ގދ. ތިނަދޫގައި ފެންބޮޑުވުމާ ގުޅިގެން ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފި

ގދ. ތިނަދޫގައި ފެންބޮޑުވުމާ ގުޅިގެން ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފި އެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަސްއަދު މިއަދު ސަން އަށް ވިދާޅުވީ ރޭ 12 ޖެހި އިރުން ފެށިގެން ވެހެން ފެށި ވާރޭ ތުނިކޮށްލީ މިއަދު ހެނދުނު 9 ޖަހާ އެހާކަންހާއިރު ކަމަށެވެ.

އަދި އެ ރަށުގައި ހުންނަ ފަސް ޕްރީ ސްކޫލާއި ޕްރައިމަރީ ދެ ސުކޫލްގެ އިތުރުން ސެކަންދްރީ ސްކޫލް ވެސް މިއަދު ބަންދުކޮށްފައި ވަނީ ހިނގާ ބިނގާވެ ނޫޅެވޭ ވަރަށް ރަށު ތެރޭގައި ފެންބޮޑުވެގެން ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް އެ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި މީގެ 10 ވަރަކަށް ދުވަހު ކުރިން ވެހުނު ވާރޭގައި ވެސް ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ވެފައިވާ ކަމަށެވެ.
އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ތަކުރާރުކޮށް ސަރުކާރުގައި ދެންނެވި ނަމަވެސް ހައްލެއް ލިބިފައިނުވާ ކަމަށް އަސްއަދު ވިދާޅުވި އެވެ.
ރޭ 12 ޖެހި އިރުން ފެށިގެން ތިނަދޫއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންހިއްކަނީ-- ސަން ފޮޓޯ ކިއުންތެރިއެއް

"ކުރިން އޮތް ކައުންސިލުން ވެސް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރި. އަޅުގަނޑުމެން ވެސް ތަކުރާރުކޮށް އެ ވާހަކަ އެބަދައްކަން. މަޖިލިސް މެމްބަރު މެދުވެރިކޮށް ވެސް ދަންނަވައިފިން. އަބަދުވެސް އެއްވާހަކައެއް ދައްކަ ދައްކާ ތިބެން މިޖެހެނީ ހައްލެއް ނުލިބޭ،" ކައުންސިލްގެ ނައިބު ރައީސް އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެންބޮޑުވުމުގެ މައްސަލައައް ހައްލެއް ގެނައުމުގެ ގޮތުން މީގެ ދެ އަހަރު ކުރިން ވަނީ ޑޮރޯނިން ސިސްޓަމެއް ވެސް ހޯދަން ސަރުކާރުން އިއުލާން ކޮށްފަ އެވެ. އަދި އެކަން ކޮށްދެއް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް ފަހުން އެކަމުގެ އެއްވެސް ހަބަރެއް ނުވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ކޮންމެ ފަހަރަކު ފެންބޮޑުވީމާ ފަޔަރުން ނުކުމެ ފެން ހިއްކަން މިޖެހެނީ،" އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް ފެންބޮޑުވަނީ އެ ރަށު އުތުރު ފަރާތު ފެންބޮޑުވެ އެ ސަރަހައްދުގެ ގެތަކަށް ބޮދެތި ގެއްލުންތަކެއްވެ އެވެ. އެގޮތުން މިފަހަރު ވެހުނު ވާރޭގައި ވެސް 70 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވާ ކަމަށް އަސްއަދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު