ވިހެއުމަށް ފަހު، ފާހާނާ ތައްޓަށްލައި ފްލަޝް ކޮށްލި ކުއްޖަކު ސަލާމަތްކޮށްފި

ޗައިނާގައި ފާހާނާ ތައްޓަށްލައި ފްލަޝްކޮށްލާފައިވާ ކަމަށް ބެލެވޭ ތުއްތު ކުއްޖަކު ފާހާނާ ހޮޅި ތެރޭގައި ދިރިއޮއްވައި ސަލާމަތްކޮށްފި އެވެ.

ޗައިނާގެ ލިންޔީ ސިޓީގެ ޝަންޑޮންގް ޕްރޮވިންސްގައި ހުރި ޔުނިވާސިޓީއެއްގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން އެގައުމުގެ ފުލުހުން ބުނެފައި ވަނީ އެ ޔުނިވާސިޓީގެ ދަރިވަރަކު ވިހެއުމަށް ފަހު ދަރިފުޅު ހޮޅި ތެރެއަށް ވައްޓާލީ، ބަނޑުބޮޑުވިކަން ސިއްރުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި އޭނާ ވިހާފައި ވަނީ ވެސް އާދީއްތަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ އެންބީސީ ނޫހުގައި ބުނެފައި ވަނީ އެ ތުއްތު ކުއްޖާ ސަލާމަތްކުރެވުނީ، ފާހާނާ ހޮޅި ތެރޭގައި ތާށިވެ، ރޯ އަޑު ދަރިވަރުންތަކަކަށް އިވިގެން އެކަން ރިޕޯޓް ކުރުމުން ކަމަށެވެ. އެ ކުއްޖާ ތާށިވެފައި އޮތީ ހަތް އިންޗި ބޯމިނުގެ ހޮޅިއެއްގަ އެވެ.

"ހޮޅި މަތިން ކުއްޖާއެއް ނުއެއް ނެގުނު. ކުއްޖާ ހޮޅި ތެރެއަށް ވެއްޓުމުން ގޮސް އޮތީ އިމާރާތުގެ ތިންވަނަ ބުރިއާއި ހަތަރު ވަނަ ބުރިއާ ދެމެދު ތާށިވެފައި. ދެން ހޮޅި ފަޅާލައިގެން ކުއްޖާ މައްޗަށް ކޮށްޕައިގެން ނެރެ އެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީ،" އަލިފާން ނިންވާ ޑިޕާޓްމަންޓުގެ ތަރުޖަމާން ތައޯ ފޭންގް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ކުއްޖާގެ މަންމަ ހޯދާފަ އެވެ. ނަމަވެސް އަވަސް ފަރުވާ ބޭނުން ވާތީ އޭނާ ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ ހާދިސާގައި ހޮޅިން ސަލާމަތްކުރި ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ޑޮކްޓަރުން ވަކި އެއްޗެއް އަދިވެސް ހާމަކޮށްފައިނުވާ އިރު، އެ ކުއްޖާގެ މަންމަ އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި ފުލުހުން ބުނެފައި ވަނީ، ދަރިފުޅުގެ މަންމައާ މެދު ގާނޫނީ ފިޔަވަޅެއް އަޅާނީ ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރުމަށް ފަހު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު