ދިވެހި ނަންކިޔާ, ޔޫކޭ ޕްރޮޑަކްޓެއް!

މިޔަރުގެ ބާވަތަކަށް ދިވެހިން ކިޔާ ނަން "މޭލި މިޔަރު"ގެ ނަމުން ނަންދީގެން އިނގިރޭސިވިލާތުގެ ޑިޒައިނަރަކު އުފެއްދުންތަކެއް ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.

ވަށްބިންފަރު ރިސޯޓްގައި ހުރެ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޔޫކޭގެ ޑިޒައިނަރެއް ކަމަށްވާ ކޭޓް ސުކޮޓް އިއްޔެ ވިދާޅުވީ މޫދަށް އެރުމަށާއި މޫދު ދޮށުގައި ހަރަކާތްތެރިވާ އެކި ވައްތަރުގެ ހެދުންތަކަށް ދިވެހި ނަމެއްގައި ޕްރޮޑަކްޓަތަކެއް ބާޒާރަށް ނެރެ ވިއްކަން ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެ ޕްރޮޑަކްޓަށް ދިވެހި ނަމެއް ކިޔުމުގެ އިތުރުން އެ ހެދުންތަކުގައި ޕްރިންޓްކޮށްފައި ހުންނާނީ މުޅިން ވެސް ރާއްޖެ އިން ފެންނަ ބާވަތްތަކުގެ މަސްމަހާމެހީގެ ފޮޓޯތަަކުގެ ޑިޒައިން ކަމަށް ކޭޓް ވިދާޅުވި އެވެ.

"މިއީ ރާއްޖެ ޕްރޮމޯޓް ކުރުމަށް ވެސް ކުރެވޭކަމެއް، މި ޕްރޮޑަކްޓަތަކުގައި ބޭނުންކުރެވޭ ޕްރިންޓްތަކަކީ ރާއްޖެ އިން ފެންނަ ތަކެތި" ކޭޓް ވިދާޅުވި އެވެ.

ދިވެހި ނަމެއްގައި އިންޓަނޭޝަނަލްކޮށް ކުރަމުންދާ އެ ވިޔަފާރިއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ކޭޓް ވިދާޅުވި އެވެ. އަދި ދިވެހި ނަމުން ނަންދޭ އެ ޕްރޮޑަކްޓްތަކަށް ތަފާތު ތަކެތި އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ކޭޓް ވިދާޅުވި އެވެ.

ކޭޓް ވިދާޅުވި ގޮތުގައި އޭނާ އަށް ދިވެހި ނަމުގައި ދިވެހިންނާ ގުޅޭ ބްރޭންޑެއް ބާޒާރަށް ނެރުމުގެ ވިސްނުން އައީ ރާއްޖެ އައިސް އުޅުމުގެ ތެރެއިން ޑައިވްކޮށް އުޅުމުގެ ތެރެއިން ކަމަށެވެ. އެގޮތުން އޭނާ އަށް ފެނުނު މަންޒަރުތައް ޑިޒައިން ކުރުމުގެ ތެރެއިން އަމިއްލަ އުފެއްދުމެއް ބާޒާރަށް ނެރުމުގެ ވިސްނުން އައީ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު