"އާދޭސް" އަކީ ބެލުންތެރިންނަށް ވަރަށް ރީތި ފިލްމަކަށް ވެގެންދާނެ: ފައްތާހު

މަޝްހޫރު ޑައިރެކްޓަރު އަބްދުﷲ ފައްތާހު ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމް "އާދޭސް" އަކީ ބެލުންތެރިންނަށް ވަރަށް އަސަރު ގަދަ ރީތި ފިލްމަކަށް ވެގެންދާނެ ފިލްމެއް ކަމަށް ކަމަށް ފައްތާހު ބުނެފި އެވެ.

އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހު އޮލިމްޕަސްގެ ސްކްރީނަށް އަންނަ މި ފިލްމާ ބެހޭ ގޮތުން ޑައިރެކްޓަރު ފައްތާހު ސަން އަށް މައުލޫމާތު ދެމުން ބުނީ މި ފިލްމަކީ އޭނާ އުފައްދާފައިވާ ޑްރާމާތަކުގެ ސްޓްއިލަށް އުފެއްދި ފުރަތަމަ ދިވެހި ފިލްމް ކަމަށާއި އެ ފިލްމް ވެގެންދާނީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފިލްމަކަށް ކަމަށެވެ.

"ފިލްމްގެ މަސައްކަތްތަކާ މެދު މިހާރު ވެސް ވަރަށް ހިތްހަމަޖެހޭ، މި ފިލްމްގެ އެޑިޓިން އާއި ބެކްމިއުޒިކާއި ތަރިންގެ ހުނަރުގެ އިތުރުން ފިލްމްގެ ވާހަކަ ވެސް އެހާ ރީތި ވާނެ. މިއީ މިހާތަނަށް އުފެއްދުނު އެންމެ ރީތި ފިލްމް،" ފައްތާހު ބުންޏެވެ.

ރޭޝަމް، ހިނިތުން ވެލާށެކަލާ، އައިޝާ، ފަދަ އަސަރު ގަދަ ރީތި ޑްރާމާ ސީރީޒްތަކެއް މިހާތަނަށް އާއްމުންނާ ހަމައަށް ގެނެސްދީފައިވާ ފައްތާހުގެ މި ފިލްމަކީ މައިވަންތަކަމުގެ ލޯތްބާއި ކުލުނާއި އިހުސާސްތައް ދައްކުވައިދޭނެ އަސަރު ގަދަ ފިލްމެއް ކަމަށް ފައްތާހު ބުންޏެވެ.

ޑޭޝް ސްޓޫޑިއޯގެ ކުރީގެ ވެރިޔާ މަރްހޫމް ހަސަން އަލީގެ ސްކްރިޕްޓަކަށް އުފައްދާފައިވާ މި ފިލްމްގެ ތަރިންގެ ތެރޭގައި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އާއި ހުސެން ސޮބާހުގެ އިތުރުން އާމިރާ ހުސެއިންނާއި މޫސާ ޒަކަރިއްޔާ އަދި ފާތިމަތު އާޒިފާ ހިމެނެ އެވެ. ފިލްމްގެ ފުރަތަމަ ޝޯ ހައުސްފުލް ވެފައިވާއިރު މި ފިލްމް އަންނަ މަހުގެ 11 އާ ހަމައަށް އޮލިމްޕަސް ސްކްރީންގައި އަޅުވާާ ގޮަތަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމްގައި އަލީ ރަމީޒުގެ އަސަރު ގަދަ ރީތި ބައެއް ލަވަތައް ހިމަނާފައިވާއިރު މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަޝްފާ ތޭރަވާ ކުޑައިއްބެ އަދި ޝިފާ ތައުފީގްގެ ލަވަތައް ވެސް ހިމެނެ އެވެ. މީގެއިތުރުން މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހް (މަންޑޭ) ކިޔާދީފައިވާ ލަވައެއް ފިލްމްގެ ޕްރޮމޯޝަނަލް ލަވައިގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު