އަޝްރަފު ޢަބުދުލް ޣަނީ އަފްޣާނިސްތާނުގެ ރައީސް ކަމުގެ ހުވާކުރައްވައިފި

ވޯޓު އޮޅުވައިލުމުގެ ތުހުމަތުތައް އަމާޒުވެފައިވާ އަޝްރަފު ޢަބުދުލް ޣަނީ އަފްޣާނިސްތާނުގެ ރައީސްކަމުގެ ހުވައި މިއަދު ކުރައްވައިފި އެވެ.

އަލްޖަޒީރާ ބުނީ އަޝްރަފު ރައީސްކަމުގެ ހުވައި ކުރެއްވީ ކާބުލްގައި ހުންނަ ރިޔާސީ ގަނޑުވަރުގައި މިއަދު އޮތް ހަރަދުބޮޑު ރަސްމިއްޔާތެއްގައި ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ގިނަ، އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީގެ ސަރުކާރުގެ ފައިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އަޝްރަފު ހުވާކުރެއްވާފައި މިވަނީ ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތުގައި އޭނާ އާއި އެގައުމުގެ އެހެން ސިޔާސީ ލީޑަރުންނާ ދެމެދު ތިން މަސްދުވަސް ވަންދެން ޒުވާބު ހިނގުމަށް ފަހުގަ އެވެ.

އިންތިހާބުގައި އަޝްރަފާ ވާދަކުރެއްވި، ނޮދަން އެލަޔަންސްގެ ކުރީގެ ކޮމާންޑަރު ޢަބުދުﷲ ޢަބުދުﷲ ވެސް އިންތިހާބަށް ފަހު ވިދާޅުވަމުން ގެންދެވީ އިންތިހާބު ކާމިޔާބުކުރެއްވީ އޭނާ ކަމަށެވެ. އެދެބޭފުޅުންގެ އެ އަރައިރުމާއި ހެދި އަފްޣާނިސްތާނުގައި ސިޔާސީ ބޮޑު ދެކޮޅުވެރިކަމެއް އުފެދުމުގެ ބިރު ހީވެފައި ވަނިކޮށް، ގުޅިފައިވާ ސަރުކާރެއް އެކުލަވައި ލެއްވުމަށް އެއްބަސްވެވަޑައިގެންނެވީ އެމެރިކާ މެދުވެރިވެގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު