ނިޒާރު މަރާލިކަމަށް ތުހުމަތު ކުރެވޭ ކުއްޖާއާ ދެކޮޅަށް ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިމިއްޖެ

ލ. ގަން ތުނޑި، ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިމިއްޖެއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މިހާތަނަށް ހެކިބަސް ނެގިފައިނުވާ ދެ މީހުންގެ ހެކިބަސް ނަގާފައިވާ ކަމަށެވެ. މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި އެކުއްޖާގެ ފަރާތުން ދިފާއުގައި ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ވެސް ވަނީ ނަގާފައެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށާއި އެދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓްރީ ހެކިތަކާ ބެހޭ ގޮތުން ވާހަކަދެއްކުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަން ހާއިރު، ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ސައިކަލުގައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރި އާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު