަށް ނިންމި މަގުސަދާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، ދަނޑުވެރިންގެ ފެއާއެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކޮށް އެ ތަކެތި ވިއްކުމަށް ދަނޑުވެރިންނަށް އެހީތެރިވެދިނުން ކަމަށެވެ. އެގޮތުން ދަނޑުވެރިންނަށް އެ މީހުން އުފައްދާ ތަކެތިން އެ މީހުންނަށް ލިބެން ޖެހޭ ހައްގު އަގު ލިބުމަށް މަގުފަހިވެގެން ދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ދަނޑުވެރި ކަމުގެ ފެއާގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފެއާގައި ބައިވެރި ވުމުގެ ފުރުސަތު މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި އެ ފެއާގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ އަމިއްލަ ފަރުދުންނަށާއި ބޮޑެތި ރަށްތައް ކުއްޔަށްހިފައިގެން ދަނޑުވެރި ކަމުގެ މަސައްކަތް ކުރާ ފަރާތްކަށް ފެއާގައި ބައިވެރި ވުމުގެ ފުރުސަރު ހުޅުވާލެވިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު