މުލާގެ ޕެނަލްޓީއާއެކު ބަޔާނަށް ޗެމްޕިއަންސް ލީގުގެ 100 ވަނަ މޮޅު

ތޯމަސް މުލާގެ ޕެނަލްޓީއާއެކު 1-0 އިން ސީއެސްކޭއޭ މޮސްކޯ ބަލިކޮށް ބަޔާން މިއުނިކުން ޔުއެފާ ޗެމްޕިއަންސް ލީގުގެ 100 ވަނަ މޮޅު ހޯދައިފި އެވެ.

ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ޔުއެފާއިން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ސީއެސްކޭއޭ މޮސްކޯއަށް އަދަބު ދީފައިވާތީ، ރޭގެ މެޗު ކުޅެފައިވަނީ، ސަޕޯޓަރުން ނުވައްދައި ސްޓޭޑިއަމް ބަންދުކޮށްގެންނެވެ. ލުޒްނިކީ ސްޓޭޑިއަމްގައި ސީއެސްކޭއޭ ރޭގެ މެޗުން ބަލިވެފައިވީ ނަމަވެސް އެ ޓީމުން ވަނީ ބަޔާނާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

ބަޔާނުން މެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމުގެ ފޯވާޑް މުލާ ކާމިޔާބުކޮށްދިނީ، މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ފަހުން ވެސް މުލާއަށް ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ސީއެސްކޭއޭގެ ފޯވާޑު އަހުމަދު މޫސާއަށް ވެސް ގޯލް ޖަހަން ލިބުނު ރީތި ދެ ފުރުސަތެއް އޭނާ ވަނީ ގެއްލުވާލައިފައެވެ.

ޗެމްޕިއަންސް ލީގުގައި ބާޔާން ދެން ކުޅެންޖެހޭ މެޗުގައި ބައްދަލު ކުރާނީ އިޓަލީގެ އޭއެސް ރޯމާއާ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 22 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު