"ދިރާގު އީދު ޝޯ" މިފަހަރު އަޟްހާ އީދުގައި ބާއްވާ ގޮތަށް ހަަމަޖައްސައިފި

ކުޑަ އީދު ބަންދުގައި ބާއްވަން އުޅުނު މި އަހަރުގެ "ދިރާގު އީދު ޝޯ" އަޟްހާ އީދުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިމްޖާދު ހަސަން މިއަދު ސަން އަށް ވިދާޅުވީ ވަޅު އީދު ދުވަހުގެ ރޭ 9:00ގައި ރާޅުގަނޑު ސަރަހައްދުގައި ބާއްވާ އެ ޝޯގައި ރާއްޖޭގެ ޒުވާން މަޝްހޫރު ފަސް ބޭންޑެއް ބައިވެރިވާނެ ކަމަށާއި އެ ޝޯ ޓީވީއެމް އިން ލައިވްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމްޖާދު ވިދާޅުވީ ކުޑަ އީދުގައި އެ ޝޯ ނުބޭއްވުނީ ފަލަސްތީނު މުސްލިމު ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާތަކުގައި ބައިވެރިވެ ހިތާމަ ފާޅުކުރުމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުވެ އާއްމު ހާލަތަކަށް އެ ގައުމުގެ ރައްޔިތުން ރުޒޫއަ ވެފައި ވާތީ އާއި ޒުވާނުންގެ އެދުމުގެ މަތިން އަލުން ޝޯ ބާއްވަން ނިންމީ ކަމަށް ވެސް އިމްޖާދު ވިދާޅުވި އެވެ.

"މިޝޯއަކީ ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނުން ނަށް އެ މީހުންގެ ޓެލެންޓް ދައްކާލާނެ ޕްލެޓްފޯމެއް ގާއިމުކޮށް ދިނުމުގެ ގޮތުން ބާއްވަމުން އަންނަ ޝޯއެއް. މިފަދަ ޝޯއެއްގެ ބޭނުމަކީ ޒުވާނުން ބިނާކުރުމަށް ދިރާގުން ކުރިއަށް ގެންދާ މަސައްކަތްތައް ކުރިއަށް ގެންދިއުން ވެސްމެ،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގު އީދު ޝޯ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ތިން ޝޯ ބާއްވާފައިވާ އިރު "ދިރާގު އީދު ޝޯ" އަކީ މިހާތަނަށް ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް މިއުޒިކް ޝޯ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު