ރަފްހާއާއި އަނާން 100ޕްލަސް އެސްޑީޕީ ފެތުމުގެ މުބާރާތް ކާމިޔާބުކޮށްފި

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ހަވަނަ 100ޕްލަސް އެސްޑީޕީ ފެތުމުގެ މުބާރާތުގެ ސްކޮޑް ލެވެލްގެ ފިރިހެން ކުދިންގެ ބައިން އިބްރާހީމް އަނާން އަދި އަންހެން ކުދިންގެ ބައިން އައިޝަތު ރަފްހާ އެއްވަނަ ހޯދައިފި އެވެ.

ސްވިމިން ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހަތަރު ލެވެލަކަށް ބަހާލައިގެން އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ މި މުބާރާތުގައި 51 ފެތުންތެރީން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 22 ފެތުންތެރީންނާއި ފިރިހެން 29 ފެތުންތެރީންނެވެ.

މާލޭ ސްވިމިންގް ޓްރެކް ސަރަހައްދުގައި މިއަދު ހަވީރު ނިމިގެންދިޔަ މުބާރާތުން ވަނަވަނަ ހޯދި ފެތުންތެރީންނަށް އިނާމާއި މެޑެލް ހަވާލުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒާއި، ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރައްޒާގު އިބްރާހީމާއި، މާކެޓިއާޒްގެ ސޭލްސް މެނޭޖަރު ޒަފަރުﷲ ފަހުމީ އެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށް ބަލާއިރު އެޑްވާންސް ލެވެލްގެ އެންމެ މޮޅު އަންހެން ފެތުން ތެރިއަކަށް ހޮވުނީ ފާތިމަތު ޒުހާ ޒިޔާދު އެވެ. އަދި އެބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނީ އަޙްމަދު އަމަން ރަޝީދު އެވެ. މުބާރާތުގެ އިންޓަމީޑީއޭޓް ބައިގެ އަންހެން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވުނީ، ހަނީން އަބްދުއްރަޙީމް އަޙްމަދު އެވެ. އަދި އެބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނީ އާދަމް އަޔާން ހަސަން ނާހިދު އެވެ.

ބޭސިކް ލެވެލްގެ އެންމެ މޮޅު ފެތުންތެރިއަކަށް އަޝްނާ ނަސީމް ހޮވުނުއިރު އެބައިގެ އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނީ މުޙައްމަދު ލަޔާން ޝުނައިޒެވެ.

ހަވަނަ 100ޕްލަސް އެސްޑީޕީ ފެތުމުގެ މުބާރާތުގައި ޖުމުލަ 40 އިވެންޓު ކުރިއަށް ގެންގޮސްފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު