ލަންކާގެ އެހީގައި ސްޕޯޓްސް މެނޭޖަރުން ތަމްރީނު ކުރާ ކޯސްތަކެއް ހުޅުވާލަނީ

އަވައްޓެރި ސްރީ ލްންކާގެ އެހީތެރިކަމާއެކު ރާއްޖޭގެ ޒުވާނުންގެ ތެރެއިން ސްޕޯޓްސް މެނޭޖަރުން ތަމްރީނުކުރާ ކޯސްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ޖިމް އަދި އެރޮބިކްސް އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް 11 ރަށަކުން 23 ބައިވެރިއަކު ބައިވެރިކޮށްގެން ހިންގި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ، ޒުވާނުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާއިރު ބޭނުންވާ ތަމްރީނު ހޯދައިދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމެއް ކަމަށެވެ.

"ޖިމް އަދި އެރޮބިކްސް އިންސްޓްރަކްޓަރުންނާއި، ކޯޗުންނާއި ސްޕޯޓްސް މެނޭޖަރުން ތަމްރީނުކުރުމަށް އަވައްޓެރި ސްރީލަންކާއިން ވަނީ ފުރުސަތުތަކެއް ލިބިފައި. އަދި މި ކޯސްތަކަށް ބޭނުންވާ ކުދިން ހޯދުމަށް ވަރަށް އަވަހަށް ހުޅުވައިލާނަން،" ކުޅިވަރާބެހޭ ވަޒީރު ވިދާޅުވި އެވެ.

ރޭގެ އެ ޖަލްސާގައި ކުޅިވަރާބެހޭ ވަޒީރު މަލީހު ވިދާޅުވީ، ސަރުކާރުން މިހާރު ހިންގަމުންގެންދާ ސްޕޯޓްސް އެރީނާތައް ނިމިގެންދާއިރު އެތަންތަނުގައި ތަޖުރިބާ ލިބިފައިވާ ފަންނީ އިންސްޓްރަކްޓަރުން ބޭތިއްބުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނޭ ކަމަށެވެ.

އަތޮޅު ތެރޭގައި ހުރި ޒުވާނުންގެ މަރުކަޒުތަކުގައި ކުޅިވަރުގެ އިތުރުން އިޖްތިމާއީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނޭ ކަމަށްވެސް މަލީހު ވިދާޅުވި އެވެ. އެގޮތުން އެ މަރުކަޒުތަކުގައި ހިލޭ އިންޓަނެޓް ލިބޭނޭ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސަވައި ދެއްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގައި މިފަހަރު ބައިވެރިވެފައި ވަނީ، ހއ. ދިއްދޫ، ހދ. ހަނިމާދޫ، ށ. ފޮނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ހިންނަވަރު، ފ. ނިލަންދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. މަޑަވެލި އަދި ޏ. ފުވައްމުލަކުންނެވެ. މިއިން ކޮންމެ ރަށަކުން އަންހެން އަދި ފިރިހެން ބައިވެރިއަކު ވަނީ މި ކޯސްފުރިހަމަކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު