އިރާގު ޕައިލޮޓުން އޮޅިގެން އައިއެސް އަށް ހަތިޔާރާއި ކާނާ ދީފި

އިރާގުގެ ވައިގެ ސިފައިންގެ ބަޔަކަށް އޮޅިގެން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނަށް ވަޒަނާއި ކާނާއާއި ބޯފެން ފޯރުކޮށްދެވިއްޖެ އެވެ.

އިރާގުގެ ސީނިއަ ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ އެމެރިކާގެ އެންބީސީ ނިއުސް އިން ބުނީ އޮޅިގެން އައިއެސްއަށް ސަޕްލައި ކޮށްދެވުނީ އަންބާރު ޕްރޮވިންސްގެ އައް ސިޖާރާއި ސަޤުލަވިއްޔާގައި ހިސާރުވެފައި ތިބި އިރާގު ސިފައިންގެ ބަޔަކަށް ކާނާއާއި ބޯފެނާއި ވަޒަން ފޯރުކޮށްދޭން ފޮނުވި ޕައިލޮޓުންނަށް ކަމަށެވެ.

"... އިރާގު ސިފައިން ތިބި ސަރަހައްދަށް މި ސަޕްލައި އެޅުމުގެ ބަދަލުގައި ބައެއް ޕައިލޮޓުން ވަނީ އައިއެސް އިން ކޮންޓްރޯލް ކުރާ ސަރަހައްދަކަށް އަޅާފައި،" އިރާގު ޕާލަމެންޓްގެ ސެކިއުރިޓީ އެންޑް ޑިފެންސް ކޮމިޓީގައި ހިމެނޭ މެމްބަރެއް ކަމަށްވާ ހަކީމް އައް ޒަމީލީ ބުނި ކަމަށް އެންބީސީގެ ޚަބަރުގައި ވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެތަކެތި އައިއެސް އަށް ދެވުނީ އިރާގު ސިފައިންނަށް އެތަކެތީގެ ބޭނުން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ކަމަށެވެ. އަދި އެގޮތަށް އެކަން ވީ އިރާގު ސިފައިންގެ ބައެއް ކޮމާންޑަރުންގެ ޕްލޭން ނުބައި ވުމާއި ޕައިލޮޓުންގެ ތަޖުރިބާ މަދުކަމުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އެންބީސީ އިން ބުނީ އެގޮތަށް އެކަން ވެފައިވާ ކަމަށް އިރާގު ސިފައިންގެ ބްރިގޭޑިއާ ޖެނެރަލަކު އެއްބަސްވެފައިވާ ކަމަށެވެ.
އިރާގު ސިފައިންނާ ދެކޮޅަށް އައިއެސް އިން ވަނީ އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އެގޮތުން އެމީހުން މިހާރު ތިބީ ވެރިރަށް ބަޣުދާދާ ވަރަށް ކައިރީގައި ކަމަށް ނޫސް އެޖެންސީތަކުން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު