އެބޯލާ އަކީ ތަދު، އެކަމަކު ފުރާނަ އަށް ނުރައްކާ ވައިރަހެކެވެ.

މިވައިރަހުގެ ސަބަބުން އިންސާނާގެ އެތެރެހަށްޓާއި ބޭރުފުށަށް ލޭފައިބާ ގޮތްވެއެވެ. ހަށިގަނޑުގައި މިވައިރަސް ފެތުރި ގިނަވާ ވަރަކަށް ހަށިގަނޑުގެ ދިފާއީބާރު ދެރަކޮށް ބަލިކޮށްލައި އަދި ގުނަވަންތަކަށް ގެއްލުންތައް ދޭންފަށައެވެ. ލޭގަނޑުކޮށް މަނާކޮށްދޭ ސެލްތަކުގެ ބާރުދެރަކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން މަނާނުވެ ލޭފައިބަން ފުރުސަތު ދެވެ އެވެ.

ލޭފައިބާ އެބޯލާ ބަލީގައި މިބަލިޖެހޭ މީހުންގެ ސަތޭކައަކުން ނުވަދިހަ މީހުން މަރުވެ އެވެ. މިބަލި ކޮންމެކޮންމެ ތަނެއްގައިވެސް ފެތުރިގަނެގެން ހިނގައިދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ އަދި މިވީހާ ތަނަށް ސީރިއަސް އެބޯލާ ފެތުރިފައި ވަނީ ހަމައެކަނި އެފުރިކާގެ ހުޅަނގާއި މެދުތެރޭގެ ހިސާބުތަކުގައޭ ބުނުމެވެ. ދަތުރުފަތުރު ކުރުމުގައި އެއްގައުމުން އަނެއް ގައުމަށް މިބަލި ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެބޯލާ ޖެހޭގޮތް:

މިބައްޔަކީ އަރިދަފުސްރޯގާ، އިންފުލުއެންޒާ ނުވަތަ ހިމަބިހި ފެތުރޭހާ ފަސޭހައިން ޖެހޭބައްޔެއްނޫނެވެ. މިބަލި ޖެހެނީ ހަމާއި ހަންބީހިގެންނެވެ. ނުވަތަ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން ބޭރުވާ ދިޔަ ހަމުގައި ޖެހިގެންނެވެ. އެއީ ރާމާ މަކުނުގެ ބައެއްވައްތަރާއި މޭވާކާ ވާލުންނެވެ. އެކަކުގެ ގައިން އަނެކަކުގަޔަށް ބަލިއަރަނީވެސް ހަމަ މިފަދައިންނެވެ. މިބަލީގެ މީހުންނަށް ފަރުވާކޮށް ހޭހަންކުރުމުގައި އުޅޭމީހުންނާއި އެބަލީގެމީހުން މަރުވުމުން ވަޅުލުމުގެ މަސައްކަތުގައި އުޅޭމީހުންނަށް މިބަލި ޖެހުން ގާތެވެ.

ހަމައެހެންމެ ބަލީގެމީހަކަށް އިންޖެކުޝަންޖަހާ ކަށީންނާއި ބަލިމީހުން އަތްލާހަދާތަންތަނުން ވެސް މިބަލި އެރުމުގެ ފުރުސަތު އޮވެއެވެ. ވައިން، ފެނުން ނުވަތަ ކާނާއިން މިބައްޔެއް ނުފެތުރެއެވެ. ބަލިޖެހިފައިހުންނަ މީހާގެ ގައިން ބަލީގެ އަލާމާތް ފާޅުނުވަނީހެއްވެސް އެމީހާގެ ފަރާތަކުން މިބައްޔެއް ނާރައެވެ.

އެބޯލާ ގެ އަލާމާތްތަކަކީ ކޮބާ؟

އެބޯލާ ބަލީގައި ފުރަތަމަ އިހުސާސް ކުރެވޭނީ ފުލޫ ނުވަތަ އެހެންވެސް އެފަދަ ބަލިބަލީގެ އަސަރުތަކެވެ. ބަލިޖެހޭތާ ދެވަނަދުވަހުން ފެށިގެން އެކާވީސް ވަނަ ދުވަހާއި ދެމެދު މިއަލާމާތްތައް ފާޅުވާން ފަށައެވެ.

- ގަދައަށް ހުން އައުން
- ބޮލުގައިރިހުން
- ހުޅުތަކާއި މަސްތަކުގައި ރިހުން
- ކަރުތެރެ ހިރުވައި ފާރުވުން
- ވަރުބަލިކަން
- ބަނޑަށް ތަދުވުން
- ކާހިތް ނުވުން

ބަލި ބޮޑުވަމުން ދާވަރަކަށް އެތެރެހަށީގެ ތަންތަނުން ލޭ ފައިބާގޮތް ވެއެވެ. ކަންފަތާއި ނޭފަތާއި އަނގައިންވެސް ލޭއަންނަންފަށައެވެ. ބައެއްމީހުން ކެއްސައި ހޮޑުލާއިރު ލޭލައެވެ. ލޭބޭރަށްހިންގުން ފެށެއެވެ. އަދި ބިހިގަނޑެއް ނަގާގޮތްވެއެވެ.

އެބޯލާކަން ޔަގީންކޮށް ދެނެގަތުން

ހަމައެކަނި މިބަލީގެ އަލާމާތްތަކުން ބަލި ސާބިތުކޮށް ދެނެގަތުން ފަސޭހައެއް ނޫނެވެ. އެއީ އެހެންބައެއް ބަލިތަކުގައިވެސް ހަމަ މިއަލާމާތްތައް ފެންނާތީއެވެ. ވުމާއިއެކު ޓިޝޫ އާއި ލޭ ޓެސްތުކޮށްގެން މިބަލީ ސާބިތު ކުރެވެއެވެ. ބަލިޖެހޭމީހުން ހަމަ ވަގުތުން އެކަހެރިކޮށް އަނެކުންގެސަލާމަތަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ.

އެބޯލާ އަކަށް އަދި މިވީހާތަނަށް ކަނޑައެޅިގެން ފަރުވާއެއް ހޯދިފައެއްނެތެވެ. އެއްމެ ފަހުގެ ފެތުރިގަތުމުގައި ތަޖުރިބާކުރުމުގެގޮތުން ބައެއްބޭސް އެބަ ބޭނުންކުރެވެއެވެ.

އެބޯލާގެ ތަފާތު ފަސް ވައްތަރެއް ވަނީ ފާހަގަ ކުރެވިފަ އެވެ. އެކި ގައުމުތަކުގައި ފެތުރުނު ފެތުރުމުން މިގޮތުން ނަންދެވިފައި ވަނީ އެގައުމުތަކާއި ގުޅުވައިގެންނެވެ. ޒައިއަރ،ސޫދާން، ތައިލަންޑުފަދަ ގައުމުތަކުގެ ފެނުމުގަ އެވެ. މިބަލީގެ ފެށުމާއި ފެނުމުގެ އަދި ފެތުރުމުގެ ތާރީޚުލިޔާއިރު ފުރަތަމަ ފެނުމަކީ 1976ގައި ޒާއިއަރ އާއި ސޫދާން އަދި ޑީއާރު/ކޮންގޯ އިން ފެނުނު ފެނުމެވެ. އެބޯލާ މިނަމަކީ އެގޮތުން ކޮންގޯގައި އޮންނަ އެބޯލާ ކޯރުގެ ކައިރި އަވަށްތަކުގައި މިބަލި ފެށުނުފެށުމާއި ގުޅިގެން ދެވުނު އެކޯރުގެ ނަމެވެ. ވެއަތުވި 38 އަހަރެއްހާ ދުވަހުގެ ތެރޭގައި ހައެއްކަ ފަހަރު ޑީއާރުކޮންގޯގައި މިބަލި ފެތުރިގަތެވެ.
ސޫދާނުގައި ތިން ފަހަރު، ގެބޯންގައި ހަތަރު ފަހަރު، ފެތުރުނެވެ. ޔޫގެންދާ، ރިޕަބލިކް އޮފް ކޮންގޮ އައިވަރީކޯސްޓް، އަދި ސައުތުއެފްރިކާގައި އެއްފަހަރު ފެތުރުނެވެ. މި އަހަރުގެ ޖުލައި ގައި ފެތުރެންފެށި ފެށުމުގައި ފުރަތަމަ ބަލިޖެހުނު 1323 މީހުންކުރެ 729 މީހުން މަރުވި އެވެ. އެއާއި އެކު އަދިވެސް މިބުރުގެ ފެތުރުން ދަނީ ކުރިއަށެވެ. ދެހާސް ވަނަ އަހަރު ޔޫގެންޑާ ގައި 425 މީހުންނަށް އެބޯލާ ޖެހި 224 މީހުން މަރުވިއެވެ. ޑީއާރުކޮންގޯ ގައި 1976ގައި 318 މީހުންނަށް ބަލިޖެހި 280 މީހުން މަރުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް