ބިދޭސީއަކު މަރާލިތާ އަހަރެއް ފަހުން ޝަރީއަތް ފަށައިފި

ޗާންދަނީ މަގުގައި ހުރި ގެއެއްގައި ނިދާފައި އޮތް ބިދޭސީ މީހަކު މަރާލިތާ އެއް އަހަރު ފަހުން އެ މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

ޗާންދަނީމަގުގައި ހުންނަ 24 ނަންބަރު ގޭގެ ހަ ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އުމުރުން 27 އަހަރުގެ މޮނީރުލް އިސްލާމް ނަމަކަށް ކިޔާ ބަނގުލަދޭޝްގެ މީހެއްގެ ކަރަށް ވަޅި ހަރައި މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ވެސް އެގައުމުގެ ރައްޔިތެއް ކަމުގައިވާ ކަމަރުލް އިސްލާމްގެ މައްޗަށެވެ.

އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޝަރީއަތަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމާ އެކު ކަމަރުލް އިސްލާމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް އިންކާރުކުރާ ކަމަށެވެ.

އޭނާ ބުނީ މާލީ ފުދުންތެރިކަން ނެތުމުން ވަކީލަކު ހަމަޖެއްސެން ނެތް ކަމަށާއި ނަމަވެސް ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސޭ ނަމަ އެ ފުރުސަތު ބޭނުން ކަމަށެވެ. ގާޒީ ވަނީ އޭނާ އަށް އެ ފުރުސަތު ދެއްވާފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިންކާރު ކުރި ނަމަވެސް ކަމަރުލް އިސްލާމް ވަނީ ތަހުގީގުގައި ކުށަށް އިއުތިރާފުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ދައުލަތުން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ ތަހުގީގުގައި އެއްބަސްވީ ފުލުހުން އޭނާ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުން ކަމަށެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައި ވަނީ މޮނީރުލް އިސްލާމް މަރާލިކަމަށް ކަމަރުލް އިސްލާމް އިއުތިރާފުވެފައިވާ ކަމަށާއި އޭނާ އެކަން ކޮށްފައި ވަނީ މޮނީރުލްއާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ އުމުރުން 34 އަހަރުގެ ބަނގްލަދޭޝްގެ އަބްދުﷲ ނަމަކަށް ކިޔާ މީހަކު ބުނެގެން ކަމަށެވެ.

މޮނީރުލް އިސްލާމް މަރާލުމަށް ބޭނުން ކުރި ހަތިޔާރާއި އެވަގުތު ލައިގެން ހުރި ގަމީސް ޓީޖެޓީ ސަރަހައްދުން ފަޅުތެރެއަށް އެއްލާލި ކަމަށް ކަމަރުލް އިސްލާމް ބުނުމުން ފުލުހުންގެ ޑައިވިން ޓީމުން އެތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު