އަމާނާ ތަކާފުލް އިން "މޯޓާ ތަކާފުލް"ގެ އައު ހިދުމަތަކާ އެކު ޕްރޮމޯޝަނެއް ފަށައިފި

އަމާނާ ތަކާފުލް އިން ދެމުން އަންނަ "މޯޓާ ތަކާފުލް" އިންޝުއަރެންސަށް ހާއްސަކޮށް އެ ކުންފުނިން އައު ހިދުމަތެއް ތައާރަފުކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަމާނާ ތަކާފުލް އިން މިއަދު ތައާރަފްކޮށްފައިވާ އައު ޚިދުމަތަކީ ކުޑަ އަގެއްގައި ޕާސަނަލް އެކްސިޑެންޓް ކަވާއެއް ދިނުމަށް ތައާރަފްކޮށްފައިވާ "ދަހަނާ ސޭފް ޑްރައިވް" ނަމަކަށް ކިޔާ ޚިދުމަތެކެވެ. އަދި މޯޓާ ތަކާފުލް އަށް ހާއްސަކޮށް ފަށާފައިވާ ޕްރޮމޯޝަނަކީ ވަކި މުއްދަތެއްގެ ތެރޭގައި ތާޑް ޕާޓީ އިންޝުއަރެންސް ނަގާ ފަރާތްތަކަށް 13 މަހުގެ ކަވާއެއް ދޭގޮތަށް ފަށާފައިވާ ޕްރޮމޯޝަނެކެވެ.

މޯޓާ ތަކާފުލް އަށް ހާއްސަކޮށް ތައާރަފުކުރި އެ ޚިދުމަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އަމާނަތަކަފުލްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ އެހެނިހެން އިންޝުއަރެންސް ކަވާތަކާ ހިލާފަށް އެ ކަވާގެ ދަށުން ކަވަ ނަގާފައިވާ ފަރާތް ހާދިސާ ހިނގާ އިރު މަގުމަތީގައި ނުވަތަ ގޭގައި ނުވަތަ އޮފީހުގައި ނުވަތަ ރެސްޓޯރެންޓެއްގައި ހުރި ނަމަވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ލިބިދެވޭނެ ކަމަށެވެ.

މޯޓާ ތަކާފުލް ނަގާފައިވާ ކޮންމެ ފަރާތަކަށް ވެސް "ދަހަނާ ސޭފް ޑްރައިވް"ގައި ބައިވެރިވެވެ އެވެ. އެގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އަހަރަކު ޖުމްލަ 30،000 ރުފިޔާ ނަގައިދޭ އިރު އެ ކަވާގެ އަގަކީ 60 ރުފިޔާ އެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި އަހަރަކު ނަގައިދެވޭ 30،000 ރުފިޔާ 150،000 ރުފިޔާ އަށް އިތުރުކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބެ އެވެ. އަދި އެގޮތަށް އިތުރުކުރާ ނަމަ އެ ފަރަތަކަށް ޖުމްލަ ފަސް ޕޮލިސީ ނެގޭނެ ކަމަށާއި ޕޮލިސީ ދޫކުރާނީ ޓިކެޓުގެ ގޮތުގައި އެ އޮފީހުގެ ކައުންޓަރުން ކަމަށް އަމަނާ ތަކާފުލް އިން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން އެ ކުންފުނިން އެއްގަމު އުޅަނދުފަހަރަށް ދެމުންދާ ތާޑް ޕާޓީ އިންޝުއަރެންސަށް ހާއްސަކޮށް ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން މި މަހު 21 އިން ފެށިގެން ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާ ދެމެދު އެ ކުންފުނީގެ ފަރާތުން ތާޑް ޕާޓީ އިންޝުއަރެންސް ހަދާ ކޮންމެ ފަރާތަކަށް 13 މަހުގެ ކަވާއެއްދެ އެވެ. އެ ކުންފުނިން ބުނީ އެގޮތަށް އެއް މަހުގެ އިތުރު ކަވާއެއް ދިނުމުގެ ބޭނުމަކީ މުއްދަތު ހަމަވުމުގެ ކުރިން އިންޝުއަރެންސް އާކުރުމުގެ ހިތްވަރު ކަސްޓަމަރުންނަށް ދިނުން ކަމަށެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން އެއްގަމު އުޅަނދުތަކަށް ތާޑް ޕާޓީ އިމްޝުއަރެންސް ހެއްދުމަކީ ލާޒިމް ކަމެކެވެ. ތާޑް ޕާޓީ އިންޝުއަރެންސް ނުހައްދާ ފަރާތްތަށް އެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު