އަފްޣާން މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްބަސްވުމެއްގައި ޣަނީގެ ސަރުކާރުން ސޮއިކުރަނީ

ކާބުލް (ސެޕްޓެމްބަރ 30) : މި އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންގެ ޚާއްސަ ގްރޫޕެއް ދިގު މުއްދަތަކަށް އެގައުމުގައި ބޭތިއްބުމުގެ އެއްބަސްވުމެއްގައި އަފްޣާން އައު ސަރުކާރާއެކު މިއަދު ސޮއިކުރެވޭނެ ކަމަށް އެމެރިކާ ބުނެފި އެވެ.

ކާބުލްގައި ހުންނަވާ އެމެރިކާގެ ސަފީރު ޖޭމްސް ކެނިންގްހަމް ވިދާޅުވީ މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި ކަމަށާއި އޭގައި އަފްޣާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާނީ އެގައުމުގެ އައު ރައީސް އަޝްރަފް އަބްދުލްޣަނީގެ ޚާއްސަ މަންދޫބެއް ކަމުގަ އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާނީ އޭނާ ކަމަށް ވެސް ކެނިންގްހަމް ވިދާޅުވި އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންގެ ޓީމެއް ދިގު މުއްދަތަކަށް އެގައުމުގައި ބޭތިއްބުމުގެ އެއްބަސްވުމުގެ ދެލިކޮޕީއަކީ އެމެރިކާ ބޭނުންވާ ގޮތަށް އިސްކަންދީގެން އެމެރިކާ ސަރުކާރުން އެކުލަވާލާފައިވާ ދެލިކޮޕީއެކެވެ. މި ދެލިކޮޕީ އަށް އަފްޣާނިސްތާނުން ބޭނުންވާ ބަދަލުތައް ގެނައުމަށް އެގައުމުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއި މަސައްކަތް ކުރެއްވުމުން އެމެރިކާ ވަނީ އެ ދެލިކޮޕީ އަށް ބަދަލު ގެނައުމަށް ދެކޮޅު ހަދާފަ އެވެ.

ނަތީޖާއެއްގެ ގޮތުން ކަރުޒާއި ވަނީ އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފަ އެވެ. ކަރުޒާއި ވިދާޅުވެފައި ވަނީ މިއީ އަފްޣާނިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންލިބޭނެ އެއްބަސްވުމެއް ކަމަށް ވާތީ އޭގައި އޭނާގެ ސަރުކާރުން ސޮއި ނުރާނެ ކަމުގަ އެވެ. މިއެއްބަސްވުމުގެ ދެލިކޮޕީ އަށް ކަރުޒާއި ދެކޮޅު ހައްދަވަނީ އަފްޣާނިސްތާނުގައި ބައިތިއްބާ އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންގެ ގްރޫޕުގެ މީހަކަށް ނޫނީ އަފްޣާނިސްތާނުގައިވާ އެމެރިކާގެ މަސްލަޙަތުތަކަށް ހަމަލާދީ އެމެރިކާގެ ރައްޔިތެއްގެ ފުރާނައަށް ނުރައްކާވެއްޖެ ހާލަތެއްގައި އަފްޣާން ސަރުކާރުގެ ހުއްދައަކާނުލައި ވެސް އަސްކަރީ ގޮތުން ހަރަކާތްތެރިވެ އަފްޣާން އާންމުންގެ ގެދޮރު ބަލައި ފާސްކުރުން ފަދަ އެގައުމުގެ މިނިވަންކަމަށް ބުރޫއާރާ އަމަލުތައް ހިންގުމުގެ ފުރްސަތު މިއެއްބަސްވުމުގެ ދެލިކޮޕީ މިހާރު އޮތްގޮތުން އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންގެ ގްރޫޕަށް ލިބިގެންދާތީ އެވެ. މީގެ އިތުރުން މިގްރޫޕުން އަފްޣާނިސްތާނުގައި ހިންގަފާނެ ކަމަށް ބެލެވޭ މީހުން މެރުންފަދަ ޖަރީމާތައް ވެސް އަފްޣާން ކޯޓެއްގައި ބެލުމުގެ ފުރްސަތު މިއެއްބަސްވުމުގެ ދެލިކޮޕީ މިހާރު އޮތްގޮތުން އަފްޣާން ދައުލަތަށް ލިބިގެންނުވުމާއި އަފްޣާން ދައުލަތުގެ ގާނޫނުތައް އެމެރިކާގެ ގްރޫޕްގެ މީހުންގެ މައްޗަށް ތަންފީޒު ނުކުރެވުމަކީ ވެސް ކަރުޒާއި އޭގައި ސޮއި ކުރެއްވުމަށް ދެކޮޅު ހެއްދެވުމުގެ ސަބަބެއްކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެމެރިކާއަކީ އެގައުމުގެ މަގްސަދްތައް ޙާސިލް ކުރުމަށްޓަކައި އެހެން ގައުމުތަކަށް ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ހަތިޔާރުގެ ބޭނުންކުރުން ފަދަ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ ގައުމެކެވެ.

އެމެރިކާގެ ހަރުކަށި ފިއްތުންތަކުގެ ސަބަބުން އަފްޣާނިސްތާނުގެ އައު ރައީސް އަޝްރަފް ޣަނީ ވަނީ އަފްޣާން މިނިވަން ކަމަށް ބުރޫ އަރާނެ ކަމަށް ބެލެވޭ މިއެއްބަސްވުމުގައި އޭނާގެ ސަރުކާރުން ސޮއިކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ޣަނީ އަފްޣާނިސްތާނުގެ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރައްވާފައިވަނީ އިއްޔެގަ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު