އެޗްއާރްސީއެމް ހިމާޔަތްކޮށްދިނުން އެދި އޭޕީއެފް އިން ރައީސަށް ދަންނަވައިފި

ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މިނިވަންކަމާއި އެ ކޮމިޝަނުގެ މެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދީފައިވާ އިހުތިސާސް ހިމާޔަތްކޮށްދެއްވުން އެދި އޭޝިއާ ޕެސިފިކް ފޯރަމް އޮފް ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓްޓިއުޝަންސް (އޭޕީއެފް) އިން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލްޤައްޔޫމަށް ސިޓީއެއް ފޮނުވައިފި އެވެ.

ރާއްޖެ ހިމެނޭ ގޮތުން 22 ގައުމެއްގެ އިންސާނީ ހައްގުތަކާ ބެހޭ ގައުމީ މުއައްސަސާތައް ބައިވެރިވާ އެ ޖަމާއަތުންގެ ރައީސް އަލީ ބިން ސުމައިޚު އަލް މައްރީ ސޮއިކުރައްވައި އިއްޔެ ރައީސް އަށް ފޮނުވި ސިޓީއަކީ އެޖަމާއަތުން ފޮނުވި ދެވަނަ ސިޓީ އެވެ. އެގޮތުން ފޮނުވި ފުރަތަމަ ސިޓީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ފޮނުވާފައިވާ އިރު އިއްޔެގެ ސިޓީގައި އަލީ ވިދާޅުވެފައި ވަނީ ކުރީގެ ސިޓީ އަށް ރާއްޖޭން އަމަލުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭޕީއެފުން މި މަހުގެ 24 ވަނަ ދުވަހު ރައީސް ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެޗްއާރްސީއެމް އިން ޔުނިވާސަލް ޕީރިއަޑިކް ރިވިއު ރިޕޯޓް ފޮނުވުމަކީ އެޗްއާރްސީއެމްއާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ޒިންމާ އަދާކުރުން ކަމަށެވެ. އަދި އެކޮމިޝަނުގެ މިނިވަންކަން ހިމާޔަތްކޮށް ދިނުމަށް އިހުތިރާމާ އެކު ދަންނަވާ ކަމަށެވެ.

"... އެޗްއާރްސީއެމްގެ މިނިވަންކަން ހިމާޔަތްކޮށްދެއްވުމަށާއި (އެކޮމިޝަނުގެ) މެމްބަރުންނަށް ލިބިދީފައިވާ އިމިއުނިޓީ [ ( މެމްބަރުންގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތަކާ ގުޅިގެން) ދައުވާ ނުކުރެވޭ ގޮތަށް އޮންނަ އޮތުން] ކަށަވަރު ކޮށްދެއްވުމަށް އަޅުގަނޑުމެން އިހުތިރާމާއި އެކު ގޮވައިލަމެވެ،" އޭޕީއެފްގެ ފުރަތަމަ ސިޓީގައިވެ އެވެ.

އެސިޓީއާ ގުޅިގެން އިއްޔެ ފޮނުވި ސިޓީގައި ހިމަނާފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާތައް ހިމާޔަތް ކުރުމަށް ގޮވާލައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ފާސްކޮށް އަމަލުކުރަން ފެށި ގަރާރެއްގެ މާއްދާތަކެވެ. އެގަރާރަކީ ރާއްޖޭން ކޯ ސްޕޮންސާ ކޮށްފައިވާ ގަރާރެއްކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އަދި އެއަށް ފަހު ސިޓީގައި ދެން ބުނެފައި ވަނީ ގަރާރުގެ ރޫހާއި ސިޓީ އަށް ރާއްޖޭގައި އަމަލުކޮށް، އެޗްއާރްސީއެމްގެ މިނިވަންކަން ކަށަވަރު ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އޭޕީއެފްގައި ރާއްޖެއާ އެކު ދެން ހިމެނެނީ އަފްޣާނިސްތާނާއި އޮސްޓްރޭލިއާއާއި ބަންގްލަދޭޝްއާއި އިންޑިއާއާއި އިންޑޮނޭޝިއާއާއި އުރުދުންއާއި ޚަޒަކިސްތާނާއި ދެކުނުކޮރެއާއާއި މެލޭޝިއާއާއި މޮންގޯލިއާއާއި މިޔަންމާއާއި ނޭޕާލާއި ނިއުޒީލޭންޑާއި އުމާނާއި ފަލަސްތީނާއި ފިލިޕީންސްއާއި ގަތަރާއި ސަމޮއާއާއި ސްރީލަންކާއާއި ޓީމޯރްލެސްތޭއާއި ތައިލެންޑެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު