ނަވާޒު ޝަރީފުގެ ވެރިކަން ވައްޓާލެވުމުން ނޫނީ އިޙްތިޖާޖްތައް ހުއްޓާނުލާނަން: އިމްރާންޚާން

ލާހޯރު (ސެޕްޓެމްބަރ 29) : ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފުގެ ވެރިކަން ވައްޓާލުމަށް ފަހުގައި ނޫނީ އޭނާއާ ދެކޮޅަށް މިހާރު ކުރިޔަށްގެންދާ އިޙްތިޖާޖްތައް ހުއްޓާނުލާނެ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ތަހްރީކޭ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ނަވާޒް ޝަރީފުގެ އުފަން ރަށް ކަމަށްވާ ލާހޯރުގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ތަހްރީރު ކުރައްވަމުން އިމްރާން ޚާން ވިދާޅުވީ ނަވާޒް ޝަރީފު ވެރިކަމުން ދުރުކުރުމަށް ޓަކައި ލާހޯރުގައި ކުރަމުން ގެންދާ އިޙްތިޖާޖްތަކުގައި ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށާއި ޝަރީފުގެ ވެރިކަން ވައްޓާލުމަށް ފަހުގައި ނޫނީ އިޙްތިޖާޖްތަކަށް ނިމުމެއް ނުގެންނާނެ ކަމުގަ އެވެ. މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު އިމްރާން ޚާން އާއި ދީނީ އިލްމުވެރިއެއް ކަމަށްވާ ތާހިރުލްގާދިރީ އިސްކޮށް ތިއްބަވައިގެން ނަވާޒް ޝަރީފުގެ ވެރިކަމާ ދެކޮޅަށް އިސްލާމް އާބާދުގައި ފެށި އިޙްތިޖާޖްތަކުން ނަތީޖާއެއް ޙާސިލް ނުވުމާގުޅިގެން އެ އިޙްތިޖާޖްތައް މިހާރު ވަނީ ނަވާޒް ޝަރީފުގެ އުފަން ރަށް ކަމަށްވާ ލާހޯރުގައި ހުންނަ އޭނާގެ ގެކޮޅާ ކައިރި ހިސާބަކަށް ބަދަލުކޮށްފަ އެވެ.

ނަވާޒް ޝަރީފުގެ އިސްތިއުފާއަށް ގޮވާލައި އިމްރާންޚާން އިސްކޮށް ހުންނަވައިގެން އޭނާގެ ޕާޓީގެ އެތައް ހާސްބަޔަކާއި އޭނާގެ ސަޕޯޓަރުން ލައްވައި މުޒާހަރާ ކުރަމުން މިގެންދަނީ މިދިޔަ އަހަރު ޕާކިސްތާނުގައި ބޭއްވި އިންތިޚާބުގައި އޮޅުވާލުމާއި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އަލުން އިންތިޚާބެއް ބޭއްވުމަށް އެދި އެވެ. މިދިޔަ އަހަރު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބުގައި ނަވާޒް ޝަރީފުގެ ޕާޓީން ވަނީ ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދާފަ އެވެ. މިއީ ވަރަށް މަދުން ނޫނީ ޕާކިސްތާނުގެ އެއް ޕާޓީ އަށް ހާސިލް ނުކުރެވޭ ކާމިޔާބީއެކެވެ. ނަމަވެސް މިދިޔަ އަހަރު ބޭއްވި އާންމު އިންތިޚާބަކީ މިހާތަނަށް ޕާކިސްތާނުގައި ބޭއްވި އެންމެ އިންސާފުވެރި އިންތިޚާބު ކަމަށް އޮބާޒާވަރުންނާއި އެ ގައުމުގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ވެސް ބުނެފައިވެ އެވެ.

މިއިޙްތިޖާޖްތަކާ ގުޅިގެން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެ އިމްރާންޚާން އަށް ގޮންޖައްސަވާފަ އެވެ. ނަވާޒް ޝަރީފް ވައްޓާލުމަށް އިމްރާންޚާން ކުރިޔަށްގެންދާ އިޙްތިޖާޖްތަކަށް ނުސީދާގޮތެއްގައި ޕާކިސްތާން ސިފައިންގެ ބައެއް ޖެނެރަލުން ހިއްވަރު ދެއްވާކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު