އިހަވަންދޫ އާބާދީގެ ބޮޑު ބަޔަކަށް ވިހައިގެ ނުރައްކާ!

އިހަވަންދޫން: މުހައްމަދު ނަސީމު
އިހަވަންދޫ އަކީ ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން އިޤުތިޞާދީ ގޮތުން އެންމެ ކާމިޔާބު އެއް ރަށެވެ. ރަށުތެރޭގައި ކުރާނެ ގިނަ މަސައްކަތްތަކެއް އޮތް ރަށެކެވެ. ރަށުން ބޭރަށް ހިޖުރަކުރާ މަދީ އެހެންވެ އެވެ. އާއިލާތައް އެކުގައި އެހެން ތަންތަނަށް ބަދަލުވެ، މުޅިން ފަޅުވެފައިވާ ގެތައް އެރަށުގައި މަދެވެ. އެހެންވީމާ އެއީ އަތޮޅުތަކުގެ ގިނަ ރަށްތަކާ ހިލާފަށް ދިރުން ހުރި ރަށެކެވެ.
އިހަވަންދޫގައި ބަނދެފައިވާ ފައިބަރު ދޯންޏެއް-- ސަން ފޮޓޯ: މުހައްމަދު ނަސީމު

އިހަވަންދޫ ރައްޔިތުންގެ މައިގަނޑު އެއް މަސައްކަތަކީ މަސްވެރިކަމެވެ. ނަމަވެސް ވަރަށް އަގުހުރި އެހެން މަސައްކަތަކަށް ގިނަ ބަޔަކު މިހާރު ވަނީ އެނބުރިފަ އެވެ. ފައިބަރުން ދޯނި ބަނުމަކީ މިހާރު ބައެއް މީހުން ބޮޑު އާމްދަނީ އެއް ހޯދަމުން އަންނަ އެއް މަސައްކަތެވެ.

ފައިބަރު ދޯނި ބަންނަން ސަރަހައްދަށްދާ އިހަވަންދޫގެ ކޮންމެ މީހަކު ވެސް ފަޚުރުވެރި ވާނީ އެތަނުގައި ބަނދެފައި ހުރި ދޯނި ފަހަރުގެ ނަލަކަމާއި ކޮށްފައިވާ މަސައްކަތުގެ މޮޅު ކަމުންނެވެ. އެސަރަހައްދު ދައްކައިލުމަށް ދިޔަ އިހަވަންދޫ ޑޮޓްކޮމްގެ ނޫސްވެރިޔާ އަކުރަމް ވެސް އެކަން ފާހަގަ ކުރީ އިހަވަންދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ފަހުރުވެރިކަމާ އެކުގަ އެވެ.

"... މީ މިހާރު ގިނަ ބަޔަކު ކުރާ އެންމެ އަގުހުރި މަސައްކަތަކީ. ފައިބަރު ދޯނި ބަނދެގެން ވިއްކުން. މިކަމުން ގިނަ ބަޔަކަށް އާމްދަނީ ލިބޭ،" ފައިބަރު ދޯނިތަކަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ވަރަށް ކަންބޮޑުވާ ކަމެއް އެސިނާއަތުގެ ސަބަބުން އަންނަނީ ހިނގަމުންނެވެ.
އިހަވަންދޫގައި ފައިބަރު ދޯނި ބަންނަން ބޭނުންކުރާ ހަރުގެ---ސަން ފޮޓޯ: މުހައްމަދު ނަސީމު

"... މިތަނުން އުފެދޭ ނުރައްކާތެރި ކުނި، އެއީ ފައިބަރުން ދޯނި ބަނުމަށް ބޭނުންކުރާ ތަކެތި ބައެއް މީހުން އަންދަނީ މިތަނުގައި. ދެން އާއްމު ކުނި ގޮނޑަށް ވެސް އެތަކެތި އަޅާ. އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ބުންޏެވެ.

އަކުރަމް އެވާހަކަ އެހެން ދައްކަމުން ދިޔައިރު ވެސް އޮޑިހަރުގެ ތަކާ މާ ދުރުނޫން ހިސާބެއްގައި ހުރި ކުނި ކޮށިން ދިޔައީ ދުން އަރަމުންނެވެ. ފައިބަރާއި ޕްލާސްޓިކްގެ ވަހުން އެއް ވަސްވެފައިވާ ދުންތަކުގެ ތެރެއިން ލާފައި ދިޔަ އިރު ނޭފަތަށް ވަރަށް ބުރަ ވަހެއް ދުވަމުން ދިޔަ އެވެ. ބޮލަށް އުނދަގޫވާ ގޮތެއް ދުމުގެ ސަބަބުން ވި އެވެ.
ކުޑަ ތަންކޮޅެއް އެއްގަމަށް އަރައިލީމާ އެނގުނީ އިހަވަންދޫ ކުނި ކޮށީގައި ކުނި އެންދުމުން އަރާ ދުން ގަނޑު ފެތުރެމުން ދަނީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ގެތަކެއްގެ ތެރެއަށް ކަމެވެ. އެތަނުގައި އަންދަމުން ދިޔަ ބާވަތްތައް އޭގެ ކުޑަ އިރުކޮޅެއް ކުރިން ކުނި ކޮށްޓަށް ޒިޔާރަތްކޮށްލުމުން އޮތީ ފެނިފަ އެވެ. ކުނި މެނޭޖް ކުރުމުގެ ގަވައިދާ އެއްގޮތަށް ވަކިކޮށްފައި ހުރީ ހަމަ އެކަނި ދަނގަޑުން ހަދާފައިވާ ދަޅު ފަދަ ބާވަތްތަކެވެ.

"... އަލިފާނުން އަނދައި ހުލި ނުވާ ކަހަލަ ބާވަތްތައް އެކަނި، އެހެން ހުރިހާ އެއްޗެއް ވެސް އަޅަނީ އެއްތަނަކަށް. އަންދަނީ ވެސް އެއްކޮށް،" އަކުރަމް ބުންޏެވެ.

އަނދަމުން ދިޔަ ކުނި ފުނީގެ ތެރެއަށް ބަލައި ލުމުން އޭނާ ބުނި ބަހުގެ ހެކި ފެންނަން ހުއްޓެވެ. އެގޮތުން ގިނަ އަދަދެއްގެ ޕްލާސްޓިކާއި ނައިލޯނު ގޯނި ކަހަލަ ބާވަތްތައް ފެނުނެވެ.

ޢަބުދުﷲ ހަމީދު ،33، އަކީ ކުނި ކޮއްޓާއި ދާދި ކައިރީގައި ހުންނަ ގެއެއްގައި އާއިލާއާ އެކު ދިރިއުޅޭ މީހެކެވެ. އޭނާ ބުނީ ފައިބަރާއި އެނޫން ވެސް ނުރައްކާތެރި ބާވަތްތައް އެންދުމުން އަރާ ދުން ގަނޑު ވަކި ދިމާއަކުން ވައި ޖެހެންޏާ ސީދާ ގޭގެ ތެރެއަށް ވެސް ފޯރާ ކަމަށެވެ.

"... މިހާރު ވައިޖެހެމުން އެދާ މިސްރާބުން ވައި ޖެހެންޏާ ދެން އަޅުގަނޑުމެންގެ ގެއަށް ހަމަ ދުން ވަންނާނެ. ދެން އެކަމުގެ ސަބަބުން ސިއްހީ ގޮތުން ވަރަށް ގިނަ މައްސަލަތައް އެބަ ދިމާވޭ،" ހަމީދު ބުންޏެވެ.
އިހަވަންދޫގެ ކުނިގޮނޑު--ސަން ފޮޓޯ: މުހައްމަދު ނަސީމު

އޭނާ ބުނީ އޭނާގެ ދެކުދިންގެ ތެރެއިން ކޮންމެވެސް އެއް ކުއްޖަކު، ނުވަތަ އަންހެނުން އަބަދުވެސް ކޮންމެވެސް އުނދަގުލެއްގައި އުޅޭ ކަމަށެވެ. ދެން އެފަދަ ކަންތައްތައް ވުމުން ހޯދޭނެމާ ރަނގަޅު ފަރުވާއެއް ނެތުމަކީ ވެސް ހަމީދުގެ ކަންބޮޑުވުމެކެވެ.

ހަމީދު ބުނީ ފައިބަރު ދޯނި ބަންނަ މީހުން އެމަސައްކަތުން އުފެދޭ ކުނި ގޮނޑަށް އެޅުމުގެ ބަދަލުގައި ބައެއް ފަހަރު މަސައްކަތް ކުރާ ތަނުގައި ވެސް އަންދާ ކަމަށެވެ. އޭނާ ވަނީ ގޮނޑުގެ އިތުރުން ފައިބަރު މަސައްކަތް ކުރާ ސަރަހައްދުތަކުގައި އާއްމުންނަށް ގެއްލުން ލިބޭ ގޮތަށް ކުނި އަންދާތީ އެކަން ހުއްޓުވައިދިނުން އެދި ފުލުހުންނަށް ވެސް އެމައްސަލަ ހުށަހަޅާފަ އެވެ.

އިހަވަންދޫގައި ކުނި އަންދާ ގޮތާ މެދު އެންމެ ބޮޑަށް ކަންބޮޑުވާ މީހުންގެ ތެރޭގައި އުމުރުން 24 އަހަރުގެ އަހުމަދު ރިޟުވާނު ހިމެނެ އެވެ. ކުނީގެ މައްސަލަ ހައްލުކޮށްދިނުން އެދި ރަށު ކައުންސިލަށާއި އެންވަޔަރްމެންޓް މިނިސްޓްރީ އަށް ވެސް ހުށަހެޅުމަށް ޕެޓިޝަނެއް ހެދުމުގެ މަސައްކަތް އޭނާ ފެށީ އެހެންވެ އެވެ.

"... އަޅުގަނޑު މިހާރު މިއަންނަނީ ޕެޓިޝަނެއްގެ މަސައްކަތް ކުރަމުން. ފަސްސަތޭކަ މީހުންގެ ސޮޔާ އެކު ހުށަހަޅަން މި މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ.

ރިޟުވާނު ބުނީ އާބާދީއާ ވަރަށް ކައިރީގައިވާ ކުނި ކޮށީގައި ބާވަތްތައް ވަކިނުކޮށް، ނުރައްކާތެރި ކުނި އަންދާތީ ނުސާފު ވަނީ ހަމަ އެކަނި ވައި ނޫން ކަމަށެވެ. ވައިގެ އިތުރުން ފެންވެސް ތަޣައްޔަރުވާ ކަމަށް އޭނާ ބުންޏެވެ.

"... އެބާވަތްތައް އެންދީމާ އަރަނީ ކަޅު ދުން. ގޭގޭގެ ތާންގީތަކުގައި ރައްކާކޮށްފައި ހުންނަ ބޯފެން ވެސް ހުންނަނީ ކަޅުވެފައި. ކިތަންމެ ގެއަކުން ފެންތާންގީ އުކާލައި އަލުން ފެން ނަގަން ޖެހޭ. ކިހާ ބޮޑު ގެއްލުމެއްތޯ މިއީ،" ރިޟުވާނު ބުންޏެވެ.
އިހަންވަދޫގެ ކުނިގޮނޑު-- ސަން ފޮޓޯ: އަހުމަދު ނަސީމު

ރިޟުވާނު ބުނީ ކުނީގެ ނުރައްކާ އޮތީ ހަމަ އެކަނި ކުނި އަންދާ އުސޫލުގެ ސަބަބުން ނޫން ކަމަށެވެ. ގޮނޑު ހަދާފައި އޮތް ދިމާލުގެ ގޮނޑުދޮށަށް ވެސް މީހުން ކުނި އަޅާތީ، ތިމާވެށީގެ ގޮތުންނާއި ސިއްހީ ގޮތުން ވެސް މީހުންނަށް ގެއްލުން ވަމުންދާ ކަމަށެވެ.

" ހުކުރު ދުވަހު އާއްމުކޮށް މޫދަށް ދާ ކުދިންނަށް ވަރަށް ގިނައިން އެބަ އަނިޔާވޭ، ކޮންމެވެސް ތޫނު އެއްޗެއް ފަޔަށް ހެރިގެން. މޫދަށް އެރުމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލޮނު ބޮވޭ އެންމެންނަށް ވެސް. ދެން އެ ދިމާއިން މޫދަށް އެރި އުޅެނިކޮށް ލޮނު ބޮވިއްޖެއްޔާ، އެބަ ކުރިމަތިވޭ، އެކި ކަހަލަ ސިއްހީ މައްސަލަތައް. ގޮތް ނޭނގޭ ގޮތަކަށް ބޮލުގައި ރިއްސާ ހޮޑު ލެވިދާނެ، އެހެންނޫނީ އެހެން ކަމެއް ވެދާނެ. މޫދަށް އެރޭ މީހުންނަށާއި ކުދިންނަށް އާއްމުމޮށް، އެކަހަލަ މައްސަލަތައް އެބަ ދިމާވޭ،" އޭނާ ބުންޏެވެ.
އިހަވަންދޫ ކުނިގޮނޑުން ގޮނޑުދޮށަށް ކުނި ބޭރުވެފައި--- ސަން ފޮޓޯ: މުހައްމަދު ނަސީމު

ރިޞުނާއި އަކުރަމާއި ހަމީދު ފަދަ އިހަވަންދޫގެ އެކި އެކި ރައްޔިތުން ދެއްކި ވާހަކަ އެރަށުގެ މާހައުލުން އޮތީ ސާފުކޮށް ފެންނާށެވެ. ނުރައްކާތެރި ކުންޏާއި އެނޫން ކުނި ވަކި ނުކޮށް އަންދާ މަންޒަރު ވަނީ ފެނިފަ އެވެ. ގޮނޑުދޮށާއި މޫދުގައި އޮތް ކުނިތައް ވެސް ފެނުނެވެ.

ރަށު ކައުންސިލުން ބުނީ އިހަވަންދޫގެ ކުނި މެނޭޖް ކުރަނީ ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ. ނަމަވެސް ނުރައްކާތެރި ކުނި ވަކި ނުކުރެވެނީ ރަށު މީހުން އެގޮތަށް ވަކި ނުކޮށް އަޅާތީ ކަމަށެވެ.

"... ފެނަކައިން ކަލެކްޓްކުރާ ކުންޏެއް ނޫން އެގޮތަށް ވަކި ނުކޮށް ހުންނަނީ. އެއީ މީސް މީހުން އަމިއްލަ އަށް އަޅާ ކުނި ކަމަށް އަޅުގަނޑުމެންނަށް އެނގިފައި ވަނީ،" އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިހަވަންދޫގައި ކުނި ނާންދާ ވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

".. އިހަވަންދުއަކު ނެތް އާބާދީއާ ދުރުގައި ކުނި އަންދާނެ ތަނެއް މިހާރަކު. ދެން ކުނި ނާންދާ ވާނެ ގޮތެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނީ،" އޭނާ ވިދާޅުވި އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިހަވަންދޫގެ ކުނީގެ މައްސަލައަށް އެހެން ގޮތެއް އަވަހަށް ހޯދަން ޖެހެ އެވެ. ވިހަ ދުމުގެ ސަބަބުން އާބާދީ ވިހަވުމުގެ ކުރިން ނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް