ސިވިލް ކޯޓުގެ ދެ ސެކްޝަނެއް އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކޮށްފި

ސިވިލް ކޯޓުގެ ބައެއް ސެކްޝަންތަކުގެ މަސައްކަތް އެސްޓީއޯ ކުރިން ހިންގި އިމާރާތަށް ބަދަލުކޮށްފި އެވެ.

ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް އެ އިމާރާތައް ބަދަލުކޮށްފައި ވަނީ ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެ އިމާރާތަށް ބަދަލުކޮށްފައި ވަނީ ސިވިލް ކޯޓުގެ އެގްރިމެންޓްތައް ރަޖިސްޓްރީ ކުރުމާބެހޭ ސެކްޝަނާއި މެޖިސްޓްރޭޓް ކޯޓުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭ ސެކްޝަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތްތައް ކުރިން ކުރަމުން ދިޔައީ ހެންވޭރުގައި ހުންނަ ކުރީގެ ހައި ކޯޓު ހިންގި އިމާރާތުގަ އެވެ.

އޭނާ ވިދާޅުވީ އެ ސެކްޝަންތައް އެސްޓީއޯ ކުރިން ހިންގި އިމާރާތައް ބަދަލު ކުރީ އިއްޔެ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ސިވިލް ކޯޓުގެ އިދާރީ ބައެއް މަސައްކަތްތަކާއި ޖަސްޓިސް ބިލްޑިންގގައި ހިންގަމުންދާ ޝަރީއަތް ހިންގުމާބެހޭ ބައެއް ސެކްޝަންތައް ވެސް އެ އިމާރާތަށް ބަދަލުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތަކީ ރާއްޖޭގެ ސިވިލް ޖަސްޓިސް ނިޒާމް ހަރުދަނާކޮށް، މައްސަލަތައް ނިންމުން ހަލުވިކުރުމަށްޓަކައި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އެކްޝަންޕްލޭނުގެ ދަށުން ސިވިލް ކޯޓުގެ ޚިދުމަތްގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ ކުރިން ހިންގި އިމާރާތް ފުރަތަމަ މަރާމާތު ކުރީ ކްރިމިނަލް ކޯޓަށް އެތަން ބަދަލު ކުރުމަށެވެ. ނަމަވެސް އެ ކޯޓުން އެތަނަށް ބަދަލުވެފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު