ދަރިވަރުންގެ ނުފެންނަ ފަރާތް!

"ކަލޭ އަހަރެންގެ އަމާ ކައިރީ މަށޭ ކިޔައިގެން ކުޓުވައިފިއްޔާ ބިޓު ގެނެސް ކަލޭ ކޮށައި އަޅާލާނަން،" މީގެ ކުރިން ހަމައެކަނި އަންހެން ކުދިންނަށް ތައުލީމު ދެމުން ދިޔަ ސްކޫލެއްގެ އަންހެން ދަރިވަރަކު ބިދޭސީ ފިރިހެން ޓީޗަރަކަށް އިންޒާރު ދެމުން ބުންޏެވެ.

އިސްވެ މިފާހަގަކޮށްލީ ބިދޭސީ ގައުމެއްގެ ސްކޫލެއްގެ ވާހަކައެއް ނޫނެވެ. އެއީ މި ރާއްޖޭގެ ސްކޫލެއްގައި ހިނގި ހާދިސާއެކެވެ. އެ ހާދިސާ އިން ވެސް މިގައުމުގެ ސްކޫލްތަކުގައި ހިނގަމުންދާ ކަންކަމާއި ބައެއް ދަރިވަރުންގެ އަހުލާގު ރަނގަޅަށް ހާމަވެ އެވެ. ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ފޮނި އުންމީދެއްގަ އެވެ. ގިނަ ޓީޗަރުން ސުކޫލްތަކަށް ކިޔަވައިދޭން ވެސް ދަނީ ފޮނި އުންމީދެއްގަ އެވެ. ނަމަވެސް ސްކޫލް މާހައުލުގައި ކަސިޔާރުން އެތައް ކަމެއް ހިނގަމުންދާކަމީ ހަގީގަތެކެވެ. މިއީ ފަހަރެއްގައި މާ ބޮޑަށް ދެކެވޭ ވާހަކަތަކެއް ނޫނެވެ. ހާއްސަކޮށް މީޑިއާއާއި ބީރައްޓި ވާހަކަތަކެކެވެ. ނަމަވެސް މި ފާހަގަކޮށްލަނީ ހިނގަމުންދާ ހިތާމަވެރި ކަންކަމެވެ.

ޓީޗަރުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިންނެވެ. ކުދިންނަށް މަގު ދައްކައިދީ ތައުލީމުދޭން ތިބި މީހުންނެވެ. އެމީހުންނަކީ ކުދިންނާއި ބެލެނިވެރިންްގެ ލޯތްބާއި އަޅާލުން ލިބެން ޖެހޭ ބަޔަކަށް ވާންޖެހެ އެވެ. ނަަމަވެސް ޓީޗަރުންނާ މެދު އަމަލު ކުރެވެމުން މިދަނީ ހީވެސްނުކުރާ ފަދަ ހިތާމަވެރި ގޮތްތަކަކަށެވެ. ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން މިއަދު ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މިދިޔަ އަހަރާއި މި އަހަރު ވެސް އެތައް ކުދިންނެއްގެ ފަރާތުން ޓީޗަރުންނަށް ހަމަލާދިންކަން ތަފާސް ހިސާބުތަކުން އެނގެ އެވެ. ކުއްޖާ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ޓީޗަރުންނަށް ބިރުދެއްކުމާއި ޓީޗަރުންގެ މުދަލަށް ގެއްލުން ދިނުން ފަދަ އަމަލުތައް އެތައް ފަހަރެއްގެ މަތިން ހިނގާފައި އެބަހުއްޓެވެ.

"ޓީޗަރުންނަށް މިއަދު ނެތް އެއްވެސް ބާރެއް. ގިނަ ފަހަރަށް ކިޔަވައިދެވޭކަށް ވެސް ނެތް. ކުލާހަށް ވަދެ ނުކުތުން ނޫން ގޮތެއް ނެތް. ކުދިން ނިޒާމީ ނުކުތާ ނަގައި އެބަ ކުލާސް ހުއްޓުވާ. ކިޔަވައިދޭން ހުއްޓާ އެބަ ބޯޑަށް އެއްޗެތި އުކާ. ދެން ޓީޗަރުންނަށް ގޯސްކޮށް އުޅޭ ކުދިންނަށް އަދަބެއް ދޭން އުޅޭއިރަށް އެބަބުނޭ ތިމަންނަ ގޭންގް އޮންނާނޭ، ކަމެއް ކޮށްފިއްޔާ ކޮށާލާނަމޭ. މިހެން ހަދައި ޓީޗަރުން ދަށްކޮށްފައި ހުންނަނީ ހާއްސަކޮށް ބިދޭސީ ޓީޗަރުން ވަރަށް ބިރުގަނޭ،" ތައުލީމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އަދި މިހާރު ވެސް ޓީޗަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މީހަކު ބުންޏެވެ.

ޓީޗަރުންގެ ބަސް އެހުމާއި ޓީޗަރުންނަށް ކިޔަމަން ވުމަކީ ގިނަ ދަރިވަރުން ދަންނަ ކަމަކަށް މިއަދު ނުވެ އެވެ. އޭގެ ބަދަލުގައި ޓީޗަރަށް އެކިއެކި ގޮތްގޮތުން ބިރުދައްކައި އެމީހުންނަކީ ކުދިންގެ ދަށުވެފައިވާ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުން އަންނަތަން މިއަދު މިދަނީ ފެންނަމުންނެވެ. އެފަދަ ކަންތައްތައް ކާމިޔާބުކަމާ އެކު ކޮށްފައިވުމަކީ ހިތާމަހުރިކަމެކެވެ.

"އަޅުގަނޑުމެން ސްކޫލް ދިވެހި އަންހެން ޓީޗަރެއްގެ ގައިގައި ކުއްޖަކު ޖެހުމުން އަޅުގަނޑު އުޅުނީ ޖެހި ކުއްޖާ ސަސްޕެންޑް ކުރަން. އުޅެނިކޮށް އެއްކަލަ ޓީޗަރު މީހާ އައިސް ރޮއެ ހޭރިގެންފައި އަޅުގަނޑުކައިރީ ބުނީ ހެޔޮނުވާނޭ އެ ކުއްޖާ ސަސްޕެންޑް ނުކުރާށޭ. އެ ކުއްޖާ ބުންޏޭ ސަސްޕެންޑް ކޮށްފިއްޔާ ޓީޗަރު ކޮށައިލާނަމޭ، މިހާ ބިރުވެރި ކަމެއްގައި ޓީޗަރުން މިތިބެނީ،" ހާދިސާއެއް ކިޔައިދެމުން ޓީޗަރަކު ބުންޏެވެ.

ޓީޗަރުންނަށް ކުރާ ގޯނާގެ އިތުރުން ކުދިން ހިންގާ އެހެނިހެން ޖަރީމާތައް ވެސް މަދެއްނޫނެވެ. ބައެއް ޓީޗަރުން ވިދާޅުވާ ގޮތުގައި "މަސްތުވާތަކެތި ޑީލް ކުރާ މަރުކަޒުތަކަކަށް ސްކޫލްތައް ވަނީ ވެފަ" އެވެ. ހަމައެހެންމެ ގޭންގަކަށް ނިސްބަތްވާ ކުއްޖަކަށް ވުމަކީ ބައެއް ސްކޫލް ކުދިންދެކޭ ގޮތުގައި އެމީހުންނަށް ލިބޭ ފަޚުރެކެވެ. އެފަދަ ކުދިން ނިސްބަތްވާ ގޭންގު ބޭނުންކޮށްގެން ބިރުދައްކައި އިންޒާރުދީގެން ބައެއް ކުދިން ސްކޫލްތަކުގެ ތެރޭގައި ރަސްކަން ކުރަމުން އަންނަ ކަމަކީ ދިވެހި މުޖުތަމައުން ފެންނަ މަންޒަރުތަކެވެ. ހަމަ އެހެންމެ މާރާމާރީތައް ހިންގުމާއި ސްކޫލް ތެރޭގައާއި ބޭރުގައި ސިނގިރޭޓް ބުއިމާއި ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ދަނީ ހިންގަމުންނެވެ. ސްކޫލަށް ފޯނު ގެނެސް ޓީޗަރުންގެ އެކިއެކި 'ޕޯސް'ތަކުން ފޮޓޯނަގައި އެފޮޓޯތައް ފޭސްބުކަށް ލައި ޓީޗަރުން ބުލެކް މެއިލް ކުރުމަކީ ވެސް ހިނގާ ކަމެއްކަން ޓީޗަރުންގެ ބަހުން އެނގެ އެވެ.

ދެންވެސް އޮތީ ހަމަ ހިތާމަވެރި ވާހަކަތަކެކެވެ. މިއަދު ސުކޫލް ދަރިވަރުންގެ އިއްފަތްތެރިކަމުގެ ވާހަކައެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެ ސްކޫލްތެރެއިންނާއި ބޭރުން ކުދިންނާއި ހިތާވެ ކުޑަ ކުއްޖެގެ ގޮތުގައި ހުރެ ބައެއް ކުދީން ބަދުއަހުލާގީ އަމަލުތައް ހިންގަމުންދާކަމީ ބޮޑު ހަގީގަތެކެވެ. އޭގެ ތެރެއިން ބައެއް ހާދިސާތައް ސްކޫލްތަކުގެ ތެރޭގައި ހިނގާފައި ހުންނަ އިރު އަނެއްބައި ހާދިސާތައް ހިނގާފައި ވަނީ ސްކޫލުން ބޭރުގަ އެވެ. ކުޑަ ކުއްޖެގެ ގޮތުގައި ހުރެ ބަދުއަޚުލާގީ އަމަލުތައް ހިންގަމުންދާ ނަމަ އެ ކުއްޖެ މުސްތަގުބަލުގެ އަހުލާގް ވަޒަންކޮށްލާށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނެރެފައިވާ ޔޫއެންއެފްޕީއޭގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސިއްހީ ދުޅަހެޔޮކަމާއި ދިރިއުޅުމާގުޅޭ ގޮތުން 2000 އަށް ވުރެ ގިނަ ޒުވާނުން ހިމަނައިގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި އުމުރުން 18 އާއި 21 އަހަރުގެ ޒުވާނުންގެ ތެރެއިން 92 ޕަސެންޓް ކުދިން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގާފައި ވަނީ ރުހިގެންނެވެ. އަދި އުމުރުން 15 އާއި 17 އަހަރުގެ 85 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީގުޅުން ހިންގާފައިވާ އިރު އުމުރުން 15 އަހަރުން ދަށުގެ 65 ޕަސެންޓް ކުދިން ވެސް އަމިއްލަ ރުހުމުގައި ޖިންސީގުޅުން ހިންގާފައިވާ ކަމަށް އެ ދިރާސާ އިން ދައްކަ އެވެ.

"ކައިވެނިނުކޮށް ޖިންސީ ގުޅުން ހިންގުމަކީ އިސްލާމްދީނާއި ދިވެހިންގެ އާދަކާދަތަކާ ނުގުޅޭ ކަމަކަށް ވިޔަސް ރާއްޖޭގައި ޅައުމުރުގައި ޖިންސީގުޅުން ހިންގާ ކުދިންގެ އަދަދު ގިނަ،" ޔޫއެންއެފްޕީއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު ކުދިން އެންމެ ގިނައިން ކްލާސް ކަޓުވާފައި ހުންނަނީ ލޯބިވެރިންނާ ޖެހިގެންނެވެ. އެގޮތުން އޭގެ ބައެއް ކުދިން ކްލާސް ގަޑީގައި ކްލާހަށް ނުގޮސް ބައެއް އެކަހެރި ހިސާބުތަކުގައި ހަރަކާތްތެރިވާތަން ފެނިފައިވާ އިރު މަދުން ނަމަވެސް ކުލީ ކޮޓަރިތަކުން ވެސް ފެންނަ ކަމީ ހިނގާކަންތަކެވެ. އެ ހާދިސާތަކުގެ ފުރަގަހުގައި ވަނީ ބަދުއަޚުލާގީ އަމަލުތައްކަން ކަށަވަރެވެ.

މިދައްކަނީ މާމަދާ މިގައުމާ ހަވާލުވާންތިބި ކުޑަކުދިންގެ ވާހަކަ އެވެ. މާދަމާގެ މުސްތަގުބަލަށް ސްކޫލްތަކުން ތައުލީމް ހާސިލް ކުރަމުންދާ ބައެއް ކުދިން މިވަނީ ޅައުމުރުގައި ކަސިޔާރު މަގު އިހްތިޔާރްކޮށްފަ އެވެ. ޅަ އުމުރުގައި މިވަނީ ބޮޑެތި ކުށްތަކަށް އަރައިގަންނަން ފަށައިފަ އެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެ އިއްފަތްތެރިކަން މިވަނީ ނީލަންކިޔާފަ އެވެ. މިފަދަ އެތައް ކުދިންނެއް އުޅޭކަމީ ހަގީގަތެކެވެ. މިހާލަތުގައި ތައުލީމް ހާސިލްކުރާ ކުދިންތިބި އިރު ގައުމުގެ މުސްތަގުބަލް އޮންނާނެ ގޮތް ވަޒަންކޮށްލާށެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް ބެލެނިވެރިންގެ ޒިންމާ ވެސް ބޮޑު ކަމަށް ފެނެ އެވެ. ދަރިފުޅު ބޭރަށް ދަމުން "ގްރޫޕް ސްޓަޑީސް ހަދާށޭ" ނުވަތަ "ބިޓާ އެކު ރައިޑަކަށް" ނުވަތަ "ރައްޓެއްސަކާ އެކު ކޮފީއެއް ޖަހާލަން" ބުނެލާނެ އެވެ. ބެލެނިވެރިން މާބޮޑަށް އަޅާނުލާ ދަރިން އުޅޭ ނޫޅޭ ތަނެއް ބަލައި ނުލައޭ ބުނެވޭނެ ސަބަބުތައް އެބަހުއްޓެވެ. "ގްރޫޕް ސްޓަޑީސް ހަދަން" ކަމަށް ބުނެ ގެއިން ނުކުންނަ ބައެއް ކުދީން އެ ބުނާ "ސްޓަޑީސް"އެއް ހަދަނީ ކުލީ ކޮޓަރިތަކުގެ ނުވަތަ ޕާކްތަކުގެ އަށިތަކުގެ މަތިންތޯ ގިނަ ބެލެނިވެރިން ބަލައެއް ނުލަ އެވެ. އެކަން އެނގޭ ސަބަބަކީ އެފަދަ އަމަލުތައް މިހާ އާންމު ވެފައި ވާތީ އެވެ.

ހަމަ އެހެންމެ އެފަދަ ކަންކަން ހައްލުކުރަން ބޭނުން ނަމަ ތައުލިމީ ނިޒާމްގައި ހުރި މައްސަލަތަކަކީ ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ކިޔަވައިދޭ މަންހަޖަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ޒިނޭ އާއި މަސްތުވުމަކީ "ބޮޑު ފާފައެއް" މި ވަރަށް ބުނެގެން މިއަދުގެ މުޖުތަމައުއަކާ ނުގުޅެ އެވެ. އެކަންކަން ކުރުމުން މިދުނިޔޭގަޔާއި އާހިރަތުގައި ދިމާވާނެ ކަންކަން ކަމާއި ފާހިޝް އަމަލުތައް ހިންގާ ނަމަ ދިރިއުޅުމުގައި ދިމާވާނެ ގޮންޖެހުންތައް ކިޔަވައިދިނުން ނުވަތަ ދިރިއުޅުން ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަންކަން ކިޔަވައިދީ ތައްޔާރުކުރަންޖެހެ އެވެ.

"ދަރިވަރުން ކިޔަވާ ނިންމާލާ އިރު، ފޮތުން ކިޔެވި އެއްޗަކަށް ވުރެ ބޮޑަށް ދިރިއުޅުމުގެ އަސާސްތައް ކިޔެވުމުގެ ތެރެއިން އެނގެން ޖެހޭ، އެހެންވެ، ލައިފް ސްކިލް އެޑިއުކޭޝަންގެ ދަށުން މުޖުތަމައުގައި ދަރިވަރުން އަދާކުރަން ޖެހޭ ޒިންމާތަކާއި މީހުންނާ ގުޅިގެން އުޅޭނެ ގޮތާއި ޖެހޭ މައްސަލަތައް ހައްލު ކުރުން ފަދަ ގިނަ ކަންތައްތަކެއް ކިޔަވައިދޭނެ،" މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މާސްޓާޒް އިން އެޑިއުކޭޝަނަލް މެނޭޖްމަންޓްގެ ރޮނގުން މަތީ ތައުލީމް ހާސިލް ކޮށްފައިވާ އަދި ތައުލީމީ ދާއިރާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ފަރާތަކުން ވިދާޅުވި ގޮތުގައި "މައިން ބަފައިން އެފަރާތްތަކުގެ ޒިންމާ އަދާކުރުން" މިއީ ކިޔަވާ ކުދިން އެ ހިންގާ ޖަރީމާތައް ހުއްޓުވުމަށް ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތެވެ. އެގޮތުން ކުދިންނަށް ތަރުބިއްޔަތު ދިނުމާއި މުޖުތަމައު ބަލައިގަންނަނީ ކޮންކަމެއްތޯ އަދި ބަލައި ނުގަންނަނީ ކޮންކޮން ކަމެއްތޯ ކުއްޖާއަށް ކިޔައިދޭން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާ އެކު ތައުލީމީ ދާއިރާއަށް ވެސް ބަދަލުގެންނަން ޖެހޭކަމަށް ވާޅުވި އެވެ.

"ކިޔަވައިދިނުމުގައި ކުދިންގެ ހަމައެކަނި އެކަޑިމިކް ނަތީޖާއަށް ފޯކަސް ނުކޮށް، ކުއްޖާއަށް އަހުލާގު ދަސްކޮށްދިނުމާއި، މުޖުތަމައު ބަލައިގަންނަ މީހަކަށް ވުމަށް ދަސްކޮށްދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކިޔަވާކުދިންނާ ގުޅުވައިގެން ރާއްޖޭގައި އަބަދުވެސް ދައްކަނީ ފޮނި ވާހަކަތަކެކެވެ. އެއީ ގިނަ ސްކޮލާޝިޕްތަކެއް ހޯދައިދޭނެ ވާހަކައާއި ބައެއް ދަރިވަރުން ދުނިޔޭގެ ނަން ފާހަގަކޮށްލެވޭ ފަދަ އެވޯޑްތައް ހާސިލް ކުރާ ވާހަކައެވެ. ނަމަވެސް ހަގީގީ މައްސަލަ ހައްލު ކުރަން ބޭނުން ނަމަ އެތައް ކުދިންނެއް މަގު ގެއްލި ފާހިޝް އަމަލުތަކަށް އަރައިގަންނަ ވާހަކަ ދައްކަން ޖެހެ އެވެ. އެ ޖީލް ސަލާމަތް ނުކޮށް އުޖާލާ މުސްތަގުބަލެއް ނެތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް