އާސެނަލް ދެކެ ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް: ޒެމާއިލީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިނގިރޭސި ވިލާތުގެ އާސެނަލްއާ ދެކޮޅަށް ނުކުންނައިރު ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގަލަތަސަރާއީގެ މިޑްފީލްޑަރު ބްލެރިމް ޒެމާއިލީ ބުނެފި އެވެ.

ސްވިޒަލޭންޑްގެ ކުޅުންތެރިޔާ ބުނީ އާސެނަލް އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެ ޓީމާމެދު ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އާސެނަލް އަކީ މޮޅު ޓީމެއް ކަމަށާއި އޭނާގެ ޓީމުން މެޗާ ކުރިމަތިލާނީ އެކަން ދަނެގެން މެޗުން ތިން ޕޮއިންޓް ހޯދަން ކަމަށް ވެސް ޒެމާއިލީ ބުންޏެވެ.

" އެމީހުންނަކީ ވަރަށް މޮޅު ބައެއް. އެޓީމުން އެޓޭކަށްދާއިރު އަބަދުވެސް އެންމެން ކަހަލަ ގޮތަކަށް ބައިވެރިވޭ. ފަހަތުން ކުޅުމަށްވެސް އެއީ ކުޅަދާނަ ބައެއް. އަބަދުވެސް އެމީހުން ބޭނުންވޭ ބޯޅައާ ކުޅެން. އަހަރެން ގަބޫލް ކުރަން އާސެނަލް އަށް އިހުތިރާމް ކުރަން ޖެހޭ ކަން. އެކަމަކު އެޓީމާ މެދު ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް އޮތްހެނެއް ހިއެއް ނުވޭ." ޒެމާއިލީ ބުންޏެވެ.

މި ސީޒަންގައި ތުރުކީގެ ގަލަތަސަރާއީގެ މެދުތެރެ ބެލެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒެމާއިލީ ބުނީ މެޗުން މޮޅުވާން ކޮންމެހެންވެސް މުހިއްމު ކަމަށާއި ގަލަތަސަރާއީއަށް އެމިރޭޓްސް ސްޓޭޑިއަމްގައި ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.

މިދިޔަ ސީޒަންގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިޓަލީގެ ނަޕޯލީ އިން އާސެނަލް ބަލިކުރި މެޗުގައި ޒެމާއިލީ ވަނީ ނަޕޯލީގެ ފުރަތަމަ އެގާރައިގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. މިހެން ކަމުން މިރޭ ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެން ނުކުންނަ އިރު އާސެނަލް އެއީ އޭނާއަށް އާ ކްލަބަކަށް ނުވާނެއެވެ.

ގަލަތަސަރާއީ އިން ވަނީ 2013 ވަނަ އަހަރު އާސެނަލް ބަލިކޮށް އެ އަހަރުގެ އެމިރޭޓްސް ކަޕްގެ ތަށި ކާމިޔާބުކޮށްފައެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު