ވަގު ޗެކަކުން ހަތަރު މިލިއަން ރުފިޔާ ހޯދި ކަމަށް ދަށު ކޯޓުން ހުކުމް ކުރި މީހަކު ސަލާމަތްވެއްޖެ

މީހެއްގެ ސޮއި ފޯޖުކޮށްގެން ޗެކެއް މެދުވެރިކޮށް، އެކައުންޓަކުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމުގެ ކުށް ސާބިތުގެ އުމުރަށް (25 އަހަރަށް) އަރުވާލުމަށް މީހެއްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމެއް، ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން ޖިނާއީ އެ ކުށުން ބަރީއަތްވެފައި ވަނީ ރ. އިންނަމާދޫ، ސީތާ، މަމްދޫހު ސުޖާއު އެވެ.

މީގެ ހަތަރު އަހަރު ކުރިން ކްރިމިނަލް ކޯޓުން ކުރި ހުކުމެއްގައި ބުނެފައި ވަނީ އިންނަމާދޫ، ނޫރާނީގޭ، އަލީ ޝަރީފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި އެކައުންޓަކުން ޝަރީފުގެ ސޮއި ފޯޖުކޮށްގެން، ޗެކް މެދުވެރިކޮށް 4.1 މިލިއަން ރުފިޔާ ވަގަށް ނެގި ކަމުގެ ކުށް މަމްދޫހުގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ދެހާސް ދިހަ ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ މައްސަލައިގައި ދައުލަތުން މަމްދޫހުގެ މައްޗަށް އުފުލާފައި ވަނީ މަކަރާއީ ހީލަތް ހެދުމުގެ ކުށުގެ ދައުވާ ކަމަށްވާއިރު، އެ ފައިސާ އޭނާ މަކަރާއި ހީލަތުން ނަގާފައިވާކަން ހެކީންގެ ހެކި ބަހުން އެނގެން ނެތް ކަމަށެވެ.

އެ ހުކުމް ކޮށްފައި ވަނީ ހައި ކޯޓުގައި އެ މައްސަލަ ބެލުމުގައި ބައިވެރިވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު