ފްލެޓަށް އެދި 5600 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވޭ: ޑރ. މުއިއްޒު

ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރަން ނިންމާފައިވާ ފްލެޓްތަކަށް މިހާތަނަށް 5600 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުއިޒު ވިދާޅުވީ، ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ތައާރަފްކުރި މަޝްރޫއަށް މިދިޔަ މެއި މަހުން ފެށިގެން މިހާތަނަށް، ތިން ކެޓަގަރީން ޖުމްލަ 5656 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާއި މާލޭގައި ރަށްވެހިވެފައިވާ މީހުން ހިމެނޭ ކެޓަގަރީ އެކަކަށް 3138 މީހުން ފޯމް ހުށަހަޅާފައިވާއިރު، މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ، އަތޮޅުތަކުގެ މީހުން ހިމެނޭ ކެޓަގަރީ ދޭކަށް ފޯމް ހުށަހަޅާފައިވަނީ 2516 މީހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާލޭގެ ރަށްވެހިންގެ ތެރެއިން ބިމެއް އޮވެ، އެހެންނަމަވެސް ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު އެއްކޮށް ސަރުކާރަށް ދޭން އެއްބަސްވާ މީހުން ހިމެނޭ ކެޓަގަރީ ތިނަކަށް ހުށަހަޅާފައިވަނީ އެންމެ ދެ މީހުންނެވެ.

ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފުރަތަމަ ކެޓަގަރީއަށް ދޭން ނިންމާފައިވަނީ 440 ފްލެޓެވެ. އަދި ކެޓަގަރީ ދޭކުންނާއި ތިނަކުން ދޫކުރަން ނިންމާފައިވަނީ 330 ފްލެޓެވެ.

ނަމަވެސް ކެޓަގަރީ ތިނަކަށް ފޯމް ހުށަހަޅާފައިވާ މީހުންގެ އަދަދު މަދުވެއްޖެނަމަ، އެ އަދަދު ދެންހުރި ދެ ކެޓަގަރީއަށް ބަހާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ 1100 ފްލެޓްތަކުގެ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިޒު ވިދާޅުވީ، ބައެއް ފެލްޓްތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ބާކީ ފްލެޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

"އިންޑިއާގެ އެގްޒިމް ބޭންކް ލޯން އެހީގެ ފަރާތުން ހުޅުމާލޭގައި އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ. ޗައިނާ އެގްޒިމް ބޭންކް ލޯން ވަރަށް އަވަހަށް ފެށޭނެ ކަމަށް ކޮންޓްރެކްޓަރުން މައުލޫމާތުދޭ. އަންނަ މަސް ނިމުމުގެ ކުރިން މަސައްކަތް ފެށޭނެ. އަދި އަންނަ އަހަރުގެ ނިމޭކޮޅު ނުވަތަ 2016 ވަނަ އަހަރުގެ ކުރީކޮޅު ފްލެޓްތައް ނިމި، އެތަންތަނަށް ވަދެވޭ ވަރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ 1100 ފްލެޓްތަކުގެ ތެރެއިން ތެރެއިން 715 ފްލެޓް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން ދީފައިވާ ލުއި ލޯނުގެ ދަށުންނެވެ. އަދި ދެން އަޅަން ހަމަޖެހިފައިވާ 385 ފެލްޓް އެޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ދީފައިވާ ލުއި ލޯނެއްގެ ދަށުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު