މެރިޓައިމް ސިލްކް ރޫޓަކީ ރާއްޖެއަށް އޮތް ބިރެއްތަ؟

ސީނުކަރައިގެ ރައީސް ޝީ ޗިންޕިންގ މި މަހުގެ 14 އިން 16 އަށް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އަޅުގަނޑުމެންގެ ތެރޭގައި ވެސް އެ މައުޒޫއަކާ މެދު މިހާރު އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް މައުޒޫއަކަށް ވެފައި ވަނީ، ސީނުގެ "މެރިޓައިމް ސިލްކް ރޫޓް" ގެ މައުޒޫއެވެ. ސީނުގެ މި މަޝްރޫއުގައި ދިވެހިރާއްޖެ ބައިވެރި ވުމުގެ ނަތީޖާއަކީ ކޮބައި ބާވައެވެ! މީގެ ސަބަބުން ރާއްޖެއަށް ލިބޭނީ ފައިދާ ބާވައެވެ! ނުވަތަ ގެއްލުން ބާވައެވެ!

މި ސުވާލުތަކަށް ޖަވާބު ހޯދުމަކީ ގިނަގުނަ ތަހުލީލުތަކެއް ކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކޮފީ މޭޒުތަކުގައި ތިބެ، ޕާޓީ ތޮފި އަޅައިގެން ވިސްނައިގެން، ކުރެވޭނެ ކަމެއް ނޫނެވެ. މި މައުޒޫއަކީ ގައުމީ ފެންވަރުގައި އެ މައުޒޫއަކަށް ވާހަކަ ދެކެވި، ބަހުސް ކުރެވެން ޖެހޭ މައުޒޫއެކެވެ. އެހެންކަމުން، ވަރަށް ތިލަކޮށް، މި މައުޒޫއުގައި ވިސްނުން ހިންގާން ޖެހޭ ދިމަދިމާ ފާހަގަ ކޮށްލަމާ ހިންގަވާށެވެ.

ސިލްކް ރޫޓަކީ ކޮބައި؟
ސިލްކް ރޯޑަކީ ސީނު ކަރަޔާއި މެޑިޓަރޭނިއަން ގުޅުވައިލަ ދިން ވިޔަފާރި މަގެކެވެ. އެ މަގަކީ ޢީސާއީ މީލާދުގެ 250 ވަރަކަށް އަހަރު ކުރީއްސުރެ އޮންނަ މަގެކެވެ. އެ މަގަށް "ސިލްކް ރޯޑް" މި ނަން ދިނީ 1877 ވަނަ އަހަރު، ޖަރުމަނުގެ ޖުޣްރާފީ އިލްމުވެރިޔެއް ކަމަށް ވާ ފާރޑިނާންޑް ވޮން ރައިތޯފެން އެވެ. އެނަން އޭނާ އިޚްތިޔާރު ކުރީ، އެއިރު އެ މަގުން ސީނުން މެޑިޓަރޭނިއަން ކަނޑަށާއި، ޔޫރަޕަށް ގެންނަ މުދަލުގެ އެންމެ ގިނަ އަދި އެންމެ މުހިއްމު ބާވަތަކީ ސީނުގެ ސަގާފީ އުފެއްދުމެއް ކަމަށް ވާ ސިލްކު ނުވަތަ ފަށުވި ފޮތި ކަމަށް ވާތީއެވެ.
ގަދީމީ ސިލްކް ރޯޑް އޮތީ ސީނުގެ މެދުތެރޭގައި، އިރުމައްޗަށް އޮންނަ ޝިއާނުން ފެށިގެން، ހުޅަނގަށް ތިން ކަތްޕަށް ކަފި ވާ މަގެއްގެ ގޮތުގައެވެ. އެއް ކަފި، އައީ ސީނުގެ ސަރަހައްދުން، މިހާރުގެ ބޭ އޮފް ބެންގާލްގެ އައްސޭރިޔަށެވެ. އަނެއް ކަފި އައީ މިހާރުގެ ގުޖުރާތާއި ޕާކިސްތާނު ގުޅޭ ހިސާބުގެ އައްސޭރިޔަށެވެ. އަނެއް ކަފި، ޝިއާނުން ފެށިގެން މިހާރުގެ އަފްޣާނިސްތާނާއި އީރާނާއި ޝާމް ފަދަ ސަރަހައްދުތައް ހުރަސް ކޮށް، ލެވެންޓައިން އައްސޭރިޔަށް، މެޑިޓަރޭނިއަން ކަނޑަށެވެ.

މީލާދީން 800 އިގެ އަހަރުތަކުގެ ތެރޭގައި، މެދުތެރޭ އޭޝިޔާގައި ހިނގަމުން ދިޔަ ހަނގުރާމަތަކުގެ ސަބަބުން، ސިލްކް ރޯޑުގެ ރައްކައުތެރިކަން ކުޑަ ވެ، ވިޔަފާރި ގާފިލާތަކަށް ބޮޑެތި ނުގުސާންތަކާ ކުރިމަތި ވާން ފެށުމުން، ސިލްކް ރޯޑުގެ ވިޔަފާރިވެރީން ކަނޑުމަގު އިޚްތިޔާރު ކުރިއެވެ. އިރުމަތީ ސީނުގެ އައްސޭރި އާއި، މިހާރުގެ ތައިލޭންޑުގެ އައްސޭރި އާއި، ބޭ އޮފް ބެންގޯލް ގެ އައްސޭރި ބަނދަރުތަކުން އިންޑިޔާ އާއި ޢަރަބި ކަރަޔާއި އެފްރިކާއަށް މުދާ ގެންދިޔުމުގައި އާއްމުކޮށް ބޭނުން ކުރާން ފެށި މި މަގަށް، "ކަނޑުގެ ސިލްކް ރޯޑް" މި ނަން ދިނީ 1967 ވަނަ އަހަރު، ޖަޕާނުގެ ދިރާސާވެރީންނެވެ. ކަނޑުގެ ސިލްކް ރޯޑުގެ ވިޔަފާރި އާއްމު ވެގެން ދިޔުމުން، ގަދީމީ އެއްގަމު ސިލްކް ރޯޑުގެ ބޭނުން ކުރުން މަދު ވެ، އެ މަގުން ކުރާ ވިޔަފާރި ވަރަށް މަދު ވެގެން ދިޔައެވެ.
ކަނޑުގެ ސިލްކް ރޯޑުގެ ވިޔަފާރި ވެސް، ދުނިޔެއަށް އައި ބަދަލުތަކާ އެކު، ވަޅު ޖެހެމުން ދިޔައެވެ. އިނގިރޭސިން ސީނު ކަރަޔަށް އަރައިގަނެ، އެ ގައުމަށް މަސްތު ވާ އެއްޗެއް ކަމަށް ވާ އޯޕިއަމް ވިއްކައިގެން ފައިސާ ހޯދާން ކުރި މަސައްކަތުގެ ތެރޭގައި، މަޝްހޫރު "އޯޕިއަމް ހަނގުރާމަ" 1840 ވަނަ އަހަރު ފެށުމުން، ކަނޑުގެ ސިލްކް ރޯޑުގައި ވެސް "ބަންދު ބޯޑު" އެޅުވުނީއެވެ.

ސީނީ ޕްލޭން
މިހާރު ސީނުގެ ވެރިކަމުގައި ތިއްބެވި "ފަސްވަނަ ޖީލުގެ ލީޑަރުން" ގެ ޕްލޭނަކީ، އެއްގަމާއި ކަނޑުގެ ސިލްކް ރޯޑް އަލުން ދިރުވުމެވެ. އަދި "ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް" އެއްގެ ގޮތުގައި، މެދުތެރޭ އޭޝިޔާ އާއި ދެކުނު އޭޝިޔާ އާއި އިންޑިޔާ ކަނޑުގެ ސަރަހައްދުގައި، ވިޔަފާރީގެ ބޮޑު ވިޔުގައެއް ބިނާ ކުރުމެވެ.

21 ވަނަ ގަރުނުގެ "މެރިޓައިމް ސިލްކް ރޫޓެއް" ބިނާ ކުރުމަކީ މީގެ އެންމެ މުހިއްމު އެއް ބައެވެ. ސީނުގެ އަމާޒަކީ، ކުރީން އޮތް ކަނޑުގެ ސިލްކް ރޯޑުގައި ހިމެނޭ މުހިއްމު މަންޒިލްތަކުގައި، އެ މަގުން ދަތުރު ކުރާ ބިޔަ ބޯޓުފަހަރާއި، އުފުލޭ އެތައް ލައްކަ ޓަނެއްގެ މުދާ "ހޭންޑްލް" ކުރެވޭ ވަރުގެ ޒަމާނީ ވިޔަފާރި ބަނދަރުތައް ތަރައްގީ ކޮށްގެން، ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި މަގަކަށް އެ މަގު ހެދުމެވެ. ސީނުގެ މި ޕްލޭން ކާމިޔާބު ވެއްޖެ ނަމަ، މެރިޓައިމް ސިލްކް ރޫޓް ވެގެން ދާނީ، އުފުލޭ މުދަލުގެ މިންވަރާއި އަގާއި ދަތުރުކުރާ ވިޔަފާރިވެރި އުޅަނދުގެ އަދަދާއި ފެންވަރުން ވަޒަން ކުރާ އިރު، ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރި މަގަށެވެ. އެ މަގުން އުފުލޭނީ ސީނުން އޭޝިޔާގެ ދެކުނާއި ހުޅަނގަށް، އަދި އެފްރިކާއަށާއި ޔޫރަޕަށް ކަނޑުމަގުން އުފުލޭ މުދަލެވެ. އަދި މިތަންތަނުން ސީނަށް ކަނޑުމަގުން އުފުލޭ މުދަލެވެ. މި މަގުން ކުރެވޭ ވިޔަފާރީގެ އަގު ޓްރިލިއަން ޑޮލަރަށް އަރައިގެން ދާނެއެވެ.

ސީނުގެ ރައީސްކަމަށް ޝީ ޗިންޕިންގ ވަޑައިގަތުމަށް ފަހު، މައިގަނޑު ދެ ސިޔާސަތެއް ތައާރަފު ކުރެއްވިއެވެ. އެއް ސިޔާސަތަކީ "ޗައިނާ ޑްރީމް" ގެ ނަމުގައި ތައާރަފު ކުރެއްވި ސިޔާސަތެކެވެ. އަނެއް ސިޔާސަތަކީ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓުގެ ސިޔާސަތެވެ. މި ސިޔާސަތުގެ ވާހަކަ، ރައީސް ޝީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، އިންޑޮނީޝިޔާގެ ބަރުލަމާނުގައި ދެއްވި ތަޤުރީރެއްގައި ދެއްކެވިއެވެ. ރަސްމީކޮށް، މި ސިޔާސަތު ތައާރަފު ކުރެވުނީ، 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވުނު، ސީނީ ކޮމިޔުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ތިން ވަނަ ޕްލީނަރީ ސެޝަނަށް ހުށަހެޅުނު ކަރުދާހެއްގައެވެ.

ސިލްކް ރޯޑް އަލުން ގާއިމު ކުރުމަކީ މުޅިއަކުން، ފަހުގެ ޚިޔާލެއް ނޫނެވެ. 1990 ގެ އަހަރުތަކުގެ ތެރޭގައި، ކުރީގެ ސޮވިއެޓް ޔުނިއަން ވެއްޓުމާ ގުޅިގެން، އެއިރުގެ ސީނީ ލީޑަރުން ވެސް އެ ޚިޔާލު ދިމަދިމާޔަށް އުއްކެވިއެވެ. ނަމަވެސް އެއިރު ދުނިޔޭގެ ސިޔާސީ އޮއިވަރު ބަދަލު ވަމުން ދިޔަ ގޮތުގެ ސަބަބުންނާއި، އަދި ޓިއަނަމަން މައިދާނުގައި ހިނގި މަޝްހޫރު ހާދިސާތަކާ އެކު، ސީނީ ލީޑަރުން ބެއްލެވީ އެ ދުވަސްކޮޅު އެފަދަ ހަރަކާތެއް ހިންގުމަށް ވުރެ، މަޑުމަޑުން ތިބުން ރަނގަޅު ވާނެ ކަމަށެވެ. އެހެންކަމުން، އެއިރު އެ ޚިޔާލު މަތާރަންމައްޗަށް ލެވުނީއެވެ.

މިހާރު ހާލަތު ބަދަލު ވެ، އިގުތިސާދީ މައިދާނުގައި ސީނުގެ ފައިތިލަ ސާބިތު ވެ، އުފެއްދުންތެރިކަން އިތުރު ވެފައި ވުމާއި، އަދި ސިޔާސީ ގޮތުން ވެސް ކުރީން އޮތް ހާލަތު ވަރަށް ބޮޑަށް ބަދަލު ވެފައި ވުމުގެ ސަބަބުން، މި ވަގުތަކީ ސިލްކް ރޯޑުގެ ޚިޔާލު ތަންފީޛު ކުރާން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް، ސީނުގެ ލީޑަރުން ދެކެވަޑައިގަންނަވައެވެ.

ސިލްކް ރޯޑް ބިނާ ކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި، މައިގަނޑު ހަތަރު ކަމެއް ހިމެނެއެވެ. ފުރަތަމަ ކަމަކީ، އެއްގަމާއި ކަނޑުގައި، މަގުތަކާއި، ބަނދަރުތައް ބިނާ ކޮށް، ދަތުރުފަތުރަށް ބޭނުން ވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމު ކުރުމެވެ. ދެވަނަ ކަމަކީ، މަގުގައި ޝާމިލު ވާ ގައުމުތައް ހިމެނޭ ސަރަހައްދުތަކުގައި ވިޔަފާރިއަށް ހުރި އެކިއެކި ހުރަސްތައް ނައްތައިލައި، ވިޔަފާރިޔާއި އިންވެސްޓްމަންޓަށް ހުރި ގޮންޖެހުންތައް މަދު ކޮށް، ޚަރަދު ކުޑަ ކުރުމެވެ. ތިންވަނަ ކަމަކީ، އެ ގައުމުތަކުގެ މާލީ އެއްބާރުލުން އިތުރު ކޮށް، ފައިސާ ތަފާތު ވުމުން ދިމާ ވާ އެކިއެކި ޤާނޫނީ އަދި އިދާރީ މައްސަލަތައް ހައްލު ކުރުމާއި، ފައިސާ ތަފާތު ވުމުން ދިމާ ވާ ދަތިތަކާއި ހިރާސްތައް ވީހައި ވެސް ކުޑަ ކުރުމާއި، ވާދަވެރި ވިޔަފާރިއަކަށް މާލީގޮތުން މަގު ތަނަވަސް ކުރުމެވެ. ހަތަރުވަނަ ކަމަކީ، މި ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ އެއް ބަޔަކު އަނެއް ބަޔަކާ އޮންނަ ސަގާފީ ގުޅުންތައް ވަރުގަދަ ކުރުމާއި، ދެނެގަތުން އިތުރު ކުރުމެވެ.

ރާއްޖޭގެ ބައިވެރިވުން
ދިވެހިރާއްޖެއަކީ ސިލްކް ރޯޑުގެ އިންޑިޔާ ކަނޑުގެ ރޫޓުގެ މެދުގައި އޮތް ގައުމެކެވެ. އެ މަގުން ދަތުރު ކުރާ އުޅަނދުފަހަރު ދާނީ ރާއްޖޭގެ ސަރަހައްދުންނެވެ. ސީނުން ފުރައިގެން އަންނަ އުޅަނދުފަހަރު، ސިރީ ލަންކާޔާއި އިންޑިޔާއާ ދެމެދުން، ނުވަތަ ސިރީ ލަންކާގެ ދެކުނުން އަޅައިފައި އައި ނަމަވެސް، ދާން ޖެހޭނީ ރާއްޖޭގެ އުތުރު ހުރަސް ކޮށްފައެވެ.

އެހެންކަމުން، ސިލްކް ރޯޑުގައި ދިވެހިރާއްޖެ ވާނީ ވަރަށް މުހިއްމު މަންޒިލަކަށެވެ. އެ މަގުގެ ބޭނުން ކުރާ އުޅަނދުފަހަރު، އިންޑިޔާ ކަނޑާއި ޢަރަބި ކަނޑު ގުޅޭ ބިޔަ ކަނޑަށް ނުކުންނާނީ، ރާއްޖެ ފަހަނައަޅައެވެ. އެ ކަނޑު ހުރަސް ކޮށް ސީނަށް އަންނަ އުޅަނދުފަހަރަށް ފުރަތަމަ އައުދެވޭ މަންޒިލަކަށް ވާނީ ވެސް ރާއްޖެއެވެ. އެގޮތުން ބަލާ އިރު، މެރިޓައިމް ސިލްކް ރޯޑުގައި، ރާއްޖެ އޮތީ ލަންކާ އާއި އިންޑިޔާއަށް ވުރެ ވެސް، އިސްތިރާޖީ ގޮތުން ރަނގަޅު މަގާމެއްގައެވެ.

ސިލްކް ރޯޑުގެ ކަނޑުގެ ރޫޓުގެ އެންމެ މުހިއްމު އެއް މަންޒިލަކީ ރާއްޖެ ކަމަށް ވެއްޖެ ނަމަ، ރާއްޖޭގެ ދައުރަކަށް ވާނީ އެ މަގުން ދަތުރު ކުރާ އެތައް ހާސް އުޅަނދުފަހަރަކަށް ދޭން ޖެހޭ ޚިދުމަތްތައް ދެވޭ ވަރުގެ ބަނދަރުތަކެއްގެ ވަސީލަތް ފޯރު ކޮށްދިނުމެވެ. އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ އަގު ހުރި މުދާ، އެއިރުން ދަތުރު ކުރާނީ ދިވެހިރާއްޖޭގެ ބަނދަރުތައް މެދުވެރި ވެގެންނެވެ.

ރާއްޖެއަށް ހުރި ފައިދާތައް
މި ދެންނެވި ފަދަ ގޮތަކަށް، ސިލްކް ރޯޑުގެ މަންޒިލަކަށް ރާއްޖެ ހެދިއްޖެ ނަމަ، ރާއްޖޭގައި ވަރަށް ބޮޑެތި ކެޕިޓަލް އިންވެސްޓްމަންޓްތަކެއް ކުރުމުގެ ދޮރު ހުޅުވިގެން ދާނެއެވެ. ސިލްކް ރޯޑުގެ މަޝްރޫއަކީ ސީނުގެ މަޝްރޫއަކަށް ވާތީ، އެ މަޝްރޫއުގެ ދަށުން އެންމެ ޒަމާނީ ބަނދަރުތައް ބިނާ ކުރުމުގައި، ގައުމުތަކަށް ސީނުން ދަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އެހީ ދެމުންނެވެ. ބިލިއަން ޑޮލަރުގެ އަގުހުރި ޒަމާނީ ބަނދަރުތައް ބިނާ ކުރުމުގައި، އެހީތެރި ވަމުންނެވެ. މިސާލަކަށް، ސިލްކް ރޯޑުގެ އިރުމަތީ މަގުގެ މަޝްރޫއުގެ ދަށުން، ދާދި ފަހުން ސީނުން ވަނީ މެލޭޝިޔާގައި ވެސް ސިނާއީ ޕާކަކާ އެކު، އެންމެ ޒަމާނީ ބަނދަރެއް ބިނާ ކުރުމަށް ޓަކައި ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ. 2013 ވަނަ އަހަރުގެ ތެރޭގައި މެލޭޝިޔާގެ ކުއާންޓަންގައި ބިނާ ކުރެވުނު މި ޕާކު ބިނާ ކުރުމަށް ޓަކައި 3.4 ބިލިއަން ޔޫއެސް ޑޮލަރު ހޭދަ ކުރެވުނު އިރު، އޭގެ ބޮޑު ބަޔަކީ ސީނުގެ އެހީއެވެ. އެ ބަނދަރާ އެކު، ކުއާންޓަން ސިނާއީ ޕާކަށް އެންމެ ފުރަތަމަ ވެސް 10.5 ބިލިއަން ރިންގިޓުގެ އިންވެސްޓްމަންޓް އައިސް، އެ ޕާކުގައި އެކަނި 8500 ވަޒީފާ އުފެއްދިފައި ވެއެވެ. އަވަށްޓެރި ސިރީ ލަންކާގައި ސީނުގެ ސަރުކާރުން ހަދާ "ކޮލޮމްބޯ ޕޯރޓް ސިޓީ" އަށް އެކަނި ވެސް، ސީނުން ވަނީ 1.4 ބިލިއަން ޔޫއެސް ޑޮލަރުގެ އެހީ ދީފައެވެ.

ދިވެހިރާއްޖެއަކީ ކުޑަކުޑަ ގައުމެކެވެ. ހަގީގަތުގައި، ވަރަށް ފަގީރު ގައުމެކެވެ. ޒަމާނީ ބަނދަރުތައް ތަރައްގީ ކުރުން ފަދަ ކަންކަމުގައި އަމިއްލަޔަށް ޚަރަދު ކުރުމުގެ ގާބިލުކަން ގާތްގަނޑަކަށް ނެތް ގައުމެކެވެ. ވީމާ، ސީނުކަރަ ފަދަ، އިގުތިސާދީ ބާރަކުން މިފަދަ މަޝްރޫއުތަކުގައި އެހީތެރި ވެދީގެން ނޫން ގޮތަކަށް، ދިވެހީންނަށް އަމިއްލަޔަކަށް އެކަންތަކެއް ނުކުރެވޭނެއެވެ. އެހެންކަމުން، ސިލްކް ރޯޑުގެ މަޝްރޫއުގައި ބައިވެރި ވުމުން، ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ޒަމާނީ ފެންވަރުގެ ބަނދަރެއް ނުވަތަ ބަނދަރުތަކެއް ލިބުމެވެ. އަމިއްލަޔަށް ނޭޅޭނެ ފެންވަރުގެ ވިޔަފާރި ބަނދަރުތަކެއް ލިބުމެވެ.

މީގެ އިތުރުން ވެސް، މި ދަންނަވާ ފަދަ ވިޔަފާރި ބަނދަރުތަކެއް ރާއްޖޭގައި ބިނާ ކުރެވިއްޖެ ނަމަ، އެ ބަނދަރުތަކުގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އަގު ހުރި އިގުތިސާދީ އިންވެސްޓްމަންޓްތައް ކުރެވޭނެއެވެ. އެސެމްބްލް ކޮށްގެންނާއި، އުފައްދައިގެން ތަފާތު އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރޭ ފެކްޓަރީތައް ބިނާ ކުރުން ފަދަ މަޝްރޫއުތައް ވެސް، އެ ސަރަހައްދުތަކުގައި ހިންގުން ފަސޭހަ ވެގެން ދާނެއެވެ. އެ ބަނދަރުތަކުން ދަތުރު ކުރާ ބޯޓުފަހަރަށް ދެވޭ ޚިދުމަތްތަކާއި، އުފުލޭ މުދަލުން ނެގޭ ޓެކުހާއި، މިފަދަ އެހެނިހެން ގޮތްގޮތުން ނެރެވޭ އާމުދަނީގެ ސަބަބުން، ރާއްޖޭގެ ޖީޑީޕީ އެތައް ގުނައެއް ބޮޑު ވެގެން ދާނެއެވެ.

ހިރާސްތަކަކީ ކޮބައި؟
ވަރަށް ގިނަ ބަޔަކު ކުރާ ސުވާލަކީ، ސިލްކް ރޯޑުގެ މަޝްރޫއުގައި ބައިވެރި ވެ، އެ މަގުގެ ބަނދަރެއް ނުވަތަ ބަނދަރުތަކެއް ރާއްޖޭގައި ހަދާން ފުރުސަތު ދީފި ނަމަ، ސީނުގެ ފަރާތުން ރާއްޖޭގެ ސިޔާދަތާއި އިސްތިގުތާލަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ އަމިއްލަވަންތަކަމަށް އޭގެ އަސަރު ކޮށްފާނެ ބާވައޭ، މި ސުވާލެވެ.

މި މަހުގެ ހަތް ވަނަ ދުވަހު، ކަޒަޚްސްތާނުގެ ވެރިރަށް އާސްތާނާގެ، ނަޒަރްބާޔިވް ޔުނިވަރުސިޓީގައި ދެއްވި ތަގުރީރެއްގައި، ސީނުގެ ރައީސް ޝީ ޗިންޕިންގ ވިދާޅުވެފައި ވަނީ، ސިލްކް ރޯޑުގެ މަޝްރޫއަކީ ސީނުގެ ނުފޫޒާއި ބާރު އެހެން ގައުމުތަކުގެ މައްޗަށް ފޯރުވުމުގެ މަގުސަދުގައި ހިންގާ މަޝްރޫއެއް ނޫން ކަމުގައެވެ. އަދި ސީނުގެ މަގުސަދަކީ އޭޝިޔާގެ ގައުމުތަކުގެ އެކުވެރިކަމާއި އެއްބާރުލުން ވަރުގަދަ ކޮށް، އެގޮތުން ހުރިހާ ގައުމަކަށް ވެސް އިގުތިސާދީ ގޮތުން ފައިދާތައް ހޯދުން ކަމުގައެވެ.

މި ނުކުތާގެ މައްޗަށް ވާހަކަ ދެކެވޭ ހިނދު، ވަރަށް ގިނަ ބައެއްގެ ހަނދާނަށް އަންނާނީ އިންޑިޔާގެ ޖީއެމްއާރަށް، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ދީގެން ނުކުތް މައްސަލަތަކާއި، އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެއިރުގެ ސަރުކާރަށް ފާޑު ކީ ކިޔުމެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ޖީއެމްއާރަށް މާލޭގެ ވައިގެ ބަނދަރު ދިނުމުގެ ސިޔާސަތަކީ ގޯސް ސިޔާސަތަކަށް ވިޔަސް، ރާއްޖޭގެ ބައެއް ހިސާބުތަކުގައި، ސީނުގެ ސިލްކް ރޯޑުގެ ބަނދަރުތަކެއް ތަރައްގީ ކުރުމުގެ ފުރުސަތު ދިނުމަކީ ގޯސް ސިޔާސަތެއް ނޫނެވެ. މި ދެ ކަންތައް "ގިޔާސް" ނުކުރެވޭނެ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ސަބަބަކީ، މާލޭ ވައިގެ ބަނދަރުގެ މުހިއްމުކަމެވެ. މާލޭ ވައިގެ ބަނދަރަކީ ރާއްޖޭގެ މައި ދޮރޯށްޓެވެ.

އިސްތިރާޖީ ގޮތުން ބަލާ އިރު، ގައުމެއްގައި، އެހެން ބައެއްގެ އަތްމައްޗަށް، އަދި ޚުދު އެ ގައުމެއްގައި ވެސް ޕްރައިވެޓް ސެކްޓަރުގެ އަތްމައްޗަށް ދޫކޮށްނުލެވޭނޭ އެސެޓްތަކާއި ކަންކަން ހުންނާނެއެވެ. އޮޅުމެއް ނެތް ފަދައިން، ގައުމެއްގައި އޮންނަ ހަމައެކަނި ބައިނަލްއަގުވާމީ ވައިގެ ބަނދަރަކީ އެފަދަ ތަނެކެވެ. ދައުލަތުގެ ފުރިހަމަ ބާރާއި ބެލުމުގެ ދަށުގައި އޮންނާން ޖެހޭ، އެތެރޭގެ ވެސް އަދި ބޭރުގެ ވެސް އެހެން އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްލެވިގެން ނުވާނެ ތަނެކެވެ. ހަމައެހެންމެ، ޖީއެމްއާރަށް މާލޭ ވައިގެ ބަނދަރު ދިނުމުގައި ހެދުނު އެހެން ގޯހެއް ވެސް އެބައޮތެވެ. އެއީ، އެކަން ކުރުމުގައި ގާނޫނާއި ގަވާއިދުގެ ރޫހު މުގުރައިލެވި، އިގުތިސާދީ ގޮތުން ރާއްޖެއަށް ފައިދާއެއް ނުލިބި، އާޚިރުގައި ދައުލަތުން ޖީއެމްއާރަށް ފައިސާތަކެއް ދޭން ޖެހޭ ގޮތް ވެސް މެދުވެރި ވެދާނޭ ގޮތަށް، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން އެކުލަވައިލުމެވެ.

ވީމާ، ޖީއެމްއާރަށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ދިނުމުން ނުކުތް ފަދަ މައްސަލަތަކެއް، ސިލްކް ރޯޑުގެ ބަނދަރުތަކެއް ރާއްޖޭގައި ހެދުމުގެ ފުރުސަތު ސީނުކަރަޔަށް ދިނުމަކުން ނުކުންނާނެ ގޮތެއް ނުފެނެއެވެ. އެ ބަނދަރުތަކުގެ ބޭނުން ކޮށްގެން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަންނާން ސީނުން މަސައްކަތް ކޮށްފާނެޔޭ ބުނެ ދެކެވޭ ވާހަކަޔަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް "ނައީވް" ވާހަކައެކެވެ. ފިލިޕީންސާއި، ސިރީ ލަންކާ އާއި، މެލޭޝިޔާ އާއި، ޕާކިސްތާނު ފަދަ ގައުމުތަކުގައި ވެސް ސީނުން ގެންދަނީ ބިލިއަން ޑޮލަރުގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ. މިފަދަ މަޝްރޫއުތަކާ އެކު، އެ ގައުމުތަކާ ސީނާ ގުޅި، އިގުތިސާދީ ބޮޑު ވިޔުގައެއް ބިނާ ވެގެން ދާ އިރު، އޭގެ ފައިދާ ނުހޯދައި، ދުރުގައި ބަލަހައްޓައިގެން، ސީނުގެ ސިފައިން މިތަނަށް އަތްގަދަ ކޮށްފާނެކަމުގެ ބިރަށް ތިބުމަކީ، ރަންނަމާރި އަރައިފާނެތީ ބޮޑުއެނދު ތަންދޮށުގައި އޮތުން ފަދަ ކަމެއް ކަމަށް މެނުވީ އަޅުގަނޑަކަށް ސިފައެއް ނުކުރެވެއެވެ.

ފަގީރު، ވަސީލަތްތައް މަދު، ނުވަތަ އިގުތިސާދީ ގޮތުން މައްސަލަތައް ކުރިމަތި ވެފައި ވާ ގައުމެއް ކުރިއަރާނީ، އިގުތިސާދީ ބޮޑެތި ބާރުތަކުގެ އެހީތެރިކަމާ އެކުގައެވެ. އިގުތިސާދީ މައިދާނުގައި އެފަދަ ބާރުތަކާ ގުޅިގެން މަސައްކަތް ކޮށްގެންނެވެ. މިސާލަކަށް ދެވަނަ ބޮޑު ހަނގުރާމަޔަށް ފަހު ޖަރުމަނާއި، ޖަޕާނާއި، އަދި ފަހުން ކޮރެޔާ އާއި ޓައިވާން ފަދަ ގައުމުތައް ކުރި އަރައިގެން ދިޔަ ގޮތް ބަލަމާތޯއެވެ. މިއަދުގެ ދުނިޔޭގައި އިގުތިސާދީ ބޮޑެތި ބާރުތަކުގެ ލިސްޓަށް ބަލައިލުމުން، ދީނީ ގޮތުންނާއި ސަގާފީ ގޮތުންނާއި އަސްކަރީ ގޮތުން، ރާއްޖެއަށް ނުފޫޒު ފޯރުވާން އުޅުމުގެ އިހުތިމާލު އެންމެ ކުޑަ ބޮޑުބާރަކީ ސީނު ކަމަށް ދަންނަވާން ޖެހެއެވެ. "ސިލްކް ރޯޑް" މަޝްރޫއުގެ މަގުސަދަކީ ގައުމުތައް އިސްތިއުމާރު ކުރުން ކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް މިހާތަނަށް ފެންނާކަށް ނެތެވެ. ފެންނާން ހުރި ކަންކަމުން އެނގޭ އެއްޗަކީ، މި މަޝްރޫއުގެ ބޭނުމަކީ ދުނިޔޭގެ އިގްތިސާދީ މައި ސޯބަކަށް ސީނުކަރަ ހެދުން ކަމެވެ. އެކަން އެހެން ވުމަކީ ރާއްޖެއަށް އޮތް ގެއްލުމެއް ނޫނެވެ. ސީނާއި ދިވެހިރާއްޖޭގެ ގުޅުން ފަތުރުވެރިކަމުގެ ދާއިރާގައި ބަދަހި ވަމުން އަންނަ އިރު، އެއީ ރާއްޖެއަށް ވެސް އިތުރު ފައިދާ ކުރާނެ ކަމެކެވެ.

ދެން އޮތީ، ސީނާ އެކު ގުޅުން ބަދަހި ކުރުމުން، އަޅުގަނޑުމެންގެ ޒަމާން ވީ އެކުވެރިޔާ އިންޑިޔާ ނުރުހުން ވެދާނެ ކަމުގެ އިހުތިމާލެވެ. މިއީ ވެސް ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅެގެން، އެޑްރެސް ކުރެވިދާނެ މައްސަލައެކެވެ. އިންޑިޔާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ރަޙުމަތްތެރިޔާއެވެ. ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެފައި ވާ ގައުމެކެވެ. ކުރިޔަށް އޮތް ތަނުގައި އެ ގުޅުން އިތުރަށް ވަރުގަދަ ކުރާން ޖެހެއެވެ. ނަމަވެސް އޭގެ މާނައަކީ، ދިވެހިރާއްޖެއަށް އިގުތިސާދީ ގޮތުން ފައިދާ ކުރަނިވި އެހެން ގުޅުންތައް ނެތުމެއް ނޫނެވެ. ދިވެހިރާއްޖޭގެ އިގުތިސާދު ތަރައްގީ ކުރުމުގައި ސީނުކަރަޔާއި، މެލޭޝިޔާ އާއި ސިންގަޕޫރާއި ޢަރަބި ގައުމުތަކާއި އެފްރިކާގެ ގައުމުތަކާ ގުޅުން ބަދަހި ކުރާން ޖެހެއެވެ. އެގޮތުން ދިވެހިރާއްޖެއަށް އަންނަ އިގުތިސާދީ ކުރިއެރުމުގެ ފައިދާ ޚުދު އިންޑިޔާއަށް ވެސް ކުރާނެއެވެ. ދިވެހިރާއްޖެ ތަރައްގީ ވުމުގެ ފައިދާ އިންޑިޔާއަށް ވެސް އޮންނާނެއެވެ. ވީމާ، ދިވެހިރާއްޖެ، ސީނުގެ ސިލްކް ރޯޑުގެ މަޝްރޫއުގައި ބައިވެރި ވުމުގެ ސަބަބުން އިންޑިޔާ ކަންބޮޑު ވުމުގެ ބޭނުމެއް ނެތެވެ. އޭގެ ސަބަބުން، އިންޑިޔާ އާއި ދިވެހިރާއްޖޭގެ ސިޔާސީ، ސަގާފީ، އަދި އިގުތިސާދީ ގުޅުންތައް ހީނަރު ވާކަށް ނުޖެހެއެވެ.

ޚުދު އިންޑިޔާ ވެސް ގެންދަނީ ސީނުކަރަޔާ އެކު އިގުތިސާދީ ގުޅުންތައް ބަދަހި ކުރަމުންނެވެ. ސިލްކް ރޯޑުގެ މަޝްރޫއުގައި ބައިވެރި ވާން ވެސް ސީނުގެ ސަރުކާރުން ވަނީ އިންޑިޔާއަށް ދައުވަތު ދީފައެވެ. ދެ ގައުމުގެ ދެމެދުގައި، ސަރަހައްދީ ރޮނގުގެ މައްސަލަޔާ މެދު މަޝްވަރާ ކުރުމަށް ޓަކައި ބޭއްވޭ ވާހަކަދެއްކުންތަކުގެ 17 ވަނަ ބުރުގައެވެ. ނިއުދިއްލީގައި ބޭއްވުނު އެ ބައްދަލުވުމުގައި، ސީނުގެ ޚާއްސަ މަންދޫބު ޔޭންގް ޗިއެޝީ ވަނީ، ރަސްމީކޮށް، އިންޑިޔާއަށް ސިލްކް ރޯޑުގެ މަޝްރޫއަށް ދައުވަތު ދީފައެވެ. ބެލެވޭ ގޮތުގައި، އިންޑިޔާ އެ ދައުވަތު ގަބޫލު ވެސް ކުރާނެއެވެ. 18 ސެޕްޓެންބަރުގައި، ރާއްޖެއާއި ލަންކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރައީސް ޝީ ޗިންޕިންގ އިންޑިޔާއަށް ވަޑައިގެން ވެސް، މި މަޝްރޫއާ ބެހޭގޮތުން ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ. ރައީސް ޝީ އާއި ބޮޑުވަޒީރު މޯދީ ވަނީ، ސީނުގެ 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިންޑިޔާގައި ކުރުމާ ބެހޭ އެކިއެކި އެއްބަސްވުންތަކުގައި ސޮއި ކުރައްވައިފައެވެ.

ކަންތައް މިހެން އޮތުމާ އެކު، ސިލްކް ރޯޑުގެ މަޝްރޫއުގައި ފުރިހަމަޔަށް ބައިވެރި ވުމަކީ ދިވެހިރާއްޖެއަށް ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން، ކަންބޮޑުވާން ޖެހޭ ވަރުގެ އެއްވެސް ހިރާހެއް އޮތް ކަމެއް ކަމަކަށް ނުފެނެއެވެ.

ސިޔާސީ ނުބައި ކުޅި
ރާއްޖޭގެ ތަރައްގީއަށް އެޅިފައި ވާ އެންމެ ބޮޑު އެއް ހުރަހަކީ، ވެރިކަމުގައި ތިބޭ ބަޔަކު ގައުމަށް ފައިދާ ހުރި ކަންކަން ކުރާން މަސައްކަތް ކުރުމުން، އިދިކޮޅު މީހުން ހަސަދަވެރިކަމާ އެކު އެކަމަށް އިދިކޮޅު ހެދުމުގެ މައްސަލައެވެ. ތިމާމެންގެ ސިޔާސީ ވާދަވެރީންގެ ސަރުކާރެއްގައި ރައްޔިތުންނަށް ފައިދާއެއް ވާކަށް ވެސް، ދިވެހި ގިނަ ސިޔާސީ ލީޑަރުން ބޭނުމެއް ނުވެއެވެ. އެހެންކަމުން، އެއިރަކު އޮންނަ ސަރުކާރަކުން ކިތަންމެ ރަނގަޅު މަޝްރޫއެއް ހިންގާން އުޅުނަސް، އެކަން ފޭލި ކޮށްލާން، އެއީ ގޯހެއްކަން ދައްކާން ދިވެހި ސިޔާސީ ލީޑަރުން މަސައްކަތް ކުރާ ތަން ފެނުމަކީ އާއްމު ކަމެކެވެ. ހުރިހާ ޕާޓީތަކުން ވެސް ފެންނަ ކަމެކެވެ.

ޕާޓީތަކުން މި "ނުބައި ކުޅި" ކުޅުން ހުއްޓައިލާނެ ކަމަކަށް ވެސް ނުފެނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އޮތް ގޮތަކީ، މިފަދަ ކަންކަމަށް ރައްޔިތުން ހެއިލުންތެރި ވުމެވެ. މުޅި ގައުމު ސިޔާސީ ކުރާން، ކުރެވޭ ކޮންމެ ކަމެއް ސިޔާސީ ކުރާން، އަދި ގައުމީ ތަރައްގީގެ ޕްލޭންތަކަށް ބިނާކުރަނިވި ގޮތެއްގައި ކިޔޭ ފާޑުގެ ބޭރުން، ފިތުނަފަސާދަ އުފައްދައި، ހަސަދަ ފިލުވާން ބައެއް މީހުން ދައްކާ ވާހަކަތަކާ މެދު ސަމާލު ވުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް