ވެސްޓް ހޭމް އަތުން 3-1 އިން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅެ 3-1 އިން ލިވަޕޫލް ބަލިވެއްޖެ އެވެ. މިއީ ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ ފަހަރެވެ.

ވެސްޓް ހޭމުން ވަނީ ރޭގެ މެޗުގައި ލިވަޕޫލްގެ ޑިފެންސް ލައިންގެ ބަލިކަށި ކަމުގެ ފައިދާ ރަނގަޅަށް ނަގައިފައެވެ. އެގޮތުން މެޗު ފެށިގެން ދެވަނަ މިނިޓްގައި ވެސްޓް ހޭމްގެ ޑިފެންޑަރު ވިންސްޓަން ރީޑް ވަނީ ލިވަޕޫލްގެ ގޯލް ހުޅުވާލައިފައެވެ. އަދި އޭގެ ފަސް މިނިޓްފަހުން އެޓީމުގެ ފޯވާޑް ޑަޔަފްރާ ޒަކޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީ 2-0 އަށް ފުޅާކޮށްފައެވެ.

ލިވަޕޫލްގެ ޒުވާން ފޯވާޑް ރަހީމް ސްޓާލިން މެޗުގެ 26 ވަނަ މިނެޓުގައި ޖަހައިދިން ގޯލާއެކު ލިވަޕޫލަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އުންމީދު އާވެގެން ދިޔައެވެ.

ދެވަނަ ހާފުގެ ކުޅުންތެ ފެށުމާއެކު، އިތުރު ހިތްވަރަކާއެކު ވެސްޓް ހޭމުން ލިވަޕޫލްގެ ޑިފެންސަށް ނުރައްކާކުރަން ފެށި އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 88 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ވެސްޓް ހޭމްގެ މިޑްފީލްޑަރު މޯގަން އަމަލްފިޓާނޯ ވަނީ އެޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗުން ބަލިވެ ލިވަޕޫލް މިހާރު އޮތީ ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީއަށް ވުރެ ހަތް ޕޮއިންޓު މަދުން ލިބި ތާވަލުގެ 10 ވަނައިގައެވެ. ރޭގެ ކާމިޔާބާއެކު ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ވެސްޓް ހޭމް މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގައެވެ.

ލީގުގައި ލިވަޕޫލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ނުކުންނާނީ މިމަހު 27ގައި އެވަޓަންއާ ދެކޮޅަށެވެ. ހަމަ އެދުވަހު ވެސްޓް ހޭމް ބައްދަލު ކުރާނީ މެންޗެސްޓާ ޔުނައިޓެޑާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު