އެބޯލާގެ ސަބަބުން 4900 ކުޑަކުދިން ޔަތީމްވެ އަޅާލާނެ މީހަކު ނެތިފައި

ވޮޝިންޓަން (އޮކްޓޯބަރ 01): ފަރުވާއެއް ހޯދިފައިނުވާ ބައްޔެއް ކަމަށްވާ އެބޯލާ ޖެހިގެން ގިނީ އާއި ސީރަލިޔޯން އާއި ލައިބީރިޔާގައި މަރުވެފައިވާ މީހުންގެ ދަރިން ޔަތީމް ވެފައިވުމާ އެކު އެކުދިންނާ އަޅާލާނެ އެއްވެސް ބަޔަކުނެތުމުން އެކުދިން ވަރަށް ބޮޑަށް ޙާލުގައިޖެހިފައިވާ ކަމަށް އދ. ން ބުނެފި އެވެ.

ކުޑަކުދިންނާ ބެހޭ އދ.ގެ ފަންޑް "ޔުނިސެފް"އިން ބުނީ އެބޯލާގެ ސަބަބުން އެތިން ގައުމުގައި 4900 ކުދިން ޔަތީމް ވެފައިވާ ކަމަށާއި އެކުދިން ވަނީ މުޖްތަމައުން މުޅިން އެކަހެރިކޮށްލެވި ވަރަށް ބޮޑަށް ޙާލުގައި ޖެހިފައި ކަމުގަ އެވެ. އެބޯލާގެ ސަބަބުން ޔަތީމްވެފައިވާ ކުދިންގެ ތެރޭގައި ތިން ހަތަރު އަހަރުވީ ކުދިންނާއި ކިރުބޯ އުމުރުގެ ކުދިން ވެސް ހިމެނޭ ކަމަށްވެ އެވެ. މިއުމުރުގެ ކުދިންވެސް އުޅެންޖެހިފައި ވަނީ އެއްވެސް ފަރާތެއްގެ ބެލެނިވެރިކަމެއް ނެތި އެކަހެރި ގޮތެއްގައި ކަމަށް ޔުނިސެފުން ބުނެ އެވެ. މީގެ ތެރެއިން ބައެއް ކުދިން މަގުމަތީގައި އުޅެންޖެހިފައިވާ އިރު އަނެއްބައި ކުދިން އުޅެމުންދަނީ މައިން ބަފައިން ނެތި އެކަނިވެރިކޮށް އެކުދިންގެ ގޭގައި ކަމަށާއި މިފަދަ ކުދިންނާ އަޅާލާނެ މީހަކު ނެތުމުގެ ސަބަބުން އެކުދިން ބަލިކަށިވެ ކަމީނާވެ ބަލިތަކުގެ ޝިކާރައަކަށް ވަމުންދާ ކަމަށް ވެސް ޔުނިސެފްގެ މަސްއޫލުވެރިއަކު ވިދާޅުވި އެވެ.
އެބޯލާގެ ސަބަބުން ގިނީ އާއި ސީރަލިޔޯން އާއި ލައިބީރިޔާގައި ޔަތީމްވެފައިވާ ކުޑަކުދިންނަށް ކުޑަކޮށް ވެސް އަޅާލުމެއް ލިބެނީ އަވަށްޓެރިންގެ ފަރާތުންނެވެ. މިގޮތުން އެފަދަ ކުދިން ދިރިއުޅޭ ސަރަހައްދުތަކުގެ އަވަށްޓެރިން ބައެއް ފަހަރު އެކުދިންނަށް ކާބޯތަކެތި ފޯރުކޮށްދޭ ކަމަށާއި ނަމަވެސް އެކުދިންގެ ފަރާތުން ބަލިޖެހިދާނެ ކަމަށް ބިރުން އެކަހެރިކޮށް އެކުދިންނާ އަޅާނުލައި އަދި މުޢާމަލާތްކުރުމަށް އަވަށްޓެރިންނާއި އެނޫން މީހުން ވެސް ދެކޮޅު ހަދާކަމަށް ޔުނިސެފުން ބުނެ އެވެ. މިހާލަތާ މުޢާމަލާތް ކުރުމުގެ ޕްލޭނެއް މިތިން ގައުމުގެ ސަރުކާރުން ނުގެންގުޅޭ ކަމަށްވެސް ޔުނިސެފުން ބުނެ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު