ސްޓޯކް އަތުން ބަލިވެ ނިއުކާސަލްގެ ކޯޗަށް އިތުރު ނުތަނަވަސް ކަމެއް

ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީއަތުން 1-0 ލަނޑުން ނިއުކާސަލް ޔުނައިޓެޑް ބަލިވެ އެ ކްލަބްގެ ކޯޗު އެލަން ޕާޑިއަށް ކޯޗު ކަމުގައި ހުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ކްލަބުގެ ވެރިޔާ މައިކް އެޝްލީ ވަނީ، މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޕާޑިއުގެ މުސްތަގުބަލާމެދު ކްލަބުން ގޮތެއް ނިންމަންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

މެޗުގެ 15 ވަނަ މިނިޓްގައި ވިކްޓާ މޮސެސް ނިއުކާސަލްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުންޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެން ސްޓޯކަށް ލަނޑު ކާމިޔާބުކޮށްދިނީ ޕީޓަ ކްރައުޗް އެވެ.

އަމިއްލަ ދަނޑުގައި މިސީޒަންގައި ހޯދުނު ފުރަތަމަ މޮޅާއެކު ޖުމުލަ އަށް ޕޮއިންޓު ލިބިގެން ސްޓޯކު ވަނީ ތާވަލުގެ 11 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ލީގިގައި މޮޅެއް ނުލިބި ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއުކާސަލް އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ.

ބްރިޓޭނިއާ ސްޓޭޑިއަމަށް މެޗުބަލަން ދަތުރުކުރި ނިއުކާސަލްގެ ސަޕޯޓަރުން ވަނީ، ޕާޑިއުގެ އިސްތިއުފާއަށް ގޮވައި، ބެނާތަކާއި ބޯޑުތައް އުފުލައި ހަދާފައެވެ. އެހެން ނަމަވެސް ޕާޑިއު ބުނީ، އޭނާގެ މަގާމު ދިފާއުކުރަން މަސައްކަތް ކުރާނޭ ކަމަށެވެ.

"ހޮނިހިރު ދުވަހުގެ މެޗުގެ ކުރިން އަހަރެމެން ސީރިއަސް ވާހަކަތަކެއް ބާއްވާނަން. އޭނާ [އޭޝްލީ] ވެސް އަދި އަހަރެންވެސް ބޭނުމެއް ނުވޭ ކްލަބު ބަލިވާކަށް،" މެޗަށް ފަހު، ސްކައި ސްޕޯޓްސްއަށް އިންޓަވިއު ދެމުން ޕާޑިއު ބުންޏެވެ. "އަހަންނަށް މީގެ ކުރިން ދުވަހަކުވެސް މިފަދަ ހާލަތެއް ތަޖުރިބާކުރާން ޖެހިފައެއް ނުވޭ. މިއީ ތަފާތު ހާލަތެއް. އަހަންނަކީ ޕްރޮފެޝަނަލް ފުޓްބޯޅަ މެނޭޖަރެއް އަދި އެގޮތަށް އަހަރެން ކުރިއަށް އޮތްތާނގައި އަމަލު ކުރަމުންދާނީ ވެސް."

ޕާޑިއު ބުނީ، ރޭގެ މެޗުން ބަލިވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، މެޗުގެ ކުރީ ކޮޅުގައި އިދިކޮޅު ޓީމަށް ލަނޑު ޖެހުމުގެ ފުރުސަތު ދެވުން ކަމަށެވެ. އަދި ކްލަބު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުރިއަށް ހުރި މެޗުތަކުގައި ކުޅުންތެރީންވެސް އަދި އޭނާވެސް ބުރަކޮށް މަސައްކަތް ކުރާން ޖެހިފައިވާ ކަމަށް ނިއުކާސަލްގެ ކޯޗު ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު