އެސްޓަން ވިލާ އަތުން އާސެނަލަށް މުހިއްމު މޮޅެއް

އިންގްލިޝް ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިން މެޗުން އެއްވަރުވެފައި ވަނިކޮށް، ރޭ 3 މިނިޓް ތެރޭ 3 ގޯލް ޖަހައި އެސްޓަން ވިލާގެ މައްޗަށް އާސެނަލް މުހިއްމު މޮޅެއް ހޯދައިފި އެވެ.

އިންގްލެންޑްގެ ވިލާ ޕާކްގައި ކުޅުނު މެޗު އާސެނަލް ކާމިޔާބުކުރީ 3-0 ންނެވެ. މެޗުގައި ޖަރުމަނުގެ މިޑްފީލްޑަރު މެސިއުޓް އޮޒިލްއާއި ޒުވާން ފޯވަޑް ޑޭނީ ވެލްބެކްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަން ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފު ފަށައިގެން 32 ވަނަ މިނިޓުގައި އާސެނަލްއަށް ކުރި ހޯދައިދިނީ ވެލްބެކް ދިން ޕާހަކަން މެސިއުޓް އޮޒިލް އެވެ. މިއީ މިދިޔަ ސީޒަންގައި އެމިރޭޓްސް ސްޓޭޑިއަމްގައި އެވަޓަން ކޮޅަށް ގޯލް ޖެހުމަށްފަހު ޕްރިމިއާ ލީގުގައި އޮޒިލް އާސެނަލްއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ. އާސެނަލްއަށް ލީޑު ހޯދައިދިނުމަށްފަހު ޖަރުމަނު ކުޅުންތެރިއާ ވަނީ މެޗުގެ 34 ވަނަ މިނިޓުގައި ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމުގައި ވެލްބެކަށް އެސިސްޓް ކޮށްދީފައެވެ. ވެލްބެކް ގެ މި ގޯލަކީ ޔުނައިޓެޑުން އާސެނަލް އަށް ބަދަލުވުމަށްފަހު ޓީމަށް އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.

ވެލްބެކްގެ ގޯލަށްފަހު އޭގެ 2 މިނިޓް ފަހުން އެސްޓަން ވިލާގެ ސިސޯކޯ އަތުން ބައިކޮޅަށް ގޯލެއް ވަދެ އާސެނަލްއަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ވިއެވެ.

ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ރޭގައިވެސް މެނޭޖަރު ވެންގާ ވަނީ ޓީމުގެ ފުރަތަމަ އެގާރައިން މިޑްފީލްޑާ އޮޒިލްއަށް ފުރުސަތު ދީފައެވެ. ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑް އަތުން ބަލިވި މެޗުގައި ކުޅުނު ޖެކް ވިލްޝެއާ އާއި އެލެކްސިޒް ސަންޗޭޒް މެޗު ފެށީ ބެންޗުންނެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ ޑޯޓްމަންޑް މެޗައްފަހު އޮޒިލްއަށް ކުރިމަތިވެފައިވާ ފާޑުކިއުންތަކާ ހެދި އޭނާ ޓީމުގެ ފުރަތަމަ އެގާރައިން ބާކީ ކުރިނަމަ އޮޒިލް އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ހިތްވަރު އެލިގެންދާނެ ކަމަށެވެ.

" އަހަރެންނަށް އިހުސާސް ވާގޮތުން މިވަގުތަކީ އޮޒިލްއަށް ހިތްވަރު ދޭންޖެހޭ ވަގުތު. މިކަހަލަ ވަގުތެއްގައި ޓީމުން ބާކީ ކުރީމަ އެއިން ކުރާނެ އަސަރެއް އެކަކަށްވެސް ނޭގޭނެ. ޓީމުގައި އެބަތިބި ބައިވަރު އެޓޭކިންގެ ކުޅުންތެރިން. ސަންޗޭޒް ގިނަ މެޗުތަކެއް ކުޅެފައިވުމުން އޭނާ އެބަޖެހޭ އަރާމު ކުރަން. އަހަރެން ބޭނުންވީ މިޑްފީލްޑްގެ ފަހަތުން އޮޒިލް ކުޅެން. މެދުތެރެއިން އެ ބޭނުންވާ ސްޕޭސް އެއީ އޭނާއަށް ވަރަށް މުހިއްމު އެއްޗެއް." ވެންގާ ބުންޏެވެ.

މެޗުގައި އޮޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިއުމުން ކޯޗު ވެންގާގެ އިތުރުން އާސެނަލްގެ ސަޕޯޓަރުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އާސެނަލްގައި ކުރިއެރުންތަކެއް ނުލިބި ޓީމަށް ފައިދާކުރުވަނިވި ކަހަލަ ކުޅުމެއް ނުފެންނާތީ އޮޒިލްއަށް ވަނީ ފަހަކަށް އައިސް ގިނަ ބައެއްގެ ފާޑު ކިއުންތަކާ ކުރިމަތިވެފައެވެ. ނަމަވެސް ރޭގެ މެޗުގައި ތަފާތު ކުޅުމެއް ދައްކައި އޮޒިލް ވަނީ އޭނާ އަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ޕްލޭ މޭކަރެއް ކަމަށާއި އާސެނަލް ޖާޒީގައި ރަނގަޅު ކުރިއެރުންތަކެއް ހޯދޭނެކަން ދައްކާލާފައެވެ.

ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ތިން މެޗުން އެއްވަރުވެފައިވަނިކޮށް މެޗުގެ ކުރިން ތާވަލުގެ ދެވަނައިގައި އޮތް ވިލާގެ މައްޗަށް ލިބުނު މޮޅާއެކު އާސެނަލް ވަނީ ލީގު ތާވަލުގެ ހަތަރުވަނަ ޖެހިލައިފައެވެ. އެއް މެޗު މަދުން ކުޅެގެން އެންމެ ކުރީގައި އަދި ވެސް އޮތީ ޗެލްސީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު