އައިއެސް ހަނގުރާމަވެރިންގެ ކުރިއެރުން ހުއްޓުވިއްޖެ ކަމަށް އިރާގު ސަރުކާރުން ބުނެފި

ބަޣްދާދު (ސެޕްޓެމްބަރ 30) : އިރާގުގެ ވެރިރަށް ބަޣްދާދުގެ ކައިރީގައި އޮންނަ ޢާމިރިއްޔަތުލް ފައްލޫޖާ ހިފުމަށް ޓަކައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ކުރިއަރަމުން އަންނަ ކުރިއެރުން ހުއްޓުވިއްޖެ ކަމަށް އިރާގު ސަރުކާރުން ބުނެފި އެވެ.

އިރާގުގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ ޢާމިރިއްޔަތުލްފައްލޫޖާ އަތްދަށުލުމަށް މިސްރާބު ޖަހާފައިވާ އައިއެސް ހަނގުރާމަވެރިން ހުއްޓުވުނީ އެ ޖަމާއަތާ ދެކޮޅަށް އެމެރިކާ އެކުލަވާލާފައިވާ އިއްތިޙާދުގެ ގައުމުތަކުން އެޖަމާއަތުގެ ހަނގުރާމަވެރިންނަށް ދެމުންގެންދާ ގަދަފަދަ ވައިގެ ޙަމަލާތަކާ އެކު އިރާގުގެ އެއްގަމު ސިފައިން ބިންމަތީގައި ކުރި ވަރުގަދަ ހަނގުރާމައިގެ ސަބަބުން އައިއެސްއަށް ލިބުނު ބޮޑެތި ގެއްލުންތަކެއްގެ ސަބަބުން ކަމުގަ އެވެ.

ބަޣްދާދާ އެންމެ 40 ކިލޯ މީޓަރުގެ ދުރުގައި އޮންނަ ޢާމިރިއްޔަތުލްފައްލޫޖާ ނަމަކަށްކިޔާ ރަށަކީ ބަޣްދާދު ހިފުމަށް އައިއެސް އިން ކުރަމުން ގެންދާ ހަނގުރާމައިގާ މުހިއްމު އަދި ސްޓްރެޓީޖިކް ރަށެއް ކަމަށްވެ އެވެ. އެރަށް ހިފުމަށް ހަނގުރާމަކުރާ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ވައިގެ ބާރުތަކުން ފާއިތުވެދިޔަ ދެދުވަހު ދިން ޙަމަލާތަކުގައި ހަނގުރާމަވެރިންގެ އެތައް ބަޔަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސީންނާއި ފަރަންސޭސީންގެ ޙަމަލާތަކުގައި އައިއެސްގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އިރާގު ސިފައިން އެއްގަމު މަގުން ދިން ޙަމަލާތަކާ އެކު އެމީހުންނަށް ބޮޑެތި ގެއްލުންތަކެއްލިބި އެމީހުންގެ ކުރިއެރުން ހުއްޓުވިފައިވާ ކަމަށް އިރާގު ގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. އައިއެސްއާ އިދިކޮޅު އިއްތިޙާދުގެ ވައިގެ ޙަމަލާތަކަށް ފަހު ހަނގުރާމަވެރިން ތިބި ސަރަހައްދެއް ލޭގެކޯރަކަށް ބަދަލުވެފައިވާ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކާ ޙަވާލާދީ ބައެއް ރިޕޯޓްތައްބުނެ އެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް އެމެރިކާއާއި އެމެރިކާ ރުކުރުވާލާފައިވާ ގައުމުތަކުންދޭ ހަމަލާތަކުން އެޖަމާއަތަށް ލިބެމުންދާ ގެއްލުންތައް ސާފުވެފައެއް ނުވެ އެވެ. އެމެރިކާ ސިފައިންގެ ވެރިޔާ ޖެނެރަލް މާޓިން ޑިމްޕްސީ ވަނީ އިއްތިޙާދުގެ ޙަމަލާތަކުގެ ސަބަބުން އައިއެސްގެ ހަނގުރާމައިގެ އޮނިގަނޑަށާއި އިންފްރާސްޓްރަކްޗަރަށް ގެއްލުންތަކެއް ލިބިއްޖެ ކަމުގަ އެވެ. ނަމަވެސް ގެއްލުމުގެ ތަފްސީލް ދެއްވާފައެއް ނުވެ އެވެ.

އަނެއްކޮޅުން ސޫރިޔާގެ އުތުރުގެ ކުރުދީ ސަރަހައްދުގެ ބައެއް ރަށްތައްހިފުމަށް އައިއެސްގެ ހަނގުރާމަ ވެރިން ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން ތުރުކީގެ ސިފައިންގެ އެތަށް ހާސްބަޔަކު ވެސް ވަނީ އެގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހަތިޔާރާއެކު ރުކުރުވާލާފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު