ބޭސްބޯލް އަލުން އޮލިމްޕިކް ގޭމްސްގެ ތެރެއަށް ލެވިދާނެ: ތޯމަސް ބެޗް

އޮލިމްޕިކް ޕްރޮގްރާމާމެދު ތަންކޮޅެއް ރަނގަޅަށް ވިސްނަން ފަށައިފިނަމަ ފަހަރެއްގައި ބޭސްބޯލް ފަދަ އޮލިމްޕިކް ގޭމްސް އިން އުނިކުރެވިފައިވާ ކުޅިވަރުތައް އަނބުރާ ގޭމްސްގެ ތެރެއަށް ލެވިދާނެކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބެޗް ވިދާޅުވެއްޖެ އެވެ.

ދެކުނު ކޮރެއާގެ އިންޗިއޯން ސިޓީގައި ބޭއްވި 17 ވަނަ އޭޝިއަން ގޭމްސް ބައްދަލުވުމެއްގެ ހަވާސާގައި ވާހަކަފުޅުދައްކަވަމުން ތޯމަސް ބެޗް ވިދާޅުވީ 2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްގައި ބޭސްބޯލް ހިމެނުން އެކަށީގެންވާ ކަމަށާއި ޖަޕާނާއި ކޮރެއާ އާއި ޓައިވާން ފަދަ ޤައުމުތަކުގައި ބޭސްބޯލްއަށް ބޮޑު ތާއީދެއް އޮންނަ ކަމަށެވެ. އަދި އޭޝިއަން ގޭމްސްގެ ތެރެއަށް އާ ކުޅިވަރުތައް ހިމެނުމާއި އުނިކުރުމާ ބެހޭގޮތުން މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ ވޯޓުލުމުގައި މިކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އެބަޖެހޭ މިކަންތައްތައް ކުރިއަށް ދާނެ ގޮތަކާމެދު މަޝްވަރާ ކުރަން. އެއަށްފަހު ވަކިވަކި ކުޅިވަރުތަކަށް ބަލާނީ. މިކަމަށްޓަކައި ޑިސެމްބަރުގައި އޮންނަ ވޯޓުން މޮޅުވާންޖެހޭ،" ބެޗް ވިދާޅުވި އެވެ.

ބޭސްބޯލް އާއި ސޮފްޓްބޯލް 1992 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ޖެހެންދެން އޮލިމްޕިކް ގޭމްސް ގައި ރަސްމީ ކުޅިވަރެއްގެ ގޮތުގައި ހިމެނިގެން އައެވެ. ނަމަވެސް 2005 ގައި އޮލިމްޕިކް ކޮމިޓީން ނިންމީ މި ދެކުޅިވަރު ގޭމްސް އިން އުނިކުރާށެވެ. އެންމެ ފުރަތަމަ މިގޮތަށް ގޭމްސް އިން ކުޅިވަރެއް އުނިކޮށްފައިވަނީ 1936 ވަނަ އަހަރުއެވެ. އެއީ ޕޯލޯ އެވެ.

އޮލިމްޕިކް ކުޅިވަރުތަކުން މި ދެކުޅިވަރު އުނިވާން ދިމާވި މައިގަނޑު ސަބަބަކަށްވީ އެމެރިކާގައި އޮންނަ ބޭސްބޯލް ލީގުގައި ކުޅޭ ކުޅުންތެރިންގެ ކްލަބް ތަކުން އެ ކުޅުންތެރިން ޤައުމީ ޓީމް ތަމްސީލުކޮށްދޭން ރިލީޒް ނުދޭތީ އެވެ. އަދި ޔޫރަޕާއި އޭޝިއާގައި ބޭސްބޯލް ކުޅޭ މީހުން މަދުވެ އެކުޅިވަރަށް އޮތް ތާއީދު ދަށްވުމުންންނެވެ.

އޭޝިއަން ގޭމްސް އިން ބޭސްބޯލް އާއި ސޮފްޓް ބޯލް އުނިކުރުމާ ގުޅިގެން އެކަމުގެ އަސަރު 300 އަށްވުރެ ގިނަ އެތްލީޓުންނަށް ކުރިއެވެ. އެ އަދަދުގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ.

ގޭމްސް އިން މި ދެ ކުޅިވަރު އުނިކުރުމަށްފަހު ފަހުން ގޮލްފް އާއި ރަގްބީ ތަޢާރަފްކޮށް 2016 ވަނަ އަހަރު ބްރެޒިލްގައި އޮންނަ އޮލިމްޕިކްސް ގައި މި ދެކުޅިވަރު ހިމެނުމަށް އޮލިމްޕިކް ކޮމިޓީން ވަނީ ނިންމައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު