އައިއެސްގެ މައްސަލާގައި ކުށްވެރިވަނީ ހުޅަނގު: ސާ ޖޯން ސަވާޒް

ލަންޑަން (ސެޕްޓެމްބަރ 21) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ބާރު ގަދަވެ އެ ޖަމާއަތުގެ "ތަރިއެރީ" ހުޅަނގުގެ ގައުމުތަކުން މެދުއިރުމަތީގައި ގެންގުޅޭ ގޯސް ސިޔާސަތުތަކެއްގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުގެ ބޭރުގެ ޖާސޫސީ ކަންތައްތަކާ ބެހޭ އިދާރާ "އެމްއައި ސިކްސް"ގެ ވެރިޔާ ސަރ ޖޯން ސަވާޒް ވިދާޅުވެއްޖެ އެވެ.

މީޑިޔާ އަށް ދެއްވި ނާދިރު ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ 2003 ވަނަ އަހަރު އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގަށް އަރައި ކުރި ހަނގުރާމައިގެ ސަބަބުން އިރާގުގެ ސުންނީންނަށް ލިބުނު ގެއްލުންތަކާއި ސޫރިޔާގެ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް ހުޅަނގުން މަސައްކަތް ނުކުރުމަކީ އިރާގާއި ސޫރިޔާގައި އައިއެސްގެ ބާރު ގަދަވެ އެންމެ ފަހުން އެދެ ގައުމުގެ ބޮޑުބައެއް އެޖަމާއަތުގެ އަތްދަށަށް ދިޔުމަށް މަގުފަހިވެގެން ދިޔަ މައިގަނޑު ސަބަބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގަ އެވެ.

ޖޯން ސަވާޒް އާ ހަވާލާދީ ލަންޑަންގައި ނުކުންނަ "ޑެއިލީ ޓެލެގްރާފް" ނޫހުން ބުނީ އައިއެސް ބާރުގަދަވެ މުސްލިމް ބައެއް ޒުވާނުންގެ މެދުގައި އެ ޖަމާއަތުގެ މަގްބޫލުކަން އިތުރުވެގެން ގޮސްފައިވާ އިރު ހުޅަނގުގެ ގައުމުތަކުގެ މުސްލިމް ކޮމިއުނިޓީތަކުގެ މުސްލިމް ޒުވާނުންގެ ތެރޭގައި ވެސް އައިއެސްއަށް ތާއީދުކުރާ މީހުން އިތުރުވަމުންދާ ކަމުގަ އެވެ.
ހުޅަނގުގެ މުސްލިމް ޒުވާނުންގެ މެދުގައި އައިއެސްގެ މަގްބޫލުކަން އިތުރުވަމުން ދިޔުމުގައި ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި ބޭއިންސާފުގެ އިތުރުން ހުޅަނގުން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޓެރަރިސްޓް ހަރަކާތްތަކަށް ތާއީދުކުރުމާއި އެމެރިކާ ފަދަ ގައުމުތަކުގެ ޙަމަލާތަކުގައި އިރާގާއި އަފްޣާނިސްތާނާއި ޕާކިސްތާނާއި ސޮމާލިޔާ އާއި ޔަމަން ފަދަ އިސްލާމީ ގައުމުތަކުގެ ކުށެއްނެތް މީހުން ކޮންމެ ދުވަހު މަރުވަމުންދާ މައްސަލަތައް ވެސް ހިމެނޭ ކަމަށް މުޙައްލިލުން ދެކެ އެވެ.

ޖޯން ސަވާޒް ވިދާޅުވީ އިރާގާއި ސޫރިޔާގައި ހިގަމުންދާ ދާޚިލީ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ޓަކައި ހުޅަނގުން އީރާނާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އީރާން އެކަހެރިކުރުމަށް ހުޅަނގުން ގެންގުޅޭ ސިޔާސަތުތަކަކީ ވެސް އައިއެސްގެ ބާރުގަދަ ގަދަވެގެންދިޔުމަށް މަގުފަހިވި ސަބަބެއް ކަމުގަ އެވެ.

އެމެރިކާ ސިފައިން އިރާގަށް އަރައި އިރާގުގެ ސިފައިންގެ ކުރީގެ ލަޝްކަރުތައް އުވާލުމާއި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަށް ފަހު އިރާގުގައި ވެރިކަންކުރި ސަރުކާރުތަކުން އެގައުމުގެ ސުންނީންނާ މެދު އަމަލުކުރި އިހާނާތްތެރި ގޮތްތަކުގެ ސަބަބުން ނިކަމެތިކަމާއި ބޭއިންސާފު ސުންނީންނަށް އިޙްސާސް ކުރެވުމަކީ ވެސް އިރާގުގައި އައިއެސް ޖަމާއަތް ފާޅުވުމަށް މަގުފަހިވެގެން ދިޔަ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އައިއެސްގެ ކޮމާންޑަރުންނާއި އިސް ލީޑަރުންގެ ގޮތުގައި އިރާގު ސިފައިންގެ ކުރީގެ ލަޝްކަރުތަކަށް ނިސްބަތްވާ މީހުން ގިނަ ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައްބުނެ އެވެ.

ސަވާޒް ވިދާޅުވީ މީގެ ތިން އަހަރުކުރިން ސޫރިޔާގައި ފެށިގެންދިޔަ ދާޚިލީ ހަނގުރާމައަކީ ވެސް ސޫރިޔާގައި އައިއެސް އުފެދުމަށް މަގުފަހިވެގެން ދިޔަ ސަބަބެއް ކަމަށާ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ބޮޑުބައެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން ބޭރުވެ ހަނގުރާމަވެރިންގެ އަތްދަށަށް ދިޔުމަކީ ސޫރިޔާގައި ވަރަށް ބޮޑު ހުސްކަމެއް އުފެދިގެންދިޔަ ކަމެއް ކަމުގަ އެވެ. މިހުސްކަމަކީ އައިއެސް ޖަމާއަތް ސޫރިޔާގައި ފާޅުވެ އެޖަމާއަތުގެ ބާރު ސޫރިޔާގައި ގަދަވެގެން ދިޔުމުގެ މައިގަނޑު ސަބަބު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޖޯން ސަވާޒް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު