ރަށު ކޯޓުތަކަށް 45 މެޖިސްޓްރޭޓަކު ހޯދަން އިއުލާންކޮށްފި

ރަށު ކޯޓުތަކަށް 45 މެޖިސްޓްރޭޓަކު ހޯދަން ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާންކޮށްފި އެވެ.

ޖޭއެސްސީއިން މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ އިސް މެޖިސްޓްރޭޓުންގެ ގޮތުގައި 10 ބޭފުޅަކު ބޭނުންވާ ކަމަށެވެ. އަދި 35 މެޖިސްޓްރޭޓަކު ރަށު ކޯޓުތަކަށް ބޭނުންވާ ކަމަށް ވެސް އެ ކޮމިޝަންގެ އިއުލާންގައިވެ އެވެ.

ޖޭއެސްސީ އިން ކޮށްފައިވާ އިއުލާންގައިވާ ރަށްތަކުގެ މެޖިސްޓްރޭޓުނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެޖިސްޓްރޭޓުކަމަށް ކުރިމަތިލުމުގެ ޝަރުތަކީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު ވަކީލުކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަރުޖިބާ ހުރުމެވެ. އަދި މެޖިސްޓްރޭޓް ކޯޓެއްގެ ލީގަލް އެސިސްޓެންޓެއްގެ ގޮތުގައި ދެ އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ މީހުން ވެސް އެ މަގާމުތަކަށް ޝަރުތު ހަމަވާނެ އެވެ.

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކަށް ވެވޭނީ އުމުރުން 25 އަހަރުވުމުންނެވެ. އަދި އިންތިޚާބުކޮށްފައިވާ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ ނުވަތަ އެފަދަ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރުން ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިޝްވަތު ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމެވެ.

ސާޅީސް ފަސް މެޖިޓްރޭޓުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު މެޖިސްޓްރޭޓުން ހޯދުމަށް ކުރާ އިއުލާންތަކަށް ލިބޭ ތަރުހީބު ކުޑަ ކަމަށް ޖޭއެސްސީން ބުނެ އެވެ. އެ ގޮތުން ރަށު ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް މީގެ ކުރިން މިއަހަރު އިއުލާން ކުރުމުމް އެ މަގާމަށް ލިބިފައިވަނީ އެންމެ ބޭފުޅެއް ކަމަށް ޖޭއެސްސީ އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު